މި ލިޔުމަކީ ބިސްމިންކިޔުން ސިލްސިލާގައި ހިމެނޭ 6 ލިޔުމުގެތެރެއިން 6 ވަނަ ލިޔުމެވެ.

ކަތިލާއިރު ގައި ބިސްމި ކިޔުމުގެ މައްސަލާގައި ޢިލްމުވެރިން ތިންރައުޔަށް ބެހިގެންވެއެވެ.

ފުރަތަމައީ: ކަތިލާއިރު ބިސްމިން ކިޔުމީ އެދެވިގެންވާ ކަމެކެވެ. މިއީ އިމާމް ޝާފިޢީرَحِمَهُ الله ގެ ރައުޔެވެ.

ދެވަނަ: ކަތިލުމުގެ ކުރިން ބިސްމި ކިޔުމަކީ ކަތިލެވޭ އެތި ޙަލާލު ވުމުގެ ޝަރްޠެކެވެ. ހަނދާންނެތިގެން ބިސްމި ނުކިޔާ ދޫކޮށްލެވުނު ނަމަވެސް ޞައްޙަވާނެއެވެ. މިއީ ޙަނަފީ، މާލިކީ އަދި ޙަންބަލީ މަޛްހަބުގެ ރައުޔެވެ.

ތިންވަނަ: ކަތިލުމުގެ ކުރިން ބިސްމި ކިޔުމަކީ ޝަރްޠެކެވެ. އެއްވެސް ޙާލެއްގައި (ހަނދާން ނެތިގެން ވިޔަސް ނުވަތަ ގަޞްދުގައި ވިޔަސް ނުވަތަ އެކަމުގެ ޙުކުމް ނޭނގިގެން ވިޔަސް) ބިސްމި ނުކިޔިއްޖެނަމަ، ކަތިލުން ޞައްޙަ އެއް ނުވާނެއެވެ. މިއީ ޡާހިރީ މަޛްހަބުގެ ރައުޔެވެ. އަދި އިމާމް މާލިކް އާއި އަޙްމަދުގެ ކިބައިން ރިވާގެންވާ ރިވާޔަތެކެވެ. އަދި ސަލަފްގެ ބައެއް ޢިލްމުވެރިން މިގޮތަށް ވިދާޅުވެފައިވެއެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ އާއި އައްޝައިޚް ޢުޘައިމީން رَحِمَهُ الله އިޚްތިޔާރު ކުރައްވާފައިވާ ރައުޔަކީވެސް މިއީ އެވެ.

މި ބޭފުޅުންގެ ދަލީލަކީ އަންނަނިވި އާޔަތެވެ. ﷲވަޙީ ކުރައްވާފައިވެއެވެ.

﴿ وَلَا تَأْكُلُوا مِمَّا لَمْ يُذْكَرِ اسْمُ اللَّـهِ عَلَيْهِ وَإِنَّهُ لَفِسْقٌۗ ۝ الأنعام:121

 މާނައަކީ: “(ކަތިލާހިނދު) އެ އެއްޗެއްގެ މައްޗަށް، ﷲގެ اِسْمُފުޅު ނަންނުގަންނަ އެއްޗަކުން ތިޔަބައިމީހުން ނުކާށެވެ! ހަމަކަށަވަރުން، އެތަކެތިން ކެއުމަކީ، އުރެދުމެއްކަން ކަށަވަރެވެ.”

ރަސޫލު الله ޙަދީޘް ކުރައްވާފައިވެއެވެ. (مَا أَنْهَرَ الدَّمَ وَذُكِرَ اسْمُ اللَّهِ عَلَيْهِ فَكُلْ) رواه البخاري 

މާނައަކީ: “ ﷲގެ اِسْمُފުޅު ގަނެ ކަތިލެވިފައިވާ ތަކެތި ކައި ހަދާށެވެ.”

