މި ލިޔުމަކީ ހިތާމަނުކުރާށެވެ! ސިލްސިލާގައި ހިމެނޭ 35 ލިޔުމުގެތެރެއިން 35 ވަނަ ލިޔުމެވެ.

ބަޤީ އިބްނު މުޚާލިދު އާލާސްކަންފުޅާ އުޅުއްވަނިކޮށް އިމާމު އަޙްމަދުގެފާނު އެކަލޭގެފާނުގެ އަރިހަށް ޒިޔާރަތް ކުރެއްވިއެވެ. އަދި މިފަދައިން ދެންނެވިއެވެ. “އޭ ބަޤީ އެވެ. މާތް ﷲ ގެ ޖަޒާ އާމެދު އުފާކުރާ ށެވެ. ދުޅަހެޔޮ ކަންމަތީ ތިބޭ ދުވަސްތަކުގައި ބަލިމަޑުކަމެއް ނުވެއެވެ. އަދި ބަލިމަޑު ކަމާއި ކުރިމަތިލާން ޖެހޭ ދުވަސްތަކުގައި ދުޅަހެޔޮ ކަމެއް ނުވެއެވެ.”

މީގެ މާނައަކީ،  ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ ދުވަސްތަކުގައި، ބަލިމަޑުކަމާމެދު އެއްވެސް މީހަކު ފިކުރެއް ނުކުރެއެވެ. އަދި މީހާގެ ކުރިމަގަށް ރާވާ ރޭވުންތަކާއި، ލަނޑުދަނޑި ތަކާއި، އުއްމީދު ތަކާއި ބޭނުންތައް އެދުވަސްތަކުގައި އިތުރުވެގެން ދެއެވެ. އެހެން ނަމަވެސް، ބަލިމަޑުކަމާއި ކުރިމަތިލާން ޖެހޭ ދުވަސްތަކުގައި، ދުޅަހެޔޮ ސިއްޙަތެއް ލިބިފައިވާ ދުވަސްތައް މަތިން ހަނދާން ނެތިގެން ދެއެވެ. އަދި ނާއުއްމީދު ވުން އޭނާގެ ނަފްސަށް ވެރިވެގެން ދެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَلَئِنْ أَذَقْنَا الْإِنسَانَ مِنَّا رَحْمَةً ثُمَّ نَزَعْنَاهَا مِنْهُ إِنَّهُ لَيَئُوسٌ كَفُورٌ ﴿٩﴾ وَلَئِنْ أَذَقْنَاهُ نَعْمَاءَ بَعْدَ ضَرَّاءَ مَسَّتْهُ لَيَقُولَنَّ ذَهَبَ السَّيِّئَاتُ عَنِّي ۚ إِنَّهُ لَفَرِحٌ فَخُورٌ ﴿١٠﴾ إِلَّا الَّذِينَ صَبَرُوا وَعَمِلُوا الصَّالِحَاتِ أُولَـٰئِكَ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ ﴿١١﴾

އަދި ތިމަންރަސްކަލާނގެ އިންސާނާާއަށް رحمة އެއް ލައްވައި، ދެން އޭނާގެ ކިބައިން ތިމަންރަސްކަލާނގެ އެ رحمة ނިގުޅައިގަންނަވައިފިނަމަ، ހަމަކަށަވަރުން، އޭނާ ވަނީ، ތިމަންރަސްކަލާނގެ رحمة ން އުންމީދުކަނޑައި، نعمة އަށް ދެކޮޅުހަދާ كافر އަކަށެވެ. (9) އަދި، އެ އިންސާނާއަށް ޖެހުނު مصيبة އަކަށްފަހު، ތިމަންރަސްކަލާނގެ އޭނާއަށް نعمة ދެއްވައިފިނަމަ، އޭނާ ބުނާނެކަން ކަށަވަރެވެ. ތިމަންގެ ކިބައިން ހުރިހާ مصيبة އެއް ފިލައި ހިނގައްޖެއެވެ. ހަމަކަށަވަރުން، އޭނާ ވަނީ (އެ ލިބުނު ކަންތަކަށް) އުފާވެ فخر ވެރިވެފައެވެ. (10) ކެތްތެރިވެ، صالح عمل ތައްކުރި މީހުން މެނުވީއެވެ. އެއުރެންނަށް، ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަހުށްޓެވެ. (11) سورة هود

މި އާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު ލިޔުއްވާފައިވެއެވެ.

މާތް ﷲ ވަނީ އިންސާނާގެ ތަބީޢަތާއި އިންސާނާގެ އާންމު ސިފަތައް  ބަޔާންކުރައްވާ ފައެވެ. (މާތް ﷲ ރަހުމަތް ލައްވާ މުއުމިނު އަޅުން ފިޔަވައެވެ.) އާންމު ގޮތެއްގައި، އިންސާނާއަށް ފަސޭހަކަމަށް ފަހު އުދަނގުލެއް ކުރިމަތިވާ ހިނދު، މުސްތަޤުބަލުގައި ހެވެއް ނުވަތަ ރަނގަޅު ގޮތެއް ފެނިދާނެ ކަމަށް އެއްކޮށް އުއްމީދު ކަނޑައިލައެވެ. މާޒީ ގައި އޭނާއަށް އެއްވެސް ރަނގަޅު ކަމެއް ލިބިފައިނުވާ ފަދައިން މާޒީ ގެ ދުވަސްތައް މަތިން ހަނދާން ނައްތާލައެވެ. އަދި އުދަނގޫ ކަމަކާ ކުރިމަތިވުމުން ދުވަހަކުވެސް އެހީތެރިކަމެއް ނުވަތަ ފަސޭހައެއް ލިބިފައިނުވާ ފަދައިން މުސްތަޤުބަލާމެދު އުއްމީދު ކަނޑައިލައެވެ.

އަދި އުދަނގޫ ކަމަށްފަހު ފަސޭހަކަން ލިބުމުން އޭނާ ދެކޭގޮތް ބަދަލުވެގެން ދެއެވެ.

وَلَئِنْ أَذَقْنَاهُ نَعْمَاءَ بَعْدَ ضَرَّاءَ مَسَّتْهُ لَيَقُولَنَّ ذَهَبَ السَّيِّئَاتُ عَنِّي ۚ إِنَّهُ لَفَرِحٌ فَخُورٌ ﴿١٠﴾

އަދި، އެ އިންސާނާއަށް ޖެހުނު مصيبة އަކަށްފަހު، ތިމަންރަސްކަލާނގެ އޭނާއަށް نعمة ދެއްވައިފިނަމަ، އޭނާ ބުނާނެކަން ކަށަވަރެވެ. ތިމަންގެ ކިބައިން ހުރިހާ مصيبة އެއް ފިލައި ހިނގައްޖެއެވެ. ހަމަކަށަވަރުން، އޭނާ ވަނީ (އެލިބުނު ކަންތަކަށް) އުފާވެ فخر ވެރިވެފައެވެ. سورة هود

إِلَّا الَّذِينَ صَبَرُوا وَعَمِلُوا الصَّالِحَاتِ أُولَـٰئِكَ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ ﴿١١﴾

ކެތްތެރިވެ، صالح عمل ތައްކުރި މީހުން މެނުވީއެވެ. އެއުރެންނަށް، ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަހުށްޓެވެ. (11) سورة هود .