މި ލިޔުމަކީ ހިތާމަނުކުރާށެވެ! ސިލްސިލާގައި ހިމެނޭ 35 ލިޔުމުގެތެރެއިން 3 ވަނަ ލިޔުމެވެ.

އާޑަ ފުރައްސާރައާއި ކުރިމަތިލާނީ ކިހިނެއް؟

ތަންދޮރު ނުދަންނަ ޖާހިލުން، އެއިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާ، ޚަލްޤުކުރައްވައި އަދި ރިޒްޤުދެއްވާ މާތް ﷲ އަށް ހަޑި ހުތުރު ބަސްތަކުން ނަފްރަތާއި މަލާމާތް ރައްދު ކުރިއެވެ. ވުމާއެކު، ކުށް ފާފައިން މަޢުސޫމްވެގެން ނުވާ އަހަރެމެން އިންސާނުން، މީސްތަކުންގެ ކިބައިން އުއްމީދު ކުރާނީ  ފަހެ ކޮންކަމަކަށް ހެއްޔެވެ؟ ތިބާއަށް އަބަދުވެސް މީހުންގެ އާޑަ ކިޔުމާއި ފުރައްސާރަ އާއި ކުރިމަތިލާންޖެހޭނެއެވެ. އެއީ ނިމުމެއްނުވާ ހަނގުރާމަ އެއްފަދަ އެއްޗެކެވެ. ތިބާ އަކީ އެހެން މީހުންނަށް ރަނގަޅު އަސަރުތަކެއް ގެނެސްދޭ،  ކާމިޔާބު މީހެއްގެ ގޮތުގައި  ހުންނަހާ ހިނދަކު، މީސްތަކުން ތިބާގެ ފަރާތުން ކުށެއް ފެނޭތޯ ބަލައި ތިބާ ބަދުނާމުކޮށް ފުރައްސާރަ ކުރުން ހުއްޓައެއް ނުލާނެއެވެ. މިކަމުން ސަލާމަތް ވެވޭނެ ހަމައެކަނި މަގަކީ، ތިބާ ބިމުގެ އަޑިއަށް ދިޔުމެވެ. ނުވަތަ މީހުންނަށް ނުފެންނަ ހިސާބަށް ބިމުން މައްޗަށް އެރުމެވެ. އެހެންކަމުން ތިބާ އަކީ މީސްތަކުންނާއި އެކު އުޅެމުން އަންނަ މީހަކަށް ވީ ހިނދު، މީހުންގެ ފަރާތުން ކުރިމަތިވެދާނެ ހިތާމައާއި، ފަޟީހަތްކުރުމާއި، އާޑަ ފުރައްސާރަ އަށް އިންތިޒާރުކުރާށެވެ.

އަދި އަންނަނިވި ކަމަކީ ތިބާ އެކަމަކާ މެދު ވިސްނާލުން މުހިންމު ކަމެކެވެ. ބިންމަތީގައި އިށީދެގެން އިންނަ މީހަކު ނުވެއްޓޭނެއެވެ. އަދި މަރުވެފައިވާ ކުއްތާއަކަށް މީހުން އަޅައެއް ނުލާނެއެވެ. އެހެންކަމުން މީހަކު ތިބާ ދެކެ ރުޅި އަންނަ ކަމުގައިވާނަމަ، އޭގެ މާނަ އަކީ ތިބާ އެމީހަކަށް ވުރެ ކުރިއަރާފައި ވުމެވެ. ހެޔޮ ޢަމަލުތަކާއި، ޢިލްމާއި، އަޚްލާޤާއި މުދާވެރިކަމުގައެވެ. ނަމަވެސް، އެމީހުންގެ ނަޒަރުގައި ތިބާ އަކީ، ކުށްކުރުމުގައި ހައްދުފަހަނަ އަޅާފައިވާ މީހެކެވެ. އަދި އެމީހުން ދެކޭ ގޮތުގައި، ތިބާގެ ހުނަރުތަކާއި، ކޮށްއުޅޭ ހެޔޮކަންތައްތަކާއި، އެހެން މީހުންގެ ތަޢުރީފު ލިބެމުންދިޔަ ޢަމަލުތައް ދޫކޮށްލުމުން މެނުވީ ތިބާ އަށް ކުރެވިފައިވާ ކުށްތަކުން ތައުބާވެ އިސްލާހެއް ނުވެވޭނެއެވެ. އެހެނީ އެގޮތަށް އެކަން ކޮށްފިނަމަ، ތިބާ އަކީ އެއްވެސް އެއްޗެއް ނޭނގޭ އަގެއްނެތް މީހަކަށް ވެދެއެވެ. އަދި އެމީހުންނަށް ތިބާއަކީ އެހިސާބުން ނުރައްކަލެއް ނޫން ކަމުގައި ވެގެންދެއެވެ.

ވީމާ، އެފަދަ މީހުންގެ މަލާމާތާއި އާޑަ ކިޔުންތަކާއި ކުރިމަތިލާއިރު ކެތްތެރިކަމާ އެކު ސާބިތުވެ ހުންނާށެވެ. އެބައިމީހުންގެ ބަސްތަކުން  އަސަރުކޮށް، އޭގެ ސަބަބުން އަމިއްލަ ނަފްސަށް ނުރަނގަޅު ކަންތައްތަކެއް ކުރިމަތިކުރުވުމުގެ ބަދަލުގައި، އެންމެ ރީތި އަޚްލާޤު ދައްކައި އެބައިމީހުންނަށް މާފުކުރާށެވެ. އަދި އެބައިމީހުންނަށް ފުރަގަސްދޭށެވެ. އެބައިމީހުންގެ ރޭވުންތަކާމެދު ހާސްވެ ދެރަނުވާށެވެ. އެހެނީ، އެބައިމީހުންގެ ނަފުރަތުގެ ސަބަބުން ތިބާގެ އަގު އުފުލި، އަގު ވަޒަންކުރުން އިތުރު ވެގެންދިޔުން ނޫން ކަމެއް ނުވެއެވެ.

ހަމަ ޔަޤީނުންވެސް ތިބާއަކަށް އެމީހުންގެ ދުލަކު ނުހިފެހެއްޓޭނެއެވެ. އަދި އެމީހުން އެ ކިޔާ އެއްޗެއް ކިޔުން ނުވެސް ހުއްޓުވޭނެއެވެ. އެކަމަކު، އެމީހުން ކިޔާ އެއްޗަކަށް އަޅައި ނުލައި އެމީހުންނަށް ފުރަގަސްދީ ،އެމީހުންގެ އާޑަ ފުރައްސާރަ ތިބާއަށް ވަޅުލެވިދާނެއެވެ.

قُلْ مُوتُوا بِغَيْظِكُمْ (سورة آل عمران119 )

މާނައީ: ތިޔަބައިމީހުން ރުޅިއައިސްގެން މަރުވާށެވެ.

ތިބާ އެދެނީ އެންމެންގެ ލޯތްބާއި ބަލައިގަތުން ކަމުގައިވާނަމަ، ތިޔަ އެދެނީ މުސްތަހީލުކަމަކަށެވެ.