މި ޙަދީޘްގައި ޙަލާލުވުމުގެ ޝަރްޠެއް ކަމުގައި ބިސްމި ކިޔުން މިވަނީ ލައްވާފައެވެ. އެހެންކަމުން، ޝަރްޠު ފުރިހަމަ ނުވެއްޖެނަމަ މަޝްރޫޠު ހުއްދައެއް ނުވާނެއެވެ. ވީމާ، ބިސްމި ނުކިޔިއްޖެނަމަ ކެއުން ޙަލާލެއް ނުވާނެއެވެ. މީހަކު ހަނދާންނެތި ވުޟޫ ނުކޮށް ނަމާދުކުރި ނަމަވެސް އެމީހާ އަލުން ނަމާދު އިޢާދަކުރަން ޖެހޭ ފަދައިން، އަދި ވައިބޭރުވެއްޖެނަމަ ވުޟޫ ގެއްލޭކަން ނޭނގުމުގެ ސަބަބުން ވުޟޫނުކޮށް ނަމާދުކޮށްފި މީހާ އަލުން ނަމާދު އިޢާދަކުރަން ޖެހޭ ފަދައިން، ހަނދާން ނެތިގެން، ނުވަތަ ނޭނގިގެން ނުވަތަ ގަޞްދުގައިވެސް ބިސްމި ނުކިޔާ ކަތިލައިފިނަމަ، އެއެއްޗެއް ކެއުން ހުއްދަވެގެން ނުވެއެވެ.  (ބައްލަވާ: الشَرْحُ الْمُمْتِعُ 6/358، الْعِنَايَةُ شَرْحُ الْهِدَايَة 9/489 ، الْفَوَاكِهُ الدِّوَانِي 1/382 ، الْمَجْمُوْعُ 8/387 ، الْمُغْنِي  9/309)

އެހެންކަމުން، އުޟްޙިޔާފަދަ ތަކެތި ކަތިލާން ޖެހޭނީ ނަމާދުގެ އަހްލުވެރިޔެކެވެ. އަދި ކަތިލުމުގެ ކުރިން ބިސްމި ކިޔަން ޖެހޭނެއެވެ. ބިސްމި އާއި އެކު ތަކްބީރު ކިޔުމަކީވެސް އެދެވިގެންވާ ކަމެކެވެ. އެގޮތުން بِسْمِ اللهِ، اللهُ أَكْبَرُ ފުޅު މިފަދައިން ކިޔުން އެދެވިގެންވެއެވެ. 

أَنَس رَضِيَ اللَّهُ عَنْهُ ކިބައިން ރިވާވެގެން ވެއެވެ. (( ضَحَّى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِكَبْشَيْنِ أَمْلَحَيْنِ فَرَأَيْتُهُ وَاضِعًا قَدَمَهُ عَلَى صِفَاحِهِمَا يُسَمِّي وَيُكَبِّرُ فَذَبَحَهُمَا بِيَدِه)) رواه البخاري 

މާނައަކީ: ” ނަބިއްޔާ  އުޟްޙިޔާގެ ގޮތުގައި ދެކަންބަޅި ކަތިލެއްވިއެވެ. އެކަލޭގެފާނު އޭގެ އެއްފަރާތަށް ފައިން އަރުއްވާ بِسْمِ اللهِ، اللهُ أَكْبَرُ ވިދާޅުވެފައި ޛަބަޙަ ކުރެއްވިއެވެ.” 

މި ޙަދީޘުން ދޭހަވަނީ بِسْمِ اللهِ، اللهُ أَكْبَرُ ކިޔުމަކީ ސުންނަތެއް ކަމެވެ. والله أعلم.

 

ބޭރު ގައުމުތަކުން އެތެރެކުރާ އެއްގަމު މަސް ކެއުމުގެ ޙުކުމް

އަހުލުކިތާބީން (ޔަހޫދީންނާއި ނަޞާރާ) އިން ފިޔަވާ އެހެން ހުރިހާ މުޝްރިކުން ކަތިލާ ތަކެތި މުސްލިމުންގެ މައްޗަށް ޙަރާމް ވެގެންވާ ކަމަށާއި، އެބައިމީހުން (ޔަހޫދީންނާއި ނަޞާރާއިން)  ކަތިލާ ތަކެތި މުސްލިމުންނަށް ޙަލާލުވެގެންވާ ކަމަށް ޢިލްމުވެރިން އިޖްމާޢުވެވަޑައިގަންނަވައެވެ. މިކަމުގެ ދަލީލަކީ މާއިދާ ސޫރަތުގެ ފަސް ވަނަ އާޔަތެވެ. ވަޙީ ކުރައްވައިފައިވެއެވެ. ﴿ الْيَوْمَ أُحِلَّ لَكُمُ الطَّيِّبَاتُ وَطَعَامُ الَّذِينَ أُوتُواْ الْكِتَابَ حِلٌّ لَّكُمْ وَطَعَامُكُمْ حِلُّ لَّهُمْ۝ الْمَائِدَة: 5

މާނައަކީ: “އަދު، އެންމެހައި ރަނގަޅު ތަކެއްޗާއި ކަންތަށް، ތިޔަބައިމީހުންނަށް ޙަލާލު ކުރެއްވުނެވެ. ފޮތްލިބގެންވާ މީހުންގެ ކާތަކެތި (ޙަރާމްކަން ޤުރްއާނުގައި އަންގަވާފައިވާ ތަކެތި ނޫން އެހެންތަކެތި) ތިޔަބައިމީހުންނަށް ޙަލާލެވެ. އަދި ތިޔަބައިމީހުން ކާތަކެތި އެބައިމީހުންނަށް ޙަލާލެވެ.”

މިއާޔަތުން ދޭހަވާގޮތުގައި އަހްލުކިތާބީން ކެއުމަށްބޭނުން ކުރާތަކެތި ވަނީ މުސްލިމުންނަށް ޙަލާލު ކުރެވިގެންނެވެ. އޭގެ ތެރޭގައި އެބައިމީހުން ކަތިލާތަކެތިވެސް ހިމެނިގެންވެއެވެ. މިއާޔަތުގެ މަފްހޫމަކީ އަހްލުކިތާބީން ފިޔަވައި އެހެން މުޝްރިކުން ކަތިލާ ތަކެތި މުސްލިމުންނަށް ޙަލާލު ވެގެން ނުވާކަމެވެ.

އެހެންކަމުން ބާޒާރުގައި ވިއްކަން ހުންނަ މަސް (ކަތިލެވިފައިވާ ތަކެތީގެ މަސް)، އެއީ މުޝްރިކުންގެ ތެރެއިން އަހްލުކިތާބީންގެ ކަތިލުމެއް ކަމަށް ވަނީނަމަ، ޝަރްޢީ ހަމަތަކާ ޚިލާފަށް ކަތިލެވިފައިވާކަން ދޭހަނުވާހާ ހިނދަކު އެތަކެތި މުސްލިމުންނަށް ޙަލާލުވެގެންވެ އެވެ. އެހެނީ ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުން ދޭހަވާގޮތުގައި އެތަކެތީގެ އަޞްލަކީ ހުއްދަވުމެވެ. ދެން އެތަކެތި ޙަރާމް ކަމަށް ބެލެވޭނީ އެހެން ނައްޞަކުން ޙަރާމް ކަމަށް ދަލީލު ލިބިގެންނެވެ. 

ހަމަ އެފަދައިން ބާޒާރުގައި ވިއްކަން ހުންނަ މަސް (ކަތިލެވިފައިވާ ތަކެތީގެ މަސް)، އެއީ އަހްލުކިތާބީން ފިޔަވާ އެހެން މުޝްރިކުންގެ ކަތިލުމެއް ކަމަށް ވަނީނަމަ، އެތަކެތި މުސްލިމުންނަށް ޙަލާލުވެގެން ނުވާކަން އިސްވެ ބަޔާން ކުރެވުނު އާޔަތުން ދޭހަވެއެވެ. އަދި ދަންނަބޭކަލުންގެ އިޖްމާޢުން ވެސް މިކަން ދޭހަވެއެވެ. މިފަދަ މަސް ކާން ފެށުމުގެ ކުރިން بِسْمِ اللهِ ކިޔައިގެން ކާންފެށިކަމުގައިވީނަމަވެސް އެތަކެތި މުސްލިމުންނަށް ޙަލާލުވެގެން ނުވެއެވެ.

ބައެއްމީހުން ބުނެ އުޅޭ ގޮތުގައި ކާންފެށުމުގެ ކުރިން بِسْمِ اللهِ ކިޔައިގެން ފެށީމާ ހުއްދަވެއެވެ. އެހެންނަމަވެސް މިއީ މުޅިން ރަގަޅުވާހަކަ އެއް ނޫނެވެ. ސަބަބަކީ އެގޮތަށް ވާރިދުވެފައިވަނީ އަލަށް އިސްލާމްވި ބަޔަކު ކަތިލާ ތަކެއްޗާބެހޭގޮތުން ކަމަށްވާތީއެވެ. أُمُّ الْمُؤْمِنِيْنَ عَائِشَة رَضِيَ اللَّهُ عَنْهُمَا   ގެ ކިބައިން ރިވާވެގެން ވެއެވެ.ޞަޙާބީންގެ ބަޔަކު ކީރިތި ރަސޫލު الله ﷺ ގެ އަރިހަށް ވަޑައިގެންދެންނެވި އެވެ. އޭ a ގެ ރަސޫލާއެވެ. އަލަށް އިސްލާމްވީ ގައުމެއްގެ ބަޔަކު އެމީހުން ކަތިލާފައިވާ ތަކެތި އަހަރުމެންނަށް ހަދިޔާ ކުރެއެވެ. އެމީހުން އެތަކެތި ކަތިލުމުގެ ކުރިން بِسْمِ اللهِ ކީ ކަމެއް އަހަރުމެންނަކަށް ނޭގެއެވެ. އެހިނދު ކީރިތި ރަސޫލު الله ﷺ ޙަދީޡް ކުރެއްވިއެވެ. ތިޔަބައިމީހުން ކާންފެށުމުގެ ކުރިން بِسْمِ اللهِ ކިޔާށެވެ. 

