މި ލިޔުމަކީ ހިތާމަނުކުރާށެވެ! ސިލްސިލާގައި ހިމެނޭ 35 ލިޔުމުގެތެރެއިން 23 ވަނަ ލިޔުމެވެ.

މަޑުކަމެއް އެކުލެވިގެންވާ އެއްޗިއްސަކީ އޭގައި ރީތިކަމެއްވާ އެއްޗެކެވެ. އަދި އެ ސިފަ ލިބިގެންނުވާ ކޮންމެ އެއްޗަކީ،   ވިރާނާ ވެފައިވާ އެއްޗެކެވެ. ތިބާ މީހަކާއި ބައްދަލުވާ ހިނދު ހިނިތުންވެލާފައި ހެޔޮ ބަހެއް ބުނެފިނަމަ، ތިޔަ ދައްކުވައިދިނީ ކާމިޔާބު މީހެއްގެ ސިފައެކެވެ. ކުޅަނދުރު ގައިވެސް މާތް ﷲ މި ސިފަ ލައްވާފައިވެއެވެ. މަލުން ފޮނި ބުއިމަށްޓަކައި ކުޅަނދުރު މަލެއްގައި ޖައްސައިފިނަމަ، އެ މާ ހަލާކުވެގެންނެއް ނުދެއެވެ. ސަބަބަކީ، ހަރުކަށިކަމެއް ނުވާ ގޮތުގައި މާތް ﷲ އޭގައި މަޑުމައިތިރިކަން ލައްވާފައިވުމެވެ. ބައެއް މީހުންނަކީ ދަގައްފާނު ފަދަ ބައެކެވެ. އެމީހުންގެ ކައިރީގައިވާ އެންމެން ދައްގައްފާނަށް ދަގަނޑު ދަމާހެން އެމީހުންނާއި ކައިރި ވެއެވެ. ސަބަބަކީ، އޭނާގެ މަޑުމައިތިރި ވާހަކަތަކާއި، ރިވެތި އަޚްލާޤާއި، ހެޔޮ ޢަމަލުތަކަށް އެމީހުންގެ ހިތުގައި ލޯބި ޖެހިފައިވުމެވެ.

އެހެން މީހުންގެ އެކުވެރިކަން ހޯދުމުގެ ހުނަރު ލިބިފައިވާ މީހުންނަކީ، ތަޤުވާވެރި މާތް މީހުންނެވެ. ކޮންމެވެސް ބަޔަކު އަބަދުވެސް އެމީހުން ވަށާލައިފައިވެއެވެ. އެއްވުމެއްގައި ނުވަތަ ޖަމާޢަތެއްގައި އެމީހުން ހާޟިރުވެ ހުންނަ ހުރުމަކީވެސް ބޮޑު ނިޢުމަތެކެވެ. އަދި އެމީހުން އެތަނުގައި ފެންނަން ނެތްނަމަ، އެމީހުންގެ މަތިން ހަނދާންކޮށް އެމީހުން ކޮބައިތޯ ސުވާލުކުރެއެވެ. މި ނިޢުމަތުގެ ވެރިންގެ އަޚްލާޤު ވަނީ ފާހަގަ ކުރެވިގެންނެވެ.

وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ ۚ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ[1]

ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެތެވެ. އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި عداوة ތެރިކަމެއްވާ މީހާ، ގާތް رحمة ތެރިޔަކު ފަދައިން ވެދާނެތެވެ.

އެމީހުންގެ ތެދުވެރިކަމާއި. މާފުކުރުމުގެ ސިފަ އާއި މަޑުމައިތިރި ކަމުގެ ސަބަބުން އެހެން މީހުން ގެ  ހިތުން ނުބައި ނިޔަތްތައް ނެރެލައެވެ. އެހެން މީހުންގެ ފަރާތުން އޭނާ އަށް ކުރިމަތިވާ ނުބައި ކަންތައްތައް ހަނދާން ނައްތާލައި، ލިބުނު ރަނގަޅު ކަންތައްތައް ހަނދާނުގައި ބަހައްޓައެވެ. ހަރުކަށި ހިތްދަތި ބަސްތައް އެމީހުންނަށް އަމާޒުވެދާނެއެވެ. އެކަމަކު އެ ބަސްތައް އެމީހުންނަށް އަޑު އިވިފައިނުވާ ފަދައެވެ. އަދި އެމީހުންގެ ކަންފަތައް ފޯރާފައިނުވާ ފަދައެވެ. ފަސް އެނބުރި ބެލުމެއްނެތި އެމީހުން ކުރިއަށް ދެއެވެ. އެމީހުންވަނީ ހިތްހަމަޖެހިގެންވާ ޙާލުގައެވެ. ހުރިހާ އިންސާނުން އާންމު ވެގެންވާ ގޮތުގައި، އަދި މުސްލިމުން ޚާއްޞަވެގެންވާ ގޮތުގައި، އެމީހުންގެ އަތްތަކުން (ގެއްލުން ދިނުމުން) އެހެން މީހުން ސަލާމަތްވެގެން ވެއެވެ.

ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ:

المسلمُ من سلم الناسُ من لسانه ويدهِ، والمؤمنُ من أمنه الناسُ على دمائهم وأموالهم[2]

މުސްލިމަކީ އޭނާގެ ދުލާއި އަތުން މީސްތަކުން ސަލާމަތްވެގެންވާ މީހާއެވެ. އަދި މުއުމިނަކީ މީސްތަކުން އެބައިމީހުންގެ ލެޔާއި މުދާލާއި މެދު އެމީހަކަށް އިތުބާރު ކުރާ މީހާއެވެ. [3]

 

وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّـهُ يُحِبُّ الْمُحْسِنِينَ [4]

އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ.

ދުނިޔޭ ގައި އެބައިމީހުންނަށް ލިބިގެންދާނޭ، ހަމަޖެހުމާއި ހަމަހިމޭން ކަމުގެ ހެޔޮ ޖަޒާގެ  އުފާވެރިކަމުގެ ޚަބަރު އެބައިމީހުންނަށް ދޭށެވެ. އަދި ފާފަފުއްސާ ދެއްވާ އެބައިމީހުންގެ ވެރި ރަސްކަލާނގެ އާއި ކުއްތަންވެގެންވާ ޙާލުގައި، އާޚިރަތުގައި، އެބައިމީހުންނަށް ދެއްވާނެ ސުވަރުގޭގެ މަތިވެރި ނިޢުމަތުގެ އުފާވެރި ޚަބަރު ދޭށެވެ.

 

[1] (سورة فصلت 34 )

[2] صحيح النسائي 5010

[3](އެބަހީ: މުސްލިމަކީ އެމީހެއްގެ ދުލާއި އަތުގެ ނުބައިކަމުން މީސްތަކުން ސަލާމަތްވެގެންވާ މީހާއެވެ. އަދި މުއުމިނަކީ އެމީހެއްގެ ފަރާތުން މީސްތަކުންގެ ލެޔާ މުދަލަށް ގެއްލުމެއް ނުދޭނެ ކަމަށް މީސްތަކުން ޔަގީން ކުރާ މީހާއެވެ.

[4] (سورة آل عمران 134 )