ހުކުރު ދުވަހަކީ ފަހްތާގެ ޚާއްޞަ ދުވަހެއްގެ ގޮތުގައި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ދުވަހެކެވެ. އެގޮތުން އެހެން ދުވަސްތަކަށް ދެވިފައި ނުވާ އެތައް ޚާއްޞިއްޔަތު ތަކެއް ހުކުރު ދުވަހަށް ދެވިގެން ވެއެވެ. ހުކުރުދުވަހަށް ޚާއްޞަ ކުރައްވާފައި ކަންކަމުގެ ތެރެއިން އެއްކަމަކީ އެދުވަހުގައި ކަހްފު ސޫރަތް ކިޔެވުން އެއީ ޚާއްޞަ އަޅުކަމެއް ކަމުގައި ލައްވާފައިވާކަމެވެ. އެގޮތުން ހުކުރު ދުވަހުގައި ކަހްފު ސޫރަތް ކިޔެމަކީ ވަރަށް މަތިވެރި ސަވާބާއި ދަރުމަ ލިބިނެވި އަޅުކަމެކެވެ. އެކަމާއި ގުޅެގޮތުން ކީރިތި މާތް ނަބިއްޔާ ﷺ ވަނީ ބަޔާކުރައްވާ ފައެވެ.

އެގޮތުން  أَبُوْسَعِيْدٌ الخُدْرِي رَضِيَ اللهُ عَنْهُ ގެކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

((مَنْ قَرَأَ سُوْرَةَ الْكَهْفِ لَيْلَةَ الْجُمْعَةِ أَضَاءَ لَهُ مِنَ النُّوْرِ فِيْمَا بَيْنَهُ وَبَيْنَ الْبَيْتِ الْعَتِيْقِ))[1]

“ހުކުރު ވިލޭރޭ ކަހްފު ސޫރަތް ކިޔަވައިފި މީހާ ދަންނާށެވެ. ކަޢުބަތުﷲ ގެފުޅާއި އެމީހާކާއި ދެމެދުގައިވާ ނޫރުން، އެމީހަކަށް އަލިކަމެއް ދެއްވާނެތެވެ.”

 

އަދި أَبُوْسَعِيْدٌ الخُدْرِي رَضِيَ اللهُ عَنْهُ ގެކިބައިން ރިވާވެގެންވެގެންވާ އެހެން ޙަދީޘެއްގައި ވެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

((مَنْ قَرَأَ سُوْرَةَ الْكَهْفِ فِيْ يَوْمِ الْجُمْعَةِ أَضَاءَ لَهُ مِنَ النُّوْرِ مَا بَيْنَ الْجُمْعَتَيْنِ.))[2]

ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހާ ދަންނާށެވެ. އެމީހަކަށްޓަކައި ނޫރަކުން ދެ ހުކުރު ދެމެދުގައި އަލިކޮށްދޭނެތެވެ.

 

އިސްވެދިޔާ ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި މީހަކު ބުރާސްފަތި ދުވަހުގެ އިރު އޮއްސުމުން ފެށިގެން ހުކުރު ދުވަހުގެ އިރު އޮއްސުމާއި ދެމެދު (އެބަހީ: ހުކުރު ވިލޭރޭ ނުވަތަ ހުކުރު ދުވަހުގެ ދުވާލު)  ކަހްފު ސޫރާތް ކިޔަވައިފި ނަމަ ދެ ހުކުރު ދެމެދުގައި މާތް ﷲ އޭނާއަށްޓަކައި ނޫރެއް ލައްވާނެތެވެ. އަދި އެ ނޫރުގެ ސަބަބުން އޭނާގެ ހިތުގައި އަލިކަމެއް ލެވި އަދި ފެނުމުގައާއި ވިސްނުމުގައި އަލިކަމެއް ލެވިގެން ދާނެތެވެ. އަދި އޭނާގެ ކޮންމެ ހާލަތެއްގައި ވެސް އެ ނޫރުގެ ބަރަކާތް އޭނާއަށް ލިބިގެން ދާނެތެވެ. ނުވަތަ އޭނާގެ ޢަމަލުތައް އުފުލޭ އިރު އުޑަށް އެނޫރު އުފުލިގެން ދެއެވެ. އަދި ޤިޔާމަތް ދުވަހުގެ އޭނާއަށް އިތުރަށް ދެވޭ ނޫރެއް ގޮތުގައި އެ ނޫރު ދެވެއެވެ. މި ގޮތައް މި ނޫރު ހުކުރު ދުވަހުން އަނެއް ހުކުރު ދުވަހަށް (އެބަހީ: ހަފްތާ އެއްކޮށް) ދެމިހުރެތެވެ.

 

ވީމާ ހުކުރު ދުވަހުގެ މި ޚާއްސިއްޔަތުގެ ބަރަކާއި ސަވާބާއި ދަރުމަ ލިބިގަތުމަށް އަވަސްވެވަޑައިގަންނަމާތޯއެވެ. ތިރީގައި މިވަނީ މި މަތިވެރިކަން ލިބިގަންނާނީ ކިހިނެތްކަން ދެނެގަތުމަށްޓަކައި އެކުލަވާލެވިފައިވާ ކަމާއި ގުޅުން ހުރި ސުވާލު ތަކަކާއި ޖަވާބު ތަކެކެވެ.

 

1.ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔެވުމުގެ ޝަރުޢީ ޙުކުމަކީ ކޮބާ؟

އެއީ މުސްތަޙައްބު (ސުންނަތް) ވެގެންވާ ކަމެކެވެ. ސަވާބައި ދަރުމަ ލިބެނިވި މަތިވެރިވެގެންވާ ކަމެކެވެ.

