ބުއްދިވެރި ހުނަރުވެރި މީހުން އެމީހުންނަށް ލިބިފައިވާ ގެއްލުންތައް ފައިދާއަށް ބަދަލު ކުރެއެވެ. އެ ހުނަރު ލިބިފައިނުވާ މީހާ، އޭނާ އަށް ކުރިމަތިވެފައިވާ މުޞީބާތް ދެ މުޞީބާތަށް ހަދައި އޭނާ އަށް ލިބިފައިވާ ގެއްލުމާއި ދަތިކަން އިތުރަށް ބޮޑުކޮށްލައެވެ.
މައްކާ ދޫކޮށް ހިޖުރަ ކުރެއްވުމަށް ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް އަށް މަޖުބޫރުވެ ވަޑައިގަތެވެ. އެކަމަކު އެކަލޭގެފާނު ދީނަށް ގޮވާލެއްވުން ދޫނުކުރައްވާ މަދީނާ ގައި އެކަން ކުރިޔަށް ގެންދެވިއެވެ. އިމާމް އަޙްމަދު ބުން ހަންބަލް އަށް އިންތިޙާ ދަރަޖައަށް އަނިޔާވެރިކަމާއި ކުރިމަތިވިއެވެ. ނަމަވެސް، ސުންނަތުގެ އިމާމެއްގެ ގޮތުގައި ވެވަޑައިގެން އެހުރިހައި ކަމެއްގެ މައްޗަށް ކުރި ހޯއްދެވިއެވެ. އިމާމް އިބްނު ތައިމިއްޔާ ޖަލަށް ލެވުނެވެ. އެކަމަކު، ފަހުން އެކަލޭގެފާނު ވެވަޑައިގެންނެވީ ކުރިއަށް ވުރެ މާ ކާމިޔާބު މާ ބޮޑު ޢިލްމުވެރިއަކަށެވެ. އިމާމް އައްސަރަޚްސީ ވެސް ބަންދުގައި ބެހެއްޓުނެވެ. ބޭނުން ނުކުރާ ވަޅެއްގެ އަންމެ އަޑީގައެވެ. އެތަނުގައި އެކަލޭގެފާނު ވިހި ވޮލިއުމްގެ ފިޤުހީ ފޮތެއް ލިޔުއްވިއެވެ. އިބްނު އަޘީރް ނުކުޅެދޭ މީހަކަށް ހަދައިލެވުނެވެ. ނަމަވެސް އޭގެފަހުގައި، ޖަމްޢުލް ޢުޞޫލް އަދި އަންނިޔާޙާ ލިޔުއްވިއެވެ. މި ދެ ފޮތަކީވެސް ހަދީޘް ގެ ޢިލްމުގައި މަޝްހޫރުވެގެން ދިޔަ ދެފޮތެވެ. އިމާމް އިބްނު އަލް ޖައުޒީ ބަޣްދާދުން ބޭރުކޮށްލެވުނެވެ. ދެން އެކަލޭގެފާނު ދަތުރު ކުރެއްވުމުގެ ތެރެއިން ކީރިތި ޤުރުއާން 7 ޤިރާޢަތަށް ކިޔަވަން ދަސްކުރައްވައި އެކަމުގެ މާހިރަކަށް ވެވަޑައިގަތެވެ. މާލިކު އިބްނު އައްރައިބު، އެކަލޭގެފާނުގެ އެންމެ މަޤުބޫލުވި ޅެން ވިދާޅުވީ މަރުތަންމަތީގައި އޮންނަވައިގެންނެވެ. މިއަދާ ހަމައަށްވެސް މީހުން އެ ޅެން ބަލައިގަނެއެވެ. އަބީ ޛުއައިބު އަލް ހަދަލީގެ ދަރިން މަރުވުމުން، އެކުދިންނަށް ތަޢުރީފުކޮށް ޅެމެއް ލިޔުއްވިއެވެ. މުޅި ދުނިޔެ އެ ޅެން އަޑު އަހައި އެއަށް ލޯބިކުރިއެވެ.
އެހެންކަމުން، ތިބާއަށް ބަދުނަސީބު ކަމަކާއި ކުރިމަތިވެއްޖެނަމަ، ހެޔޮކޮށް ވިސްނާށެވެ. މީހަކު ތިބާ އަތަށް ލުނބޯ ހުތް އަޅާ ފުރާފައިވާ ތައްޓެއް ދީފިނަމަ، އެއަށް ހަކުރު އަޅާށެވެ. އަދި މީހަކު ތިބާއަށް ހަދިޔާއަކަށް ހަރުފައެއް ދީފިނަމަ، އޭގެ ރީތި އަގުބޮޑު ހަންގަނޑު ބާއްވާފައި ދެންހުރި ބައިތައް ދޫކޮށްލާށެވެ.
وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ
އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. (سورة البقرة 216 )
ފުރާންސްގެ އަނިޔާވެރި އިސްތިއުމާރުގެ ކުރިން، އެމީހުން ވިސްނުން ތޫނު ދެ ޅެންވެރިން ހައްޔަރު ކުރިއެވެ. އޭގެތެރެއިން އެކަކީ، ކޮންމެ ކަމެއްގައިވެސް ހެޔޮކޮށް ވިސްނާ ހެޔޮކަންކަމަށް އުއްމީދު ކުރާ މީހެކެވެ. ދެވަނަ މީހާ އަކީ، ކަންކަމާއިމެދު ގޯސް ކޮށް ވިސްނާ އަބަދުވެސް ދިމާވާނީ ގޯސް ކަންތައް ކަން ޤަބޫލުކުރާ މީހާއެވެ. އެދެމީހުން ތިބޭ ޖަލުގެ ކުޑަދޮރުގެ ތޭރިތަކުގެ ތެރެއިން ބޯދިކޮށްފައި ބޭރު ބަލައެވެ. އަދި އުއްމީދުކޮށް ހެޔޮކޮށް ވިސްނާ މީހާ ތަރިތަކަށް ބަލާފައި ހިނިތުންވެލައެވެ. އަދި ކޮންމެ ކަމެއްގެވެސް ނުބައި ފަރާތަށް ބަލާ މީހާ، ކައިރީގައިވާ މަގުމަތީގައިވާ ހިރަފުސްތަކާއި ހަޑިތަކަށް ބަލާފައި ރުޔެވެ. މުޞީބާތުގެ އަނެއް ފަރާތަށް އަބަދުވެސް ބަލާށެވެ. އެއްވެސް ކަމެއްގައި ހުސް ގޯސް ކަންތައްތަކެއް ނުވާނެއެވެ. ހުރިހާ ހާލަތެއްގައިވެސް ﷲ ގެ ހަޟްރަތުން ހެވާއި، ފައިދާ އާއި ރަނގަޅު ބަދަލެއް ހޯދޭނެއެވެ.