މި ލިޔުމަކީ ހިތާމަނުކުރާށެވެ! ސިލްސިލާގައި ހިމެނޭ 35 ލިޔުމުގެތެރެއިން 20 ވަނަ ލިޔުމެވެ.

އެންމެ މޮޅީ ރިވެތިވެގެންވާ ކެތްކުރުމެކެވެ.

އުދަނގޫ ތަކާއި ކުރިމަތިވުމުން، ހިތްވަރާއި ކެތްތެރިކަމާއިއެކު އެކަންކަމާއި ކުރިމަތިލާ މީހުންނަކީ ވަރަށް މަދު ބައެކެވެ. އެފަދަ ކަމަކާއި ކުރިމަތިވުމުން  މި ސުވާލުތައް އަމިއްލަ ނަފްސާއި ކޮށްލުމަށްފަހު އެކަމާއިމެދު ފުންކޮށް ވިސްނައިލާށެވެ. ތިބާ އާއި އަހަރެން ކެތްތެރި ނުވެ، ދެން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އެހެން ގޮތެއް އެބަ އޮތް ހެއްޔެވެ؟ ކެތްތެރިވުމަށްވުރެ ރަނގަޅު ފަރުވާ އެއް ނުވަތަ ހައްލެއް އެބަ އޮތް ހެއްޔެވެ؟

ކާމިޔާބުގެ އެންމެ މަތީ ހަރުފަތްތަކަށް ވާޞިލުވެފައިވާ މީހުން، އެހިސާބަށް ދިޔުމަށްޓަކައި، މާސިންގާ ކަނޑު ފަދައިންވާ ދަތިތަކާއި އުނދަގޫތައް ކަޑައްތުކުރެއެވެ. މުޞީބާތަކުން ސަލާމަތްވާ ކޮންމެ ފަހަރަކުވެސް، އަނެއްކާވެސް އެހެން އުދަނގޫ ކަމަކާއި ކުރިމަތި ވެދާނެ ކަމަށް ވިސްނައިގެން ހުންނާށެވެ. ދެމިގެންދާ މި ދަތި ކަމުގައި، ތިބާ ކެތްތެރިވެ، މާތް ﷲ އަށް ފުރިހަމައަށް ވަކީލުކުރަން ޖެހެއެވެ. މިއީ  ހެޔޮ ކޮށް ވިސްނާ، މާތް މީހުން އަމަލުކުރާ ގޮތެވެ. އެބައިމީހުން އުދަނގޫ ތަކާއި ކުރިމަތިވުމުން، ނުގުޑާފަދަ އަޒުމަކާއި އެކު އެބައިމީހުންނަށް ދިމާވެފައިވާ އުދަނގޫތައް ބަލިކޮށް އޭގެ މައްޗަށް ކާމިޔާބު ހޯދައެވެ.

އެހެންކަމުން ކެތްތެރިވާށެވެ. އަދި ތިބާއަށް ކެތްތެރިކަން ދެއްވާ ފަރާތަކީ މާތް ﷲ ކަން ހަނދާންކުރާށެވެ.  އުދަނގޫ ކަމަށްފަހު  ފަސޭހަކަން އަންނާނެ ކަމުގެ ޔަގީންކަން ބާއްވައި، އަދި  ކޮންމެ ކަމެއްވެސް ނިމިގެންދާނީ އެންމެ ރަނގަޅަށް ކަން ޔަޤީން ކުރާ ހާލު ކެތްތެރިވާށެވެ. އަދި މާތް ﷲ ގެ ހަޟްރަތުން ޘަވާބާއި ދަރުމައަށް އެދޭ ހާލުގައެވެ. އަދި  ދިމާވެފައިވާ އުދަނގޫތަކަކީ ތިބާގެ ފާފަތައް ފުއްސަވާނެ ކަމެއް ކަމުގައި ދެކޭ ހާލު ކެތްތެރި ވާށެވެ. ކިތަންމެ ބޮޑު މުޞީބާތެއް ކުރިމަތިވީ ކަމުގައިވިޔަސް އަދި ކުރިމަތިން ފެންނަން އޮތް މަގު ކިތަންމެ އަނދިރި ކަމުގައި ވީނަމަވެސް ކެތްތެރިވާށެވެ. އެހެނީ، ހަމަކަށަވަރުން ކެތްތެރި ވެއްޖެނަމަ، ކާމިޔާބު ލިބޭނެއެވެ. އަދި އުނދަގޫ ކަމާއެކު ފަސޭހަކަން ވެއެވެ.

ދިރިއުޅުމުގައި ކާމިޔާބު ބައެއް މީހުންގެ ޙަޔާތުގެ ވާހަކަ ކިޔައިލުމުން، އެބައިމީހުން ކެތްތެރިވާ މިންވަރުގެ ބޮޑުކަމާއި، އެބައިމީހުން އުފުލާފައިވާ ބޮޑެތި ބުރަ ފެނި، އެބައިމީހުންގެ ހިތްވަރުގަދަ ކަމާމެދު  އަހުރެން އަޖައިބު ވިއެވެ. ބޯކޮށް ވެހޭ ފިނި ވާރޭ ފަދައިން އެބައިމީހުންގެ މައްޗަށް އުދަނގޫތައް އައެވެ. ނަމަވެސް އެބައިމީހުންގެ އަޒުމުވީ ނުގުނޑާ ފަރުބަދަ ތަކެއް ފަދައިންނެވެ. އަދި ކުރު ވަގުތު ތަކަކަށްފަހު، އެބައިމީހުން ކެތްތެރިވިކަމަށްޓަކައި، ކާމިޔާބު ލިބިގެން ދިޔައެވެ.