މި ލިޔުމަކީ ހިތާމަނުކުރާށެވެ! ސިލްސިލާގައި ހިމެނޭ 35 ލިޔުމުގެތެރެއިން 8 ވަނަ ލިޔުމެވެ.

ފޫހިވުމުން ދުރުހެލިވުމަށްޓަކައި މަސައްކަތުގައި މަޝްޣޫލުވާށެވެ.

ދިރިއުޅުމުގައި ކުރާނެ ކަމެއްނެތި  އުޅޭ މީހުންނަކީ ގިނަފަހަރަށް، ހަޤީޤަތެއް ނެތް ދޮގު ވާހަކަތައް ފެތުރުމުގައި އެމީހުންގެ ވަގުތުތައް ބޭކާރު ކުރާމީހުންނެވެ.

﴿ رَضُوا بِأَن يَكُونُوا مَعَ الْخَوَالِفِ وَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ ﴾   (سورة التوبة 87  )

މާނައީ: (ހަނގުރާމަޔަށް ނުގޮސް) ގޭގައި ތިބޭ އަންހެނުންނާ އެކުގައި ވުމަށް، އެއުރެން ރުހުނޫއެވެ. އަދި އެއުރެންގެ ހިތްތަކުގައި ސިއްކަ ޖައްސަވައި ބަންދު ކުރައްވާފައިވެއެވެ. ފަހެ، އެއުރެންނަށް ނުވިސްނެނީއެވެ

ތިބާ ކަމެއްނެތި ހުސްކޮށް ވަގުތުތައް ދުއްވާލާނަމަ، މާޔޫސްކަމާއި ނާއުއްމީދުވުމަށް ތައްޔާރުވެގެން ހުންނާށެވެ.  އެހެނީ އެފަދަ ޙާލަތްތަކުގައި ތިބާގެ މާޒީ އާއި މިއަދާއި، މާދަމާގެ ތެރެއަށް، އޭގައިވާ ހުރިހާ ދަތި އުނދަގޫ ކަމަކާއިއެކު ތިބާގެ ސިކުނޑި މަޑު މަޑުން  ވަދެ ގެއްލިގެންދެއެވެ.

އެހެންކަމުން، އަހަރެންގެ ނަސޭޙަތަކީ، ކަމެއްނުކޮށް ހުސްކޮށް ހުރުމުގެ ބަދަލުގައި ފައިދާކުރަނިވި ކަންކަން ކުރުމެވެ. އެހެނީ، ކަމެއްނެތި ހުސްކޮށް ހުރުމަކީ ލަސްލަހުން އަމިއްލައަށް މަރުވުން ފަދަ ކަމެކެވެ.

ކަމެއްނެތި ހުސްކޮށް ހުންނަ ހުރުމަކީ، ޗައިނާގެ ޖަލުތަކުގައި ތިބޭ މީހުންނަށް މަދުމަދުން ލަސްލަހުން ދެވޭ އަނިޔާ ތަކެއް ފަދަ އެއްޗެކެވެ. އެމީހުންނަށް ފެން ފޯރުކޮށްދޭ އިސްކޫރުން ފެންތިއްކެއް ޖަހަނީ ގަޑިއަކު އެއްފަހަރުއެވެ. މިގޮތަށް ފެން ތިއްކަށް މަޑުކޮށްގެން ހުންނަ ވަގުތުގައި ، އޭގެތެރެއިން ވަރަށް ގިނަ މީހުން ބުއްދި ފިލައިގޮސް މޮޔައިންނަށް ވެފައި އެބަހުއްޓެވެ.

އެހެންކަމުން، މިވަގުތުން ފެށިގެން ތެދުވާށެވެ. ދުޢާ ކުރާށެވެ. ފޮތެއްކިޔާށެވެ. ތިބާ ހެއްދެވި ފަރާތް މަތިވެރިކޮށް ޘަނާ ކިޔާށެވެ.

ލިޔާށެވެ. ތިބާގެ ކުތުބުހާނާ ތަރުތީބުކޮށްލާށެވެ. ގޭގައި މަރާމާތުކުރަންޖެހިފައިވާ އެއްޗެއް ހަދާލާށެވެ. ނުވަތަ އެހެން ބަޔަކަށް ހެޔޮ ފޯރުކޮށްދޭށެވެ. މިފަދަ ކަމެއް ކުރުމުން، ތިބާ ހަރަކާތްތެރި ނުވެ ހުރި ނަފްސު އެކަމުން ސަލާމަތް ކޮށް އެކަމަށް ނިމުމެއް ގެނެވިދާނެއެވެ. އަހަރެން މިވާހަކަތައް މިކިޔައިދެނީ ހަމަ ޙަޤީޤަތުގައިވެސް ތިބާ އަށް ރަނގަޅުގޮތް ވުމަށް އެދޭތީއެވެ.

މަސައްކަތުގައި މަޝްޣޫލުވެގެން، ފޫހިކަމުން ސަލާމަތްވާށެވެ. މި ބުނުމާއި އެއްގޮތަށް އަމަލު ކޮށްފިނަމަ، އުފާވެރިކަމާ ހަމައަށް ވާސިލުވުމަށް ކުރާ ދަތުރުގެ ފަންސާސް އިންސައްތަ ތިބާ ފުރިހަމަ ކޮށްފިއެވެ. ދަނޑުވެރިކަން ކުރާ މީހުންނާއި، ވަޑާންކުރާ މީހުންނާއި، އެހެން މަސައްކަތްތައް ކުރާ މީހުންގެ މަސައްކަތަށާއި އެމީހުން މަސައްކަތް ކުރާގޮތަށް ރަނގަޅަށް ބަލާށެވެ. އެމީހުންގެ ދުލުން ނިކުންނަ ބަސްތަކުގައި ދޫނި ގޮވާ އަޑު ފަދަ ރާގެއްވެއެވެ. ސަބަބަކީ އެމީހުން ހިތްހަމަޖެހިފައިވުމެވެ. ދެން އެއަށްފަހު ތިބާގެ ނަފްސަށް ގާތުން ބަލާށެވެ. ތިބާ ކަރުނަ ފޮހޭ ހާލުގައި އެނދުގައި ފުރޮޅިލަ ފުރޮޅިލާ އޮންނަ ގޮތާއިމެދުއެވެ. އަބަދުވެސް ހިތްދަތިކަންމަތީ އަމިއްލަ ނަފްސަށް ގެއްލުން ދިނުން މަތީގައެވެ.