މި ލިޔުމަކީ ހިތާމަނުކުރާށެވެ! ސިލްސިލާގައި ހިމެނޭ 35 ލިޔުމުގެތެރެއިން 26 ވަނަ ލިޔުމެވެ.

މުދަލާއި ދަރިންނާއި ގެދޮރާއި ހުނަރު ގައި ތިބާ އަށް ދެއްވާފައިވާ މިންވަރަށް ރުހެން ޖެހެއެވެ.

فَخُذْ مَا آتَيْتُكَ وَكُن مِّنَ الشَّاكِرِينَ

ފަހެ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވި ކަންކަމުގައި ހިފަހައްޓަވާށެވެ! އަދި شكر ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ! ( سورة الأعراف 144 )

އިސްލާމް ދީނުގެ އެންމެ ކުރީ ޖީލުތަކުގައި، ތަޤުވާވެރި މީހުންނާއި، ޢިލްމުވެރިންގެ ތެރޭގައި ގިނައީ ފަޤީރުންނެވެ. އެހެން އެކަން އޮތް ކަމުގައި ވީނަމަވެސް  އެބޭކަލުން ދިރިއުޅުއްވީ ކާމިޔާބު  އަދި މުޅި އިންސާނިއްޔަތަށް މަންފާ ކުރާ ދިރިއުޅުމެކެވެ. އެހެނީ އެބޭކަލުންނަށް  ދެއްވާފައިވާ ހުރިހާ ނިޢުމަތްތަކެއްގެ ބޭނުން ހިއްޕަވައި، އެބޭކަލުންގެ ވަގުތު ފައިދާ ކުރަނިވި ގޮތުގައި ހޭދަކުރެއްވިއެވެ. އެގޮތުން، އެބޭކަލުންވީ އެބޭކަލުންގެ ދިރިއުޅުމާއި، ވަގުތާއި ހުނަރުގައި ނިޢުމަތުން ފުރިގެންނެވެ.

ނަމަވެސް، މުދަލާއި، ދަރިންނާއި އަދި ހުރިހާ ނިޢުމަތްތަކެއް ލިބިމެ، މި ނިޢުމަތްތަކަކީ އެބައިމީހުންގެ އެކަނިވެރިކަމާއި ހަލާކުގެ އަސްލު ކަމުގައި ވެގެން ގޮސްފައިވާ ވަރަށް ގިނަ މީހުން ވެއެވެ. ސަބަބަކީ ހުރިހާ ވެސް ކަމަކީ ދުނިޔަވީ ކަންކަން ކަމުގައި ބަލައިގެން ދިރިއުޅުމެވެ. ދުނިޔޭގެ މަޝްހޫރު ޔުނިވާސިޓީ ތަކުން ޑިގްރީ ހާޞިލްކޮށްފައިވާ މީހުންގެ ދިރިއުޅުމަށް ބަލާށެވެ. އެމީހުންނަށް ދެއްވާފައިވާ ހުނަރާއި ޤާބިލުކަމުގެ ބޭނުން ނުކުރުމުގެ ސަބަބުން، އެމީހުންގެ ޢިލްމުވަނީ ބޭކާރު އެއްޗަކަށްވެފައެވެ. ހަމަ މިއާއެކު، އެމީހުންނަށްވުރެ މަދުން ޢިލްމު ލިބިފައިވާ މީހުން، އެމީހުންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ބޭނުން ހިފައި، އަމިއްލަ ނަފްސަށާއި މުޖުތަމައަށް ފައިދާ ހުރި މީހުންނަށް ވެފައިވެއެވެ.

ތިބާއަކީ އުފާވެރިކަން ހޯދާ މީހެއް ނަމަ، މާތް ﷲ ދެއްވާފައިވާ، ރީތިކަމާއި، އާއިލާގެ ޙާލަތާއި، ތިބާގެ އަޑާއި، ތިބާ އަށް ކަންކަން ފަހުމުވާ މިންވަރާއި، މުސާރަ އާއިމެދު ހިތްހަމަ ޖައްސާށެވެ. އަދި ތިބާ އަށް ދެއްވާފައިވާ މިންވަރަށް ވުރެ މަދުން  ލިބޭ ހާލަތްތަކުގައި ދިރިއުޅުން ޖެހިދާނެ ކަމަށް ހިޔާލަށް ގެނެސް ، އެކަމާއިމެދު ހިތްހަމަޖެހުމަށް ނަފްސު ތައްޔާރުކުރާށެވެ.