މިޙަދީޘްގައި މިވަނީ ހަމައެކަނި އަލަށް އިސްލާމްވި ބަޔެއްގެ ކަތިލުމުގެ ވާހަކައެވެ. ކޮންމެ ކޮންމެ ބަޔެއްގެ ކަތިލުމުގެ ވާހަކަ އެއް ނޫނެވެ. އެހެންކަމުން ކަތިލާފައި ހުންނަ މަސްގަންނަ އިރު އެތަކެއްޗަކީ ޝަރްޢީ ހަމަތަކުގެ މަތިން ކަތިލެވިފައިވާ ތަކެތިތޯ، އަދި އެއީ ކޮންބަޔެއްގެ ކަތިލުމެއްތޯ ޔަގީން ކުރަން ޖެހޭނެއެވެ. ކުރިންވެސް ބުނެވުނު ފަދައިން މުޝްރިކުންގެ ކަތިލުންތަކުގެ ތެރެއިން މުސްލިމުންނަށް ޙަލާލުވެގެންވަނީ ހަމަ އެކަނި ފޮތުގެ އަހްލުވެރިންގެ ކަތިލުންތަކެވެ. އެނޫން ކަތިލުންތައް މުސްލިމުންގެ މައްޗަށް ޙަރާމްވެގެންވެއެވެ. ވީމާ ބާޒާރުގައި “ޙަލާލް” ލޭބަލް ޖަހާ، އިސްލާމީ އުސޫލުން ކަތިލެވިފައިވާ އެއްޗެއްކަމަށް ބުނެފައިވާނަމަ އެކެއުން ހުއްދަވެގެން ވެއެވެ. ނަމަވެސް ކަނޑައެޅިގެން އެއީ އިތުބާރުނުހިފޭ ފަރާތެއްކަން ޔަގީންވާނަމަ ހުއްދައެއް ނުވާނެއެވެ. “الحلال” މިލޭބަލަކީ ދުނިޔޭގެ ހުރިހާތަނެއްގައިވެސް ޢާއްމުކޮށް ވަކި އުސޫލެއްގެމަތިން ވަކި ޖަމްޢިއްޔާ މުއައްސަސާ ތަކަކުން ދޫކުރާ ލޭބަލެކެވެ. އަދިހަމަ އެހެންމެ ދިވެހިރާއްޖެއަށް އެފަދަ ތަކެތި އެތެރެ ކުރުމުގައި ކަމާބެހޭ ފަރާތްތަކަށް ޙަލާލް ސެޓްފިކެޓް ހުށަހަޅަންޖެހޭގޮތަށް އޮންނަކަންވެސް ފާހަގަ ކޮށްލަމެވެ. ވީމާ މިފަދަ އެއްޗެއް ކެއުމުގެ ކުރިން އެއީ ކޮން ދީނެއްގެ ކާކު ކަތިލިއެއްޗެއްތޯ ބަލާ ސުވާލުކުރުމުގެ ތަކުލީފު މުސްލިމުންނަކަށް ނުޖައްސަވައެވެ. ނަމަވެސް ވަރަޢަ ވެރިކަމުގެ (ދީންވެރިކަމުގެ) ގޮތުން މީހަކު އެފަދަ އެއްޗެއް ނުކެއުމަކީ އެމީހަކަށް ލިބިގެންވާ ޙައްގެކެވެ. ނަމަވެސް އެހެން މީހުންގެ މައްޗަށް އެއްވެސް ހެއްކެއްނެތި އެޙަރާމްކޮށްގެން ނުވާނެއެވެ. وَاللهُ أَعْلَمُ