މި ލިޔުމަކީ ހިތާމަނުކުރާށެވެ! ސިލްސިލާގައި ހިމެނޭ 35 ލިޔުމުގެތެރެއިން 18 ވަނަ ލިޔުމެވެ.

ތިމަންމެންނަށް، اللَّه ފުދެއެވެ. އަދި، ވަކީލު ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ!

މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.

وَقَالُوا حَسْبُنَا اللَّـهُ وَنِعْمَ الْوَكِيلُ

އަދި، އެއުރެން ބުނޫއެވެ. ތިމަންމެންނަށް، اللَّه ފުދެއެވެ. އަދި، ވަކީލު ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ! (سورة آل عمران 173 )

މާތް ﷲ އަށް ފުރިހަމަ އަށް އިތުބާރު ކޮށް ބަރޯސާވެ، އެކަލާނގެ ނިންމެވުމާއި މެދު ރުހި ޤަބޫލުވެ،  އެކަލާނގެއާމެދު  ހެޔޮކޮށް ވިސްނައި، އެކަލާނގެ މަދަދަށް ކެތްތެރިކަމާއެކު އިންތިޒާރު ކޮށްފިނަމަ، އީމާންކަމުގެ ފޮނި މޭވާތަކުން މޭވާ ލިބި، މުއުމިނުންގެ ސިފަތަކުގެ ތެރެއިން އެންމެ މާތް ސިފަތައް ތިބާ ގެ ކިބައިން ފެނިގެން ދާނެ އެވެ. މި ސިފަތައް ތިބާގެ ނަފްސުގައި ރަނގަޅަށް އަށަގަންނުވައިފިނަމަ، މުސްތަޤުބަލާއިމެދު ތިބާގެ ހިތަށް ހަމަޖެހުން ލިބިގެންދާނެ އެވެ. އެހެނީ،  ދިރިއުޅުމުގެ ހުރިހާ ކަމެއްގައި  ތިބާގެ ރައްބަށް ބަރޯސާވެފައިވާތީ އެވެ. މީގެ ނަތީޖާ އެއްގެ ގޮތުން، ތިބާ އަށް މަދަދާއި ، އަޅައިލުމާއި، ރައްކާތެރިކަމާއި ނަޞްރު ލިބިގެންދާނެ އެވެ.

އިބްރާހީމް އަލައިހިއްސަލާމް އަލިފާން ގަނޑަށް އެއްލައިލެވުނު ހިނދު އެކަލޭގެފާނު ދެންނެވިއެވެ. ” ތިމަންމެންނަށް، اللَّه ފުދެއެވެ. އަދި، ވަކީލު ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ!” އެހިނދު މާތް ﷲ ، އެ އަލިފާނަކީ އިބްރާހީމްގެފާނަށް، ފިނި، ރައްކާތެރި އަދި އަމާން އެއްޗެއް ކަމުގައި ލެއްވެވިއެވެ. ރަސޫލާ ޞައްލައް ﷲ އަލައިހި ވަސައްލަމް އާއި އެކަލޭގެފާނުގެ ޞަޙާބީންނަށް ދުޝްމަނުންގެ ފަރާތުން އަތުވެދާނެ ނުރައްކާތެރި ހަމަލާގެ ބިރުވެރިކަން ވެރިވި ހިނދު، އަންނަނިވި އާޔަތުގެ ފުރަތަމަ ބައިގައިވާ ފަދަ ބަސްތަކެއް އެބޭކަލުން ދެންނެވިއެވެ.

حَسْبُنَا اللَّـهُ وَنِعْمَ الْوَكِيلُ ﴿١٧٣﴾ انقَلَبُوا بِنِعْمَةٍ مِّنَ اللَّـهِ وَفَضْلٍ لَّمْ يَمْسَسْهُمْ سُوءٌ وَاتَّبَعُوا رِضْوَانَ اللَّـهِ ۗ وَاللَّـهُ ذُو فَضْلٍ عَظِيمٍ ﴿١٧٤﴾

ތިމަންމެންނަށް، اللَّه ފުދެއެވެ. އަދި، ވަކީލު ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ! (173) ފަހެ، اللَّه ގެ ޙަޟްރަތުން ން ދެއްވި ިޢުމަތާއި ، ފަޟްލުވަންތަވެރިކަމާއިގެން ގެއްލުމެއް ނުލިބި، އެއުރެން އެނބުރި އައޫއެވެ. އަދި، އެއުރެން اللَّه ގެ ރުއްސެވުންހުރި މަގަށް ތަބަޢުވޫއެވެ. اللَّه އީ، ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިރަސްކަލާނގެއެވެ. (174) سورة آل عمران

އެއްވެސް އިންސާނަކަށް އޭނާ އަށް ކުރިމަތިވާ މުޞީބާތުގެ އޮއެވަރާއި ދެކޮޅަށް ހަނގުރާމަ ކޮށް ގަދަވެގަތުމުގެ ބާރެއް  އޭނާގެ ނަފްސަށް ލިބިގެން ނުވެއެވެ. ސަބަބަކީ އިންސާނާ ހައްދަވާފައިވަނީ ބަލިކަށި ކޮށް ކަމުގައިވާތީ އެވެ. އެހެންނަމަވެސް، މުޞީބާތުގެ ވަގުތުގައި، މުއުމިނުން ﷲ އަށް ފުރިހަމައަށް ބަރޯސާވެ އިތުބާރު ކޮށްފިނަމަ، އޭނާ އަށް ކޮންމެ މުޞީބާތަކުންވެސް އަރައިގަނެވޭނެކަން އޭނާ އަށް އެނގޭނެއެވެ.

وَعَلَى اللَّـهِ فَتَوَكَّلُوا إِن كُنتُم مُّؤْمِنِينَ

އީމާން ވެގެންތިބި ބަޔަކުކަމުގައިވާނަމަ، ހަމައެކަނި اللَّه އަށް ތިޔަބައިމީހުން ވަކީލު ކުރާށެވެ! سورة المائدة 23

އޭ އަމިއްލަ ނަފްސަށް އިޚްލާސްތެރިވާން އެދޭ މީހާއެވެ. މުޞީބާތްތަކުން ސަލާމަތްތެރިކަން ހޯދުމަށްޓަކައި އެންމެ މަތިވެރި މާތް ﷲ އަށް ބަރޯސާ ވާށެވެ. އަހަރެމެންނަށް ، اللَّه ފުދެއެވެ. އަދި، ވަކީލު ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ.  ދަރަނިވެރިވެފައިވާ ނަމަ ނުވަތަ އެހެންވެސް މުޞީބާތެއް ޖެހިފައިވާ ނަމަ ބުނާށެވެ. ތިމަންމެންނަށް اللَّه ފުދެއެވެ. އަދި، وވަކީލު ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ.

ތިބާގެ ދުޝްމިނަކާއި ބައްދަލުވެ ބިރުގެންފިނަމަ، ނުވަތަ، އަނިޔާވެރިޔާގެ ނުބައި ޢަމަލުތަކާމެދު ބިރު ހީވެއްޖެނަމަ، ބުނާށެވެ. ” ތިމަންމެންނަށް ، اللَّه ފުދެއެވެ. އަދި، ވަކީލު ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ”

މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

وَكَفَىٰ بِرَبِّكَ هَادِيًا وَنَصِيرًا

ތެދުމަގު ދައްކަވާ ކަލަކު ކަމުގައްޔާއި، މޮޅަށް ނަޞްރު ދެއްވާ ކަލަކު ކަމުގައި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފުދެއެވެ. (سورة الفرقان 31 )