މި ލިޔުމަކީ ހިތާމަނުކުރާށެވެ! ސިލްސިލާގައި ހިމެނޭ 35 ލިޔުމުގެތެރެއިން 9 ވަނަ ލިޔުމެވެ.

ނަކަލު ކުރާ މީހަކަށް ނުވާށެވެ.

ތިބާ ގެ ނެތް ކަމެއް ދައްކައިގެން ތިބާގެ ނަފްސު ބަދަލުކުރަން ނޫޅޭށެވެ. އަދި އެހެން މީހުން ނަކަލު ނުކުރާށެވެ.  ވަރަށް ގިނަ މީހުންނަކީ އެހެން މީހުން ނަކަލު ކުރުމަށްޓަކައި، އަމިއްލަ އަޑު ވެސް ހަނދާން ނެތޭ ކަމަށް ހަދާ މީހުންނެވެ. އެމީހުންގެ ހަރަކާތްތައް ވެސް މެއެވެ. އެމީހުންގެ ޢަމަލުތަކާ ވިސްނުން ވެސް މެއެވެ. އަދި އާދަތައްވެސް މެއެވެ. މިކަމުގެ ސަބަބުން ނުކުންނަ ނަތީޖާ ތަކުގެ ތެރޭގައި، އުފާވެރިކަން ގެއްލުމާއި، އަދި އެމީހާ ދިރިހުންނަ ހުރުމަށް (އިންސާނީ ވަންތަކަމަށް) ކުރިމަތިކުރުވާ ވަރަށް ބޮޑު ގެއްލުމަކަށް ވެދެއެވެ.

އާދަމްގެފާނުން ފެށިގެން ގޮސް މިދުނިޔެއަށް އުފަންވާ އެންމެ ފަހު ކުއްޖާއާއި ހަމައަށް ވެސް  ބޭރުފުށަށް ފެންނަ ފެނުމުގައި  އެއްގޮތްވެގެންވާ  ދެމީހަކު ނުވެއެވެ. މިހެން މިކަން އޮތް އިރު، އުޅޭ އުޅުމުގައްޔާއި، ދެކޭގޮތާއި ގަޔާވާ ކަންކަމުގައި އެއްގޮތްވާންވީ ކީއްވެ ހެއްޔެވެ؟

ތިބާ އަކީ ތަފާތު މީހެކެވެ. މާޒީގައިވެސް ތިބާ އާއި އެއްގޮތް މީހަކު ނުވެއެވެ. އަދި މުސްތަޤުބަލުގައި ވެސް ތިބާ އާއި އެއްގޮތް މީހަކު ނާންނާނެއެވެ. ތިބާ އަކީ މުޅިން ތަފާތު މީހެކެވެ. އެހެންކަމުން ކަނު މީހެއްގެ ގޮތުގައި އެހެން މީހުން ފަހަތުން ހިނގާ އެމީހުން ނަކަލު ކުރާ މީހަކަށް ނުވާށެވެ.

ތިބާގެ އަމިއްލަ ނަފްސުގެ ކިބައިގައި ވާކަންކަމާއި ތަބީޢަތާއި އެއްގޮތަށް ކުރިޔަށް ދާށެވެ.

﴿ قَدْ عَلِمَ كُلُّ أُنَاسٍ مَّشْرَبَهُمْ ۖ ﴾(سورة البقرة 60 )

މާނައީ: ހަމަކަށަވަރުން ކޮންމެބަޔަކު، އެބަޔަކު ފެންބޯންވީ ޖާގަ ދެނެގެންފިއެވެ.

﴿وَلِكُلٍّ وِجْهَةٌ هُوَ مُوَلِّيهَا ۖ فَاسْتَبِقُوا الْخَيْرَاتِ﴾(سورة البقرة 148 )

މާނައީ: ކޮންމެ މީހަކަށްމެ (އަޅުކަންކުރުމުގައި) އެމީހަކު ކުރިމަތިލާ ފަރާތެއްވެއެވެ. ފަހެ، ހެޔޮކަންތައްކޮށް އުޅުމުގައި ތިޔަބައިމީހުން އެކަކު އަނެކަކާ ވާދަކޮށް، (އެކަކު އަނެކަކަށްވުރެ) ކުރިއަރައިދާށެވެ!

ތިބާ ހައްދާވާފައިވާ ގޮތުގެ މަތީގައި ހުންނާށެވެ. ތިބާގެ އަޑު ބަދަލުކޮށް ނުވަތަ ހިނގާ ގޮތް ބަދަލު ކުރުމަށް މަސައްކަތް ނުކުރާށެވެ.

އަހަރެމެން އުޅެން އަންގަވާފައިވާ ގޮތަށް ތަބާވެ، ތިބާގެ އަމިއްލަ ނަފްސު ގައިވާ ކަންކަން ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރާށެވެ. އަދި އެހެންމީހުން ނަކަލު ކޮށްގެން ތިބާގެ ދިރިހުރުމަކީ ބާތިލު ނުވަތަ ނެތް އެއްޗަކަށް ނުހަދާށެވެ.   އަދި ތިބާ އަކީ ތަފާތު މީހަކަށް ވާކަމަށްޓަކައި، އެކަމުން މަހުރޫމު ނުވާށެވެ.

އަހަރެމެން އެދެނީ، ތިބާ ހިތް އެދޭ ކަންތައްތަކާއި ތިބާ އިޚްތިޔާރުކުރާ ކަންތައްތަކަކީ ތިބާ އަށް ޚާއްސަ ކަމަކަށް ހެދުމަށެވެ. އަދި ތިބާ، ތިބާގެ ގޮތުގައި ހުރުމަށެވެ. ޚާއްސަގޮތެއްގައި އެއީ ތިބާ އުފައްދަވާފައިވާ ގޮތް ކަމުގައިވާތީއެވެ. އަދި އަހަރެމެންނަށް ތިބާ އެނގިފައިވާ ގޮތަކީ އެއީ ކަމުގައި ވާތީއެވެ.

 

ރަސޫލު ﷲ ޙަދީޘް ކުރައްވާފައިވެއެވެ:

(لَا تَكُونُوا إِمَّعَةً) رواه الترمذي (2007)

މާނައީ: މީސްތަކުނަށް ތަޤްލީދުކުރާ މީހެއްކަމުގައި ނުވާށެވެ.

މީހުންގެ ސިފަތަކުގެ ނިސްބަތުން ބަލާއިރު މީހުންނަކީ، ގަސްގަހާގެހި ފަދަ ބައެކެވެ. ހުތް ފޮނި، ކުރު ދިގު، މިފަދައިންނެވެ. ތިބާގެ ރީތިކަމާއި އަގުވަނީ ތިބާގެ ތަބީޢަތަށް ރައްކާތެރިވެ ބެލެހެއްޓުމުގައެވެ. އަހަރެމެންގެ ތަފާތު ކުލަ އާއި، ބަހުރުވަ އާއި، ހުނަރުތަކާއި ޤާބިލުކަމަކީ އަހަރެމެންގެ ވެރި އިލާޙުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ހެއްކެކެވެ. އެންމެ މަތިވެރި މާތްވެގެންވާ އިލާހެވެ. އެހެންކަމުން އެކަންކަމަށް ކާފަރު ނުވާށެވެ.