މި ލިޔުމަކީ ހިތާމަނުކުރާށެވެ! ސިލްސިލާގައި ހިމެނޭ 35 ލިޔުމުގެތެރެއިން 14 ވަނަ ލިޔުމެވެ.

ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟   

މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ

ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟ (سورة الرعد 28 )

މާތް ﷲ ހަނދުމަކުރުމަށްވުރެ ބޮޑަށް، ހިތަށް ހަމަޖެހުން ގެނެސްދޭ، ހެޔޮ ޖަޒާ ދެއްވާ ޢަމަލެއް ނުވެއެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ

ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. (سورة البقرة 152 )

މާތް ﷲ ހަނދުމަކުރުމަކީ މިދުނިޔެމަތީގައިވާ ސުވަރުގެއެވެ. އަދި ދުނިޔެމަތީގައިވާ އެސުވަރުގެ ނުލިބުނު މީހަކަށް އާޚިރަތުގެ ސުވަރުގެއަކަށް ނުވަދެވޭނެއެވެ. ދުނިޔެ މަތީގައި ކުރިމަތިވާ  މައްސަލަތާއި ކަންބޮޑުވުންތަކުން ރައްކާތެރި ކޮށްދޭ  ކަމެއްގެ އިތުރުން ﷲ ހަނދުމަ ކުރުމަކީ، ކާމިޔާބު ހޯދުމަށް އޮތް ފަސޭހަ އަދި ކުރު މަގެކެވެ. ﷲ ހަނދުމަކުރުމާ ބެހޭގޮތުން އައިސްފައިވާ އާޔަތްތައް ކިޔާށެވެ. އޭރުން ތިބާއަށް އޭގެ ފައިދާ އެނގިގެންދާނެއެވެ.

ﷲ ހަނދުމަކުރުމުން، ކަންބޮޑުވުމާއި ބިރުވެރިކަމުގެ ވިލާތައް ތިބާ ގެ ހަޔާތުން ދުރަށްދެއެވެ. އަދި ފަރުބަދައެއް ފަދައިންވާ ތިބާ އަށް ކުރިމަތިވެފައިވާ މައްސަލަތައް ކުދި ކުދިކުދިވެ ބުރައިގެން ދެއެވެ.

ﷲ ހަނދުމަކުރާ މީހުން ހަމަޖެހިގެން އުޅޭ ކަމުގެ އަޑު އިވުމުން ހައިރާން ނުވާށެވެ. ހައިރާންވާންވީ ކަމަކީ، ފަރުވާކުޑަ އަދި ޣާފިލުވެފައިވާ މީހުން އެކަލާނގެ ހަނދުމަކުރުމުން އެއްކިބާވެ ދިރިއުޅުމެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ

އެއީ) މަރުވެފައިވާ، ދިރުމެއްނުވާ ތަކެއްޗެވެ. އަދި އެއުރެން (އެހެން ދިރުމަކަށް) ފޮނުއްވާނެ އިރެއް އެ ތަކެއްޗަކަށް ނޭނގެތެވެ. (21سورة النحل

އަމިއްލަ ނަފްސުގެ ބަދުނަސީބުކަމާމެދު ވިސްނައި ރޭގަނޑުގެ އަރާމު ނިދިން މަހުރޫމުވެފައިވާ މީހުންނެވެ. އެކަލާނގެ އިސްމުފުޅު ތަކުން އެދި ދަންނަވާށެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

هَلْ تَعْلَمُ لَهُ سَمِيًّا

އެކަލާނގެއާ އެއްފަދަ އެކައްޗެއްވެސް ވާކަން ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟ (65) سورة مريم

ތިބާ ﷲ މަތިން ހަނދުމަކުރާ މިންވަރަކަށް ތިބާގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބޭނެއެވެ. ﷲ ހަނދުމަކުރުމުގެ މާނާގައި ، މަދަދަށް އެދި ދެންނެވުމުގައި ފުރިހަމަ އަށް އެކަލާނގެ އަށް ބަރޯސާވުމާއި، އެކަލާނގެއާމެދު ހެޔޮކޮށް ވިސްނުމާއި، އަދި ނަސްރަށް އުއްމީދުކުރުން ހިމެނެއެވެ. ހަމަކަށަވަރުން، އެކަލާނގެއަށް ދަންނަވައިފިނަމަ، އެކަލާނގެ ކުއްތަންވެގެން ވެއެވެ. ދުޢާ އައްސަވާވޮޑިގެންވެއެވެ. އަދި އިޖާބަކުރައްވައެވެ. އެހެންކަމުން، މަޑުމައިތިރި ކަމާއި އިޚްލާސްތެރިކަމާއެކު އެކަލާނގެއަށް ދުޢާ ދަންނަވާށެވެ. ރިވެތި ވެގެންވާ އިސްމުފުޅުތަކާއި، އެކަލާނގެ ފިޔަވައި ހައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމުގައި ތަކުރާރުކޮށް ދަންނަވާށެވެ. ހަމްދު ޘަނާ ދަންނަވައި، ދުޢާކޮށް، ފާފަފުއްސެއްވުމަށް އެދި ދަންނަވާށެވެ. އޭރުން ތިބާއަށް، މާތް ﷲ ގެ އިރާދަފުޅުން، އުފާވެރިކަމާއި ހަމަޖެހުމާއި ބާއްޖަވެރިކަން ލިބިގެންދާނެ އެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

فَآتَاهُمُ اللَّـهُ ثَوَابَ الدُّنْيَا وَحُسْنَ ثَوَابِ الْآخِرَةِ ۗ وَاللَّـهُ يُحِبُّ الْمُحْسِنِينَ

ދެންފަހެ، ދުނިޔޭގެ ثواب އާއި، آخرة ގެ ރިވެތި ثواب އެއުރެންނަށް اللَّه ދެއްވިއެވެ. إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. (148) سورة آل عمران