މި ލިޔުމަކީ ހިތާމަނުކުރާށެވެ! ސިލްސިލާގައި ހިމެނޭ 35 ލިޔުމުގެތެރެއިން 4 ވަނަ ލިޔުމެވެ.

ކިސްރާ ރަސްގެފާނާއި މުސްކުޅި އަންހެން މީހާ.

ބުޒްރު ޖަމްހަރު ނަމަކަށް ކިޔާ ފާރިސްކަރައިގެ ޙިކުމަތްތެރިއަކު، ކިސްރާ ރަސްގެފާނާއި މުސްކުޅި އަންހެން މީހާގެ ވާހަކަ ކިޔައިދިނެވެ.

ކިސްރާ ރަސްގެފާނުގެ ގަނޑުވަރު ހުންނަ ސަރަހައްދުގައިވާ، ކުޑަ ބިމެއްގައި އެ އަންހެން މީހާ ގެ ކުޑަ ޖިފުޓި އެއް ހުރެއެވެ. އަދި އެތަނުގައި އޭނާ ކުކުޅެއް ގެންގުޅުނެވެ. އެއްދުވަހަކު އެ އަންހެން މީހާ އެހެން އަވަށަކަށް ދަތުރަކު ދާން ޖެހުނެވެ. އަދި އޭނާ ފުރުމުގެ ކުރިން، އޭނާގެ ކުކުޅު ރައްކާތެރި ކޮށްދެއްވުން އެދި މާތް ﷲ އަށް ދުޢާ ދެންނެވިއެވެ. އަދި މި އަންހެން މީހާ ދަތުރުވަރުގައި ވަނިކޮށް، ކިސްރާ ރަސްގެފާނުގެ ގަނޑުވަރުގެ ބަގީޗާތައް ތަނަވަސްކުރުމަށްޓަކައި، ބާރުގެ ބޭނުންކޮށް، އެ އަންހެން މީހާގެ ބިން އަތުލިއެވެ. ރަސްގެފާނުގެ ލަޝްކަރުން، އެ އަންހެން މީހާގެ ޖިފުޓި ސުންނާފަތިކޮށްލިއެވެ. އަދި އެ އަންހެން މީހާގެ ކުކުޅު ކަތިލިއެވެ. ދެން އަންހެން މީހާ ދަތުރުން އެނބުރި އައިތަނާ މި މަންޒަރު ފެނުމުން، އުޑަށް ބަލަން އިނދެގެން މާތް ﷲ އަށް ދުޢާކުރިއެވެ. “އޭ ﷲ ، މިއަޅާ މިތަނުގައި ނެތް ވަގުތުގައި އިބަ ﷲ ވޮޑިގެންވީމު ނޫންހެއްޔެވެ؟” މިފަދައިންނެވެ. ދެން މާތް ﷲ އޭނާ އަށް ބަދަލު ދެއްވެވިއެވެ. ފަހުން ކަން ހިނގައި ދިޔަ ގޮތުގައި، ކިސްރާ ރަސްގެފާނުގެ ފިރިހެންދަރި، އޭނާގެ ބައްޕަ އަށް ވަޅިން ހަމަލާ ދީ މަރައިލައެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

﴿ أَلَيْسَ اللَّـهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِن دُونِهِ ۚ وَمَن يُضْلِلِ اللَّـهُ فَمَا لَهُ مِنْ هَادٍ ﴾ (سورة الزمر 36 )

މާނައީ: اللَّه، އެކަލާނގެ އަޅާއަށް ފުދޭކަމުގައި ނުވޭހެއްޔެވެ؟ އަދި އެއުރެން އުޅެނީ އެކަލާނގެ ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެތިން ކަލޭގެފާނު ބިރުގެންނެވުމަށެވެ. އަދި اللَّه މަގުފުރައްދަވާ މީހަކަށް ތެދުމަގުދައްކާނޭ އެކަކުވެސް ނުވެތެވެ.

 

އަހަރެމެން އެންމެންނަކީވެސް މި ފިދައިން ބުނި، ޢާދަމް ޢަލައިހިއްސަލާމްގެ ދަރިކަލުން ފަދަ ހެޔޮބަޔަކަށް ވާނެ ނަމަ ކޮންފަދަ ހެއްޔެވެ!

މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

﴿ لَئِن بَسَطتَ إِلَيَّ يَدَكَ لِتَقْتُلَنِي مَا أَنَا بِبَاسِطٍ يَدِيَ إِلَيْكَ لِأَقْتُلَكَ ۖ إِنِّي أَخَافُ اللَّـهَ رَبَّ الْعَالَمِينَ ﴾(سورة المائدة 28 )

މާނައީ:  ހަމަކަށަވަރުން، ތިމަން ޤަތުލުކުރުމަށްޓަކައި ކަލޭގެ އަތް ތިމަންނަޔާ ދިމާޔަށް ދިއްކުރިއަސް، ކަލޭ ޤަތުލުކުރުމަށްޓަކައި، ތިމަންގެ އަތް ކަލެޔާ ދިމާޔަށް ދިއްކުރާނޭ މީހަކު ކަމުގައި ތިމަން ނުވަމެވެ. ހަމަކަށަވަރުން، ޢާލަމްތަކުގެވެރި اللَّه ދެކެ ތިމަން ބިރުގަންނަމެވެ.

ރަސޫލާ ޞައްލައްﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

فكُنْ عبدَ اللهَ المقتولَ ولا تكنْ عبد اللهِ القاتلَ (رواه أحمد، وصححه الألباني)

މާނައީ: ޤަތުލު ކޮށްލެވޭ ﷲ ގެ އަޅެއްކަމުގައިވާށެވެ، ޤަތުލުކުރާ ﷲ ގެ އަޅެއްކަމުގައި ނުވާށެވެ. (އެބަހީ: ޤަތުލުކޮށްލެވޭ މީހެއް ކަމުގައި ވާންޖެހުނަސް، މީސްތަކުން ޤަތުލުކުރާ މީހެއް ކަމުގައި ނުވާށެވެ.)

ބަދަލު ހިފުމާއި، ހިތްނުބައި ކުރުމާއި ނަފްރަތަށްވުރެ މާ މުހިންމު މަޤުޞަދުތަކާއި ފިލާވަޅުތައް، މުސްލިމުންގެ ކިބައިގައި  ވެއެވެ.