އަންނަނިވި ބޭކަލުންގެ ލިސްޓަކީ އެބޭކަލުންނަށް ކުރިމަތިވީ ހުރަސް ތަކާއި އެކުވެސް އިސްލާމީ ތާރީޚުގައި ފާހަގަ ކުރެވިގެން ދިޔަ ބޭކަލުންނެވެ.

އިބްނު ރަބާޙް އަކީ އެކަލޭގެފާނުގެ ޒަމާނުގައި ނަން މަޝްހޫރު ޢިލްމުވެރިއެވެ. އެކަލޭގެފާނަކީ މިނިވަން ކުރެވުނު އަޅެކެވެ. އަދި އެކަލޭގެފާނަކީ ވާގިނެތޭ ބަލި ޖެހިފައިވާ ބޭކަލެކެވެ.

އަލް އަހްނަފް އިބްނު ގައިސް އަކީ، އެކަލޭގެފާނުގެ ކެތްތެރިކަމުގެ ސަބަބުން އަރަބިންގެ ތެރޭގައި މަޝްހޫރު ވެވަޑައިގެންނެވި ބޭކަލެކެވެ. މި މަޝްހޫރުކަން ހޯއްދެވީ، ބަލިމީހަކު ކަމުގައިވާ ޙާލުގައެވެ.

އަލް އަމާޝް އަކީ އެކަލޭގެފާނުގެ ޒަމާނުގައި ހަދީޘް ޢިލްމުގެ މަޝްހޫރު ޢިލްމުވެރިއެކެވެ. އޭރު އެކަލޭގެފާނަކީ ލޮލުގެ ފެނުން ބަލިކަށި، ފަޤީރު އަދި މިނިވަން ކުރެވިފައިވާ އަޅެކެވެ. އެކަލޭގެފާނުގެ ހެނދުންކޮޅު ވީ ބާވެ ވީދިފައެވެ. އަދި ދިރިއުޅުއްވީ ވަރަށް ދަތި ހާލުގައެވެ.

ހަމައެހެންމެ، ކޮންމެ ރަސޫލަކީވެސް ކޮންމެވެސް އިރެއްގައި، ބަކަރި ހުއިހިއްޕެވި ބޭކަލުންނެވެ. ދާވޫދުގެފާނު ދަގަނޑުގެ މަސައްކަތް ކުރެއްވިއެވެ. ޒަކަރިއްޔާގެފާނު ވަޑާންކުރެއްވިއެވެ. އިދްރީސް ގެފާނު، ފެހުމުގެ މަސައްކަތް ކުރެއްވިއެވެ.   އެހެނެއްކަމަކު އެބޭކަލުންވީ އެންމެ ހެޔޮ ލަފާ އިންސާނުން ކަމުގައެވެ.

އެހެންކަމުން، ތިބާގެ އަގުވަނީ، ތިބާގެ ޤާބިލުކަމާއި، ހެޔޮ ޢަމަލާއި، އަޚްލާޤާއި، ތިބާ މުޖުތަމައަށް ކޮށްދޭ ޚިދުމަތުގައެވެ. ރީތި ކަމާއި، މުދާ ނުވަތަ އާއިލާ އަދި އެހެން ނިޢުމަތް ތަކުގެ ތެރެއިން ތިބާގެ އަތުން ގެއްލިފައިވާ ކަންކަމާއިމެދު ހިތާމަ ނުކުރާށެވެ. އަދި ﷲ ތިބާ އަށް ދެއްވި ނިޢުމަތްތަކާމެދު ރުހޭށެވެ.

نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا

ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެމެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ. (سورة الزخرف 32 )

އުޑުތަކާއި ދުނިޔޭގެ ތަނަވަސްކަން ހުރި ސުވަރުގެ މަތިން ތިބާގެ ނަފްސަށް ހަނދާން ކޮށްދޭށެވެ.

ދުނިޔޭގައި ބަނޑުހައިހޫނުކަމާއި،  ހިތާމަ އާއި ބަލިމަޑުކަމާއި އަނިޔާ ތަހައްމަލް ކުރަންޖެހިއްޖެނަމަ، ސުވަރުގޭގެ ދާއިމީ އުފާވެރި  ނިޢުމަތްތަކުގެ މަތިން ހަނދާން ކުރާށެވެ. މިގޮތަށް ވިސްނައިފިނަމަ، ތިބާއަށް ލިބޭ ގެއްލުންތަކަކީ ހަޤީޤަތުގައި ފައިދާ އެވެ. އުދަނގޫ ތަކަކީ ހަދިޔާ އެކެވެ. އެންމެ ހިކުމަތްތެރި މީހުންނަކީ، އާޚިރަތުގެ ދިރިއުޅުމަށްޓަކައި މަސައްކަތްކުރާ މީހުންނެވެ. އެހެނީ އެއީ މާ ހެޔޮވެގެންވާ އަބަދަށް ދެމިގެންވާ ހަޔާތެކެވެ. އަދި އެންމެ މޮޔަ މީހުންނަކީ، ދުނިޔޭގެ ހަޔާތަކީ އެމީހުންގެ ހުރިހާ އުއްމީދެއްވާ ތަން ކަމުގައި ދެކިގެން އުޅޭ މީހުންނެވެ. މުޞީބާތެއް ކުރިމަތިވެއްޖެނަމަ، އެންމެ ބޮޑަށް ހިތާމަ ކުރާނީ އެބައިމީހުންނެވެ. ދުނިޔެ މަތީގައި ލިބޭ ގެއްލުންތަކުން އެންމެ ބޮޑު އަސަރެއް ކުރާނީ އެބައި މީހުންނަށެވެ. އެހެނީ އެމީހުން ގެ އަގެއްނެތް ހަޔާތުގެ ބޭރުން އެހެން އެއްޗެއް އެމީހުންނަކަށް ނުފެނެވެ. އެމީހުންނަށް ފެންނަނީ އަދި ވިސްނަނީ ހަމަ އެކަނި ދުނިޔޭގެ ޙަޔާތާއި މެދުއެވެ. އެމީހުންގެ ލޯ ތަކުން މި ޖާހިލު ކަމުގެ ފަރުދާ ނަގައިފިނަމަ، އާޚިރަތުގެ އުފާވެރިކަމާއި، ހިތްހަމަޖެހުމާއި، ގަނޑުވަރުތަކުގެ ވާހަކަ އެމީހުންގެ އަމިއްލަ ނަފްސު އެމީހުންނަށް އަންގައިދޭނެއެވެ. ޤުރުއާނާއި ސުންނަތުގެ ޒަރީއާއިން އެބައިމީހުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތްތައް ސިފަ ކުރެވިގެންދާ ހިނދު އެބައިމީހުން  ކަނުލާ އަޑުއަހާނެއެވެ. އަހަރެމެން އެންމެ މުހިންމު ސަމާލުކަމެއް އެކަމަކަށް ދޭންޖެހޭ އަދި  ގަދަ އަޅައި މަސައްކަތް ކުރުން އަމާޒުކުރަންޖެހޭ ޙަޔާތަކީ އެއީ އެވެ.

ސުވަރުގޭގެ އަހުލުވެރިންގެ ސިފަތަކުގެ ވާހަކަ ޒިކުރު ކޮށްލަމާ ހިނގާށެވެ. އެމީހުންނަށް ބަލިމަޑުކަމެއް ނުޖެހޭނެއެވެ. ހިތާމަ އެއް އެމީހުންނާއި ކައިރި ނުވާނެއެވެ. އެމީހުން މަރެއް ނުވާނެއެވެ. ތިބޭނީ ޒުވާން ކަމުގައެވެ. އަދި އެމީހުން ތިބޭނީ އެންމެ ފުރިހަމަ ރީތި ސާފު ފޭރާމުގައެވެ. އެމީހުން އުޅޭނީ ރީތި ގެ ތަކުގައެވެ. ސުވަރުގޭގެ ނިޢުމަތްތަކަކީ، ދުވަހަކުވެސް މީހަކު ލޮލުން ދެކެފައިނުވާ، ކަންފަތަކުން އަޑުއަހާފައިނުވާ އަދި އެއްވެސް އިންސާނެއްގެ ހިޔާލަށްވެސް ނާންނާނެ ފަދަ ނިޢުމަތްތަކެކެވެ. ސުވަރުގޭގެ ގަހެއްގެ ހިޔަލުގައި ދުއްވާފައި ދާ މީހާ ސަތޭކަ އަހަރު ދުއްވާފައި ދިޔަސް، އެގަހުގެ ހިޔާގަނޑުގެ ނިމުމާއި ހަމައަށް ވާޞިލެއް ނުވެވޭނެއެވެ.

ސުވަރުގޭގެ ކޯރުތަކަށް ބަދަލެއް ނާންނަ ގޮތުގައި ދެމިގެން ދެއެވެ. އުސް ގަނޑުވަރުތައް ވެއެވެ. މޭވާތައް އައި ފޯރާ ހިސާބުގައި ފަސޭހައިން ބިނދެވެއެވެ.

 فِيهَا عَيْنٌ جَارِيَةٌ ﴿١٢﴾ فِيهَا سُرُرٌ مَّرْفُوعَةٌ ﴿١٣﴾ وَأَكْوَابٌ مَّوْضُوعَةٌ ﴿١٤﴾ وَنَمَارِقُ مَصْفُوفَةٌ ﴿١٥﴾ وَزَرَابِيُّ مَبْثُوثَةٌ ﴿١٦﴾

ހިނގަހިނގާ ހުންނަ ފެންއާރެއް އެތާނގައިވެއެވެ. (12) އުފުލިގެންވާ ދާންތައް އެތާނގައިވެއެވެ. (13) އަދި ބެހެއްޓިގެންވާ ތަށިތައްވެސްމެއެވެ. (14) އަދި އެތުރިގެންވާ ބާލީސްތައްވެސްމެއެވެ. (15) އަދި ފެތުރިގެންވާ ދޫލަތައްވެސްމެއެވެ. (16)  (سورة الغاشية)

ސުވަރުގޭގެ ނިޢުމަތްތަކަކީ އެންމެ ފުރިހަމަ ނިޢުމަތްތަކެވެ. ވީއިރު އަހަރެމެން މި ހަޤީޤަތާއިމެދު ވިސްނާ ފިކުރު ނުކުރަން ވީ ކީއްވެ ހެއްޔެވެ؟

ސުވަރުގެ އަކީ އަހަރެމެންގެ އެންމެ ފަހުގެ މަންޒިލް ކަމުގައި ވާނަމަ، އަދި އަހަރެމެން މާތް ﷲ ގެ ހަޟުރަތުން އެދެނީ ސުވަރުގޭގެ ނިޢުމަތްތައް ދެއްވުން ކަމުގައި ވާއިރު، ދުނިޔޭގައި ދިމާވާ ދަތި ތަކަކީ، އަހަރެމެން ހީކުރާ ވަރަށް ވުރެ މާ ކުޑަ ކަމެކެވެ. އެހެންކަމުން މުޞީބާތްތައް ޖެހިފައިވާ މީހުން ހިތްހަމަ ޖައްސާށެވެ.

އޭ ފަޤީރު ޙާލުގައި ދިރިއުޅޭ މީހާއެވެ. އަދި މުޞީބާތް ޖެހިފައިވާ މީހާއެވެ. ހެޔޮ ޢަމަލުތައް ކުރުމުގައި ދެމިހުންނާށެވެ. އޭރުން މާތް ﷲ ގެ ސުވަރުގޭގައި ތިބާ އަށް ދިރިއުޅެވޭނެއެވެ.

سَلَامٌ عَلَيْكُم بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى الدَّارِ

ތިޔަބައިމީހުން ކެތްތެރިވިކަމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް سلام ހުށްޓެވެ. ފަހެ، آخرة ގެ އުފާވެރި ގޮވަތީގެ މޮޅުކަމާއެވެ! (سورة الرعد 24 )