 

2.ކަހްފު ސޫރަތުގެ އެއްބައި ކިޔުމުން މި ސަވާބައި ދަރުމާލިބޭތަ؟

އެއްބައި ކިޔެވުމަކުން އެ މާތްކަން ނުލިބޭނެއެވެ. ހަދީސްގައި ވާރިދުވެފައިވާ މަތިވެރިކަމާއި ސަވާބާއި ދަރުމަ ލިބޭނީ ކަހްފު ސޫރަތް ފެށިގެން ނިމެންދެން އެއްކޮށް ކިޔެވީމައެވެ.

 

3.ކަހްފު ސޫރަތް ކިޔެވުމުގެ މާތްކަން ހާސިލްވާނީ ހުކުރު ދުވަހުގެ ކޮން ވަގުތަކު ކިޔެވުމުން؟

ބުރާސްފަތި ދުވަހުގެ އިރު އޮއްސުމުން ފެށިގެން ހުކުރު ދުވަހުގެ އިރު އޮއްސުމާއި ދެމެދު (އެބަހީ: ހުކުރު ވިލޭރޭ ނުވަތަ ހުކުރު ދުވަހުގެ ދުވާލު) ކިޔަވައިފި ނަމައެވެ.

 

4.ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔެވުމުގެ ޝަރުޢުވެގެން ވަނީ ކޮން ބަޔަކަށް؟

ވަކި ފަރުދަކު އިސްތިސްނާ ނުވާ ގޮތައް އެންމެހާ މުސްލިމުންނަށެވެ. ކުޑަ ކުދިންނާއި ބޮޑެތި މީހުންނާއި އަންހެނުނާއި ފިރިހެނުންނާއި ދަތުރުވެރިންނާއި ރަށުގައި ޤާއިމްވެ ތިބޭ މީހުންނަށެވެ. އަދި ހައިޟުވެރިނަށްވެސް ޚަތިމުގައި ބީހުމަކާއި ނުލާއި ކިޔެވުން ސުންނަތްވެގެން ވެއެވެ.

 

5.ހުކުރު ނަމާދަށް މިސްކިތައްގޮސް ކަހްފު ސޫރަތް ކިޔެވުމަށް ވަކި މާތްކަމެއް ވޭތަ؟
ނުވޭ. ހުކުރަށް ޙާޒިރުވާ މީހުންނާއި އުޒުރަކާއި ހުރެ ހުކުރަށް ހާޒިރު ނުވެވޭ މީހާއަށްވެސް ކަހްފު ސޫރަތް ކިޔެވުން ސުންނަތްވެގެން ވެއެވެ.

 

6.ޚަތިމު ބަލައިގެން ކިޔައިފި ނަމަ ކަހްފު ސޫރަތް ކިޔުމުގެ މާތްކަން ލިބޭތަ؟

ބަލައިގެން ކިޔެވިޔަސް އަދި ހިތުން ކިޔެވިޔަސް ނުވަތަ އެއްބައި ބަލައިގެން އަނެއްބައި ހިތުން ކިޔެވި ކަމުގައިވިޔަސް ކަހްފު ސޫރަތް ކިޔުމުގެ މާތްކަން ލިބޭނެއެވެ. އަދި ޚަތިމު ނުވަތަ ފޯނުން ބަލައިގެން ކިޔެވިޔަސް މެއެވެ.

 

7.މާނަ ނޭނގުނަސް ކަހްފު ސޫރަތް ކިޔުމުގެ މާތްކަން ލިބޭތަ؟

ކިޔަވާ މީހާއަށް މާނަ ނޭނގުނުކަމުގައި ވިޔަސް ކަހްފު ސޫރަތް ކިޔުމުގެ މާތްކަން ލިބޭނެއެވެ. އެހެނަސް އެންމެ މާތް މޮޅު ގޮތަކީ މާނަ ބަލައިގެން މާނައަށް ވިސްނައިގެނ ތަދައްބުރު ކުރުމާއި އެކު ކިޔެވުމެވެ.

 

8.ހުކުރު ދުވަހުގެ އެކި އިރުތަކަށް ބަހާލައިގެން ކިޔެވުމުން ކަހްފު ސޫރަތް ކިޔުމުގެ މާތްކަން ލިބޭތަ؟

އެގޮތަށް ކިޔެވިޔަސް މާތްކަން ލިބޭނެއެވެ. ހުކުރު ވިލޭރެއާއި ހުކުރު ދުވަހުގެ ވަގުތުތަކުގައި ކިޔަވާ ނިންމާލައިފި ނަމަ ވަކިވަކިން ބައިބަޔަށް ކީ ކަމުގައި ވިޔަސް އެމާތްކަން ލިބޭނެއެވެ. އެހެނަސް އެންމެ މާތް ގޮތަކީ އެކީ އެކައްޗަކަށް އެއްފަހަރާ ކިޔަވާ ނިންމާލުމެވެ.

 

މާތްﷲ އަޅުގަނޑުމެން އެންމެންނަށް ހުކުރު ދުވަހުގެ މާތްކަމާއި ސަވާބާއި ދަރުމަ ހާސިލް ކުރުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރައްވާށި.އާމީން

——————————————

[1] رواه الدارمي ( 3407 ) . والحديث : صححه الشيخ الألباني في ” صحيح الجامع ” ( 6471 ) .

[2] رواه الحاكم ( 2 / 399 ) والبيهقي ( 3 / 249 ) . والحديث : قال ابن حجر في ” تخريج الأذكار ” :  حديث حسن ، وقال  :  وهو أقوى ما ورد في قراءة سورة الكهف .انظر : ” فيض القدير ” ( 6 / 198 ) .وصححه الشيخ الألباني في ” صحيح الجامع ” ( 6470 ) .