މި ލިޔުމަކީ ކީރިތި ޤުރުއާން ކިޔަވާމީހާ ދެނެގަތުން މުހިއްމު މައްސަލަތައް ސިލްސިލާގައި ހިމެނޭ 6 ލިޔުމުގެތެރެއިން 3 ވަނަ ލިޔުމެވެ.

ތިންވަނަ މައްސަލަ

މޮޅު އިތުރުވެގެންވަނީ ޤުރުއާން ހިތުން ކިޔެވުން ތޯ؟ ނުވަތަ މުޞްޙަފް ބަލައިގެން ކިޔެވުން ތޯ؟


އިމާމް އައްނަވަވީ رَحِمَهُ الله ވިދާޅުވެފަވެއެވެ:[1] މުޞްޙަފު ބަލައިގެން ޤުރުއާން ކިޔެވުން ހިތުން ކިޔެވުމަށްވުރެ މޮޅުއިތުރުވެގެންވެއެވެ. މި ފަދައިން ޝާފިޢީ މަޒްހަބުގެ ޢިލްމުވެރިން ވިދާޅުވެއެވެ. އަދި މިއީ ސަލަފުންގެ ޢިލްމުވެރިންގެ އަރިހުގައިވެސް މަޝްހޫރު ރައުޔެވެ. ނަމަވެސް އެއީ މުތުލަޤުގޮތެއްގައި ނޫނެވެ. ކިޔަވާ މީހާ ހިތުން ކިޔެވުމުން މުޞްޙަފު ބަލައިގެން ކިޔެވުމަށްވުރެ ބޮޑަށް ތަދައްބުރު ކުރުމާއި އަދި ވިސްނާއިގަތުމާއި އަދި ހިތާއި ފެނުން ޖަމާވާނަމަ (އެބަހީ: ހިތުން ކިޔަވާއިރު ލޮލަށް އާޔަތްތައް ފެންނަ ފަދައިން ވާނަމަ)، ހިތުން ކިޔުން އެމީހަކަށް ހެޔޮވެގެންވެއެވެ. ދެގޮތަށް ވެސް މިކަންކަން (އެބަހީ: ތަދައްބުރު ކުރުމާއި ވިސްނާގަތުން) ހާސިލްވާނަމަ، އެހާލަތުގައި މުޞްހަފު ބަލައިގެން ކިޔެވުން މޮޅުއިތުރެވެ. ސަލަފުންގެ ޢިލްމުވެރިންގެ ބަސްފުޅުގެ މުރާދަކީ މިއީއެވެ.

 

އަލްޙާފިޡް އިބްނު ކަޘީރު رَحِمَهُ الله ވިދާޅުވެފަވެއެވެ:[2] ވަރަށް ގިނަ ޢިލްމުވެރިން ޞަރީޙަކޮށް ބަޔާން ކޮށްދެއްވާފައިވާ ގޮތުގައި މުޞްޙަފު ބަލައިގެން ކީރިތި ޤުރުއާން ކިޔެވުން މޮޅު އިތުރުވެގެންވެއެވެ. އެހެނީ އެކަމުގައި ކިޔެވުމާއި މުޞްޙަފަށް ބެލުން ޝާމިލުވެގެންވާތީއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ: މި މައްސަލަ ބިނާވެގެންވަނީ ކިޔެވުމުގައި ޚުޝޫޢަތްތެރިވެވޭ ގޮތެއްގެ މައްޗަށެވެ. ބޮޑަށް ޚުޝޫޢަތްތެރިވެވެނީ ހިތުން ކިޔެވުމުން ކަމަށްވާނަމަ އެގޮތް މޮޅު އިތުރު ވެގެންވެއެވެ. އަދި މުޞްޙަފު ބަލައިގެން ކިޔެވުމުން ބޮޑަށް ޚުޝޫޢަތްތެރި ވެވޭނަމަ އެގޮތް މޮޅު އިތުރު ވެގެންވެއެވެ. މި ދެގޮތް (ޚުޝޫޢަތްތެރިވެވޭ މިންވަރު) ހަމަހަމަ ވެއްޖެ ނަމަ މުޞްޙަފު ބަލައިގެން ކިޔެވުން މޮޅު އިތުރު ވެގެންވެއެވެ. އެހެނީ އެގޮތް ސާބިތުކަން ބޮޑުވެގެން ވެއެވެ އަދި މުޞްޙަފަށް ބެލުމުން އެހެން ކަންކަމާއި ދިމާލަށް ހިޔާލާއި ފިކުރު ދިޔުން ދުރުކޮށްދެއެވެ.

 

އަލްޙާފިޡް އިބްނު ޙަޖަރު رَحِمَهُ الله ވިދާޅުވެފަވެއެވެ:[3] ވަރަށް ގިނަ ޢިލްމުވެރިން ޞަރީޙަކޮށް ބަޔާން ކޮށްދެއްވާފައިވާ ގޮތުގައި މުޞްޙަފު ބަލައިގެން ކީރިތި ޤުރުއާން ކިޔެވުން މޮޅު އިތުރުވެގެންވެއެވެ. ޖުމުލަގޮތެއްގައި: މުޞްޙަފު ބަލައިގެން ކިޔެވުމުން ކުށްޖެހުމުގެ ފުރުސަތު ހަނިވެގެންދެއެވެ. ނަމަވެސް ހިތުން ކިޔެވުން ދެއްކުންތެރި ކަމާއި ދުރުވެގެން ވެއެވެ. އަދި ޙުޝޫއަތްތެރިކަން ގެނުވުން ބޮޑެވެ. އަހުރެންނަށް މި ކަމުގައި ހާމަވެގެންދިޔަ ކަމަކީ، އެކަން ބިނާވެގެންވަނީ މީސްތަކުންގެ ޙާލަތަށެވެ. (އެބަހީ މޮޅު އިތުރު ވެގެން ވަނީ ހިތުން ކިޔެވުންތޯ ނުވަތަ ބަލައިގެން ކިޔެވުންތޯ ބިނާވެގެންވަނީ ކިޔަވާ މީހާގެ ޙާލަތަށެވެ.)

 

 

[1] الأذكار ص (198)

[2] فضائل القرآن ص (68-80)

[3] فتح الباري (11/283)