މި ލިޔުމަކީ ހިތާމަނުކުރާށެވެ! ސިލްސިލާގައި ހިމެނޭ 35 ލިޔުމުގެތެރެއިން 6 ވަނަ ލިޔުމެވެ.

މާޒީ ތާއަބަދަށް އަލްވަދާއު ކިޔައިފިއެވެ.

މާޒީ އާއި މާޒީގައި ހިނގާފައިވާ ކާރިސާ ތަކާއި މެދު ވިސްނައި ހިތާމަކުރުން މަތީ ދެމިހުރެއްޖެ މީހަކީ މޮޔަ އެއް ފަދަ މީހެކެވެ. އެއީ އެމީހާގެ، މިހާރުގެ ދިރިއުޅުމުގެ އަމާޒު ހަލާކު ކޮށްލާ ބައްޔެކެވެ. ވަރުގަދަ އަޒުމެއްގެ ވެރިން އެމީހުންގެ މަޤުޞަދުގައި ސާބިތުވެ، މާޒީގައި ހިނގާފައިވާ ކަންކަން މަތިން ހަނދާން ނައްތާލައެވެ. އެކަންކަމުން ދެން ދުވަހަކުވެސް އަލިކަމެއް ނުފެންނާނެއެވެ. އެހެނީ ސިކުނޑީގައި އެފަދަ ކަންކަން ވަނީ ވަރަށް އަނދިރިކޮށެވެ. މާޒީގެ ފަޞްލުތައް ނިމިގެން ހިނގައްޖެއެވެ. ހިތާމަކުރުމަކުން ވެދިޔަ ކަމެއް އިޢާދައެއް ނުކުރެވޭނެއެވެ. އަދި އެކަންކަމާއި މެދު ހިތާމަކުރުމަކުން އެކަންކަން ރަނގަޅެއްވެސް ނުކުރެވޭނެއެވެ. ހަމަ އެހެންމެ، މަޔޫސްވެ ނާއުއްމީދުވުމަކުން، އެކަންކަން އަނބުރާ ދިރިއުޅުމަކަށްވެސް ނުގެނެވޭއެވެ. ސަބަބަކީ މާޒީ އަކީ ނެތް އެއްޗަކަށް ވާތީއެވެ.

ހިތް ނުތަނަވަސް ކަމާއި ބިރުވެރިކަން ގެނެސްދޭ މާޒީގެ ވަގުތުތަކުގެ ތެރޭގައި ދިރިނޫޅޭށެވެ. މާޒީގެ ޚިޔާލީ ކަންކަމުން ނަފްސު ސަލާމަތް ކުރާށެވެ. އިރު އެރިތަނަށް އިރު އަނބުރާ ގެންދެވިދާނެ ކަމަށް ނުވަތަ ދަރިފުޅު އޭނާގެ މަންމަގެ ރަހިމަށް އަނބުރާ ލެވިދާނެ ކަމަށް ނުވަތަ ލޮލުން ފައިބާ ކަރުނަ އަނބުރާ ލޮލަށް ގެންދިޔުމަށް ތިބާ އަށް ކުޅަދާނަވެގެންވާ ކަމަށް ހީކުރަނީ ހެއްޔެވެ؟ މާޒީގެ ކަންކަމާމެދެ ދާއިމީ ގޮތެއްގައި ވިސްނާނަމަ ތިބާގެ ނަފްސަށް ތި ކުރިމަތި ކުރުވެނީ ފުން ހިތާމަ އާއި ބިރުވެރިކަމެކެވެ.

މާޒީގެ ވާހަކަތައް މާގިނައިން ހަނދާންކުރުމަކީ ތިބާގެ، މިހާރުން ބޭކާރުކޮށްލެވޭ ވަގުތުތަކެކެވެ. ކުރީގެ އުއްމަތްތަކުގެ ވާހަކަ ބަޔާންކުރައްވާ މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

﴿ تِلْكَ أُمَّةٌ قَدْ خَلَتْ ﴾ (سورة البقرة 134 )

މާނައީ: އެއީ، ހަމަކަށަވަރުން ފާއިތުވެހިނގައްޖެ އުއްމަތެކެވެ.

މާޒީވެ ދިޔަ ދުވަސްތަކުގެ ކަންކަމަކީ ނިމިފައިވާ ކަމެކެވެ. އަދި އެކަންކަމުގެ ސަބަބުތަކާއި މެދު ވިސްނައި އެ ސަބަބުތައް ހޯދަން އުޅެގެން ކުރާނޭ އެއްވެސް ފައިދާ އެއް ނެތެވެ.

މާޒީގެ ތެރޭގައި ދިރިއުޅޭ މީހާ ކީސް ކުނޑި ކީހާ މީހެއް ފަދައެވެ. އަދި މުސްކުޅި ބަހެއްގައިވެއެވެ. މަރުވެފައިވާ މީހުންގެ ކަށްވަޅުން ގަބުރު ނުނަގާށެވެ.

އަހަރެމެންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މުޞީބާތަކީ، އަހަރެމެންގެ މިހާރުގައި އަހަރެމެންނަށް ދިރިއުޅެން ނޭގުމެވެ. ރީތި ގަނޑުވަރުތައް ދޫކޮށްލާފައި ވީރާނާ ވެފައިވާ އިމާރާތްތަކުގެ މައްޗަށް ހިތާމަކޮށް ރުއިމެވެ. ހުރިހާ އިންސީންނާއި ޖިންނީން އެކުވެގެން މާޒީ އަނބުރާ ގެނައުމަށް މަސައްކަތް ކުރިކަމުގައި ވިޔަސް އެއީ ނުވާނެ ކަމެކެވެ. މުސްތަޙީލު ކަމެކެވެ. ދުނިޔެމަތީގައިވާ ހުރިހާ އެއްޗެއް ހިނގަނީ ކުރިއަށެވެ. އާ ދުވަސްތަކަކަށް މަރުޙަބާ ކިޔަމުންނެވެ. ތިބާވެސް އެފަދައިން ވާށެވެ.