- ހުކުރު ދުވަހުގެ މިމަތިވެރި ޖަމާޢަތް ފާއިތުވެއްޖެ މީހާ، އެދުވަހުގެ މެންދުރު ނަމާދުގެ ގޮތުގައި ޤަޟާކުރުން ހުއްޓެވެ. ޖަމާޢަތް ފާއިތުވީ ޖަމާޢަތައް ޙާޟިރުވުމަށް އޮތް ޝަރުޢީ ޢުޛުރެއްގެ ސަބަބުންނަމަ އޭނާގެ މައްޗަށް އެއްވެސް ފާފައެއް ނެތެވެ. ނަމަވެސް ޖަމާޢަތައް ޙާޟިރު ނުވީ ފަރުވާކުޑަ ކަމުން ނުވަތަ އެހެންވެސް ޝަރުޢީ ޢުޛުރެއް ނެތް ގޮތުގައި ނަމަ އޭނާ އެއަރައިގަތީ ބޮޑުވެގެންވާ ފާފައަކަށެވެ.
- ފަރުޟު ފަސް ނަމާދާއި އަދި ހުކުރު ނަމާދަށް ރައްކާތެރި ވުމަކީ ވަރަށް ގިނަ މާތް ކަންތައްތައް އެކުލެވިގެންވާ ކަމެކެވެ. އެގޮތުން މާތް ނަބިއްޔާ ﷺ ބަޔާން ކޮށްދެއްވާފައިވާ ގޮތުގައި އެއީ ފާފަތައް ފުއްސެވުމަށް އޮތް މަގެކެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވާފައިވެއެވެ. ((الصَلَوَاتُ الْخَمْسُ وَالْجُمْعَةُ إِلَى الْجُمْعَةِ، وَرَمَضَانُ إِلَى رَمَضَاَن، مُكَفِّرَاتٍ مَا بَيْنَهُنَّ إِذَا اجْتُنِبَتِ الْكَبَائِر))[1]
މާނައީ: “ފަރުޟު ފަސް ނަމާދު، އަދި އެއް ހުކުރުން އަނެއް ހުކުރަށް، އަދި އެއް ރަމަޟާނު އަނެއް ރަމަޟާނާ ދެމެދު، އެއީ އެދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއެކެވެ. ބޮޑެތި ފާފަތަކަށް އަރައި ނުގަންނަ ނަމައެވެ.” އެބަހީ: މިފަދައިން ނަމާދުތަކަށް ރައްކާތެރިވެ މި ޙަދީޘްގައި ބަޔާންވެގެންވާ ކަންކަން ފުރިހަމަ ގޮތުގައި އަދާކުރާ މީހާގެ ފާފަތައް (ކުދި ފާފަތައް) ﷲ ތަޢާލާ ފުއްސަވާ ދެއްވާނެއެވެ. ނަމަވެސް އެއާ ޚިލާފަށް ބޮޑެތި ފާފަތައް އެއިލާހު ފުއްސަވާ ހުށީ އެފާތަކަށް އަޅާ ތައުބާވުމުންނެވެ. ނުވަތަ އެއިލާހުގެ ތަނަވަސް ރަޙުމަތުންނެވެ. ހަމަ އެހެންމެ ﷲ ތަޢާލާ އަމުރު ކުރެއްވި ކަންތައްތަކަށް ރައްކާތެރިވުމަކީ އަޅާގެ ދަރަޖަ އެއިލާހުގެ ޙަޟްރަތުގައި އުފުލިގެންދާނޭ ކަމެކެވެ.
- ހުކުރު ދުވަހުގެ އެބޮޑު ޖަމާޢަތަށް އެއްވާ އެއްވުމަކީ މީސްތަކުންނަށް އެބައިމީހުން ފެށުމާއި ނިމުން ހަނދުމަކޮށްދޭނޭ ކަމެކެވެ. ހުކުރު ނަމާދު ފަރުޟު ކުރެއްވުމުގެ ޙިކުމަތްތަކުގެ ތެރޭގައި ﷲ ތަޢާލާ ކޮންމެ އުންމަތަކަށްމެ އެބައިމީހުން އަޅުކަމަށް ހުސްވެ އުޅޭނޭ ދުވަހެއް ލެއްވުން ހިމެނެއެވެ. އެގޮތުން އެއިލާހު ސުބުޙާނަހޫ ވަތަޢާލާ މިއުއްމަތައް އިޚްތިޔާރު ކުރެއްވި ދުވަހަކީ ހުކުރު ދުވަހެވެ. އެދުވަހުގެ އެބޮޑު ޖަމާޢަތް މީސްތަކުންނަށް ހަނދާން ކޮށްދެނީ، އެބައިމީހުން މަޙްޝަރުގައި އެއްކުރެވިގެންދާނެ މަންޒަރެވެ. އެބިރުވެރި ދުވަހުގެ ޘަވާބާ، ޢަޛާބެވެ. އެޖަމާޢަތް މީސްތަކުންނަށް ހަނދާން ކޮށްދެނީ، ހުރިހާ އާދަމުގެ ދަރިން އެބައިމީހުން ކުޅަ ޢަމަލަކައިގެން އެބައިމީހުންގެ ވެރި ރައްބުގެ ޙަޟްރަތައް އެއްކުރެވިގެންވާ އެބޮޑު ޖަމާޢާތެވެ. ﷲ ތަޢާލާ އަޅަމެން އެދުވަހުގެ ނުރައްކަލުން ސަލާމަތްކުރައްވާ، އަޅަމެންނީ މިދުނިޔޭގެ ޙަޔާތުގައި އެދުވަހަށް ފުރިހަމައަށް ތައްޔާރުވުމަށް މަސައްކަތް ކުރާނޭ ބައެއްކަމުގައި ލައްވާށިއެވެ! އާމީން!
މަޞްދަރު: أربعون فائدة في يوم الجمعة للشيخ محمد صالح المنجد
_______________________________
[1] رواه مسلم