މި ލިޔުމަކީ ހިތާމަނުކުރާށެވެ! ސިލްސިލާގައި ހިމެނޭ 35 ލިޔުމުގެތެރެއިން 25 ވަނަ ލިޔުމެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

أَتَىٰ أَمْرُ اللَّـهِ فَلَا تَسْتَعْجِلُوهُ ۚ

اللَّه ގެ أمر ފުޅު އަތުވެއްޖެއެވެ. ފަހެ، ތިޔަބައިމީހުން އެކަން އަވަސްވުމަށް ނޭދޭށެވެ! (سورة النحل 1)

ކުރިއަށް އޮތްތަނުގައި ވާނޭ ކަމަކާމެދު އަވަސްވެ ނުގަންނާށެވެ. މޭވާ ރަނގަޅަށް ދޮން ނުވަނީސް ގަހުން ބިނދެލުމަކީ ބުއްދިވެރިކަމެއް ކަމަށް ޤަބޫލުކުރެވޭ ހެއްޔެވެ؟ މާދަމާ އަކީ ވުޖޫދުގައި ނެތް އެއްޗެކެވެ. އެއީ މިއަދަށް ބަލާއިރު ހަޤީޤަތެއްވާ އެއްޗެއްނޫނެވެ. ދެން މާދަމާ އާމެދު ތިބާގެ ނަފްސު މަޝްޣޫލު ކުރުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟ މާދަމާ ޖެހިދާނެ މުޞީބާތަކާމެދު ބިރުގަނެ ހިތާމަ ކުރުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟  މާދަމާ އާ ބައްދަލު ވާނެކަމުގެ ޔަޤީންކަމެއް ނެތް އިރުގައިވެސް، ތިބާގެ ހުރިހާ ޚިޔާލުތަކާއި ފިކުރުތަކެއް މާދަމާ އާމެދު ވިސްނުމުގައި ހުސްކުރަންވީ ކީކުރަން ހެއްޔެވެ؟

އެންމެ މުހިންމު ކަމަކީ، މާދަމާ އަކީ ޣައިބުގައިވާ ކަމަކަށް ވުމެވެ. އެ ބުރިޖް ނުފެންނަހާ ހިނދަކު، ބުރިޖް އަހަރެމެންނަކަށް ހުރަހެއް ނުކުރެވޭނެއެވެ. އަހަރެމެންނަށް އެބުރިޖާ ހަމައަށް ދެވޭނެކަމެއް، ނުވަތަ އެހިސާބަށް ނުދެވެނީސް އެ ބުރިޖް ހަލާކުވެދާނެކަމެއް ނުވަތަ ހަމަ ހަޤީޤަތުގައިވެސް އެ ބުރިޖާ ހަމައަށް ވާސިލުވެ، އެ ހުރަސް ކުރެވިދާނެ ކަން އެނގެނީ ކާކަށް ހެއްޔެވެ؟

މުސްތަޤުބަލާމެދު ވިސްނުމުގައި އަހަރެމެންގެ ޚިޔާލުތަކާއި ފިކުރުތައް ހުސްކޮށްލުމަކީ އިސްލާމް ދީނުގައިވެސް އެކަމަކުން ދުރުވުމަށް ބާރު އަޅުއްވާފައިވާ ކަމެކެވެ. އެހެނީ، އޭގެ ސަބަބުން، ދުނިޔޭގެ ހަޔާތާމެދު އަހަރެމެންގެ ހިތުގައި ދާއިމީ ލޯތްބެއް އުފެދިގެން ދެއެވެ. މިއީ ޞާލިހު މުއުމިނު އަޅުން ތާއަބަދުމެ އެކަމުން އެއްކިބާވުމަށް މަސައްކަތް ކުރާ ކަމެކެވެ. ދުނިޔެ މަތީގައި ވަރަށް ގިނަ މީހުން މުސްތަޤުބަލުގައި އެމީހުންނަށް ކުރިމަތިވެދާނެ ފަޤީރު ކަމާއި، ބަނޑުހައިހޫނުކަމާއި، ބަލިމަޑުކަމާއި މުޞީބާތް ތަކާމެދު ވިސްނަން ނުޖެހޭ މިންވަރަށް ވުރެ މާބޮޑަށް ވިސްނާ ތަން ފެނެއެވެ. މިފަދަ ވިސްނުން އަންނަނީ ޝައިޠާނާ ގެ ފަރާތުންނެވެ.

وَيَأْمُرُكُم بِالْفَحْشَاءِ ۖ وَاللَّـهُ يَعِدُكُم مَّغْفِرَةً مِّنْهُ وَفَضْلًا ۗ وَاللَّـهُ وَاسِعٌ عَلِيمٌ

އަދި، އެ شيطان އާ ތިޔަބައިމީހުންނަށް ނުބައިކަންތަކަށް އަމުރު ކުރެތެވެ. اللَّه، ތިޔަބައިމީހުންނަށް وعد ކުރައްވަނީ، އެކަލާނގެ حضرة ން ތިޔަބައިމީހުންނަށް ފާފަފުއްސެވުމާއި، فضل ވަންތަ ކަމަށެވެ. (سورة البقرة 268 )

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ، މާދަމާ ކުރިމަތިވެދާނެ ބަނޑުހައިހޫނުކަމެއް ނުވަތަ  މީގެ އެއްމަސް ފަހުން ބަލިވެދާނެ ކަމަށް ނުވަތަ އެއް އަހަރު ފަހުން ދުނިޔެ ނިމުމަކަށް އަންނާނެ ކަމަށް ސިފަކޮށް އެކަމާ ބިރުން ހިތާމަ ކުރާ މީހުންނެވެ. އަހަރެމެން މަރުވާނެ ވަގުތެއް އަހަރުމެންނަށް އެނގިގެން ނުވާއިރު، މިފަދަ ކަންކަމާމެދު ވިސްނުމުގައި ނަފްސު މަޝްޣޫލު ކުރުމުގެ ބޭނުމެއް ނެތެވެ.

މިއަދުގެ ކަންކަމުގައި އަހަރެމެން އަވަދިނެތި މަސައްކަތް ކުރަންޖެހޭ ކަމަށްޓަކައި، މާދަމާ އަންނަންދެން މާދަމާ ދޫކޮށްލާށެވެ. މާދަމާ ވެދާނެ ކަމަކާމެދު ވިސްނަން ނުޖެހޭ މިންވަރަށް، ބޭކާރު ގޮތުގައި ވިސްނައި، އެކަމަށް ހިތް ލެނބިގެން ދިޔުމުން އެއްކިބާ ވާށެވެ.