މި ލިޔުމަކީ ބިސްމިންކިޔުން ސިލްސިލާގައި ހިމެނޭ 6 ލިޔުމުގެތެރެއިން 4 ވަނަ ލިޔުމެވެ.

ދަޢުވަތު ކާޑާއި ސިޓީތަކުގައި ބިސްމި ލިޔުމުގެ ޙުކުމް

ދަޢްވަތު ކާޑުތަކުގައްޔާއި ސިޓީތައް ފެށުމުގައި ބިސްމި ލިޔުމަކީ ސުންނަތް ވެގެންވާ ކަމެކެވެ. އެހެނީ، ރަސޫލު الله ﷺ މީސްތަކުންނަށް ފޮނުއްވާ ސިޓީތައް ފައްޓަވާފައިވަނީ ބިސްމިނުންނެވެ. އެހެންކަމުން، ކާޑުތަކާއި ސިޓީތައް ފަށަންވާނީ ބިސްމީގެ ބަރަކާތުންނެވެ.

ބިސްމި ލިޔެފައިވާ ލިޔުންތަކާއި މެދު ޢަމަލުކުރާނީ ކިހިނެތް؟

ބިސްމި ނުވަތަ އެނޫންވެސް ޤުރްއާނުގެ އާޔަތެއް ލިޔެވިފައިވާ ކާޑެއް ނުވަތަ ސިޓީ އެއް ނުވަތަ ގަނޑެއް ލިބިއްޖެ މީހަކު އެއެއްޗަކަށް ރައްކާތެރިވާން ވާނެއެވެ. އެތަކެތީގައި ﷲގެ ކަލާމްފުޅު (ކީރިތި ޤުރުއާން) ނުވަތަ އިސްމުފުޅު  ޑަސްބިން އަށް ނުވަތަ ގޮނޑަށް އެއްލާލުން ހުއްދަވެގެން ނުވެއެވެ. އެފަދަތަކެތި ނައްތާލާނަމަ، އިޙްތިރާމް ލިބިގެންވާ ގޮތަކަށް އަންދާލުން ނުވަތަ ކަރުދާސް ކަފާ ޝްރެޑަރ އަކަށްލާ ނެތިކޮށްލާނީއެވެ. އެހެންކަމުން، ދަޢްވަތު ކާޑެއްގައި ނުވަތަ އެނޫންވެސް ގަނޑެއްގައި ބިސްމި ލިޔެފައިވަނިކޮށް މީހަކު އިހާނެތި ގޮތެއް ހަދައިފިނަމަ، އެކަމުގެ ފާފަ އޮތީ އެކަން ކުރި މީހަކަށް ނުވަތަ ބަޔަކަށެވެ. ލިޔުނު މީހާ އަކަށް ނޫނެވެ.