މި ލިޔުމަކީ ހިތާމަނުކުރާށެވެ! ސިލްސިލާގައި ހިމެނޭ 35 ލިޔުމުގެތެރެއިން 21 ވަނަ ލިޔުމެވެ.

ހަނގުރާމައިގެ މައިދާނުގައި ނޫނަސް ހަނގުރާމަ ކުރާ މީހުން އުޅެއެވެ. އެއީ އެބައިމީހުންގެ ނަފްސުގެ ތެރޭގައި ހައްދު ފަހަނައަޅާފައިވާ ރުޅިވެިރިކަމަކާއި ދެކޮޅު ވެރިކަމެއްވާ މީހުންނެވެ. އެބައިމީހުން ހަނގުރާމަ ކުރަނީ އެބައިމީހުންގެ ކޮޓަރީގައި، އޮފީހުގައި ނުވަތަ ގޭގައެވެ. އެއީ ، އޭގެ ސަބަބުން، ނުރަނގަޅު އަޚްލާޤާއި ލޭ މައްޗަށް ދިޔުން ނަތީޖާ އަކަށް ވެގެންދާ ހަނގުރާމަ އެވެ. މިބައިމީހުން ކޮންމެ ކަމަކާއިވެސް ރުޅި އާދެއެވެ. ތަކެތީގެ އަގު މައްޗަށް ދިޔަސް، ވާރޭ ވެހުން ލަސްވިޔަސް، ފައިސާގެ އަގު ދަށަށްދިޔަސް އެބައިމީހުން ރުޅި އާދެއެވެ. ކަންކަން މެދުވެރިވާ ސަބަބަބެއް ބެލުމެއް ނެތި، އެބައިމީހުން އަބަދުވެސް ވަނީ ފިކުރުބޮޑުވުމާއި ކަންބޮޑުވުމާއި ރުޅިވެރިކަމުގައެވެ.

يَحْسَبُونَ كُلَّ صَيْحَةٍ عَلَيْهِمْ ۚ

އެއުރެން ހީކުރަނީ، ކޮންމެ ހަޅޭކެއް އެއީ އެއުރެންގެ މައްޗަށް އަންނަ حملة އެއް ކަމުގައެވެ . (سورة المنافقون 4 )

އަހުރެން ތިބާއަށް ދޭނެ ނަޞޭހަތަކީ މިއީއެވެ: މުޅި ދުނިޔޭގެ ބަރުދަން ތިބާގެ ކޮނޑުގައި ނުއުފުލާށެވެ. ހިނގާ ކަންކަމުގެ ބުރަ އުފުލަން ބިމަށް ދޫކޮށްލާށެވެ. ބައެއް މީހުންގެ ހިތްތައް ވަނީ ސްޕޮންޖު ފަދައިންނެވެ. ސްޕޮންޖް ގަނޑުގެ ތެރެއަށް ފެން ދަމައިގަންނަ ފަދައިން، ހުރިހާ ހަޤީޤަތެއް ނެތް ބޭކާރު ކަންކަމާއި، ކުށްހީތައް އެބައިމީހުންގެ ހިތްތަކަށް  ވައްދަމުން ދެއެވެ. އެއްވެސް ކަމަކަށް ނުވާ ކަހަލަ ކަންކަމުގައި އެފަދަ ހިތްތަކުގެ ވެރިންނަށް އުދަނގޫ ވެއެވެ. އަދި އެ ފަދަ ހިތްތަކުގެ ސަބަބުން އެ ހިތްތަކުގެ ވެރިން ހަލާކު ކޮށްލައެވެ.

ހައްޤު ގޮތުގައި ތިބޭ އަޒުމު ވަރުގަދަ މީހުން، އުދަނގޫ ކަމެއް ކުރިމަތިވިޔަސް ބިރުގަނެ ނުސިހޭނެއެވެ. އެހެނެއްކަމަކު، އެކަމުގެ ސަބަބަން އެބައިމީހުންގެ އަޒުމާއި އީމާންތެރިކަން ވަރުގަދަ ވެގެންދެއެވެ. އެހެންނަމަވެސް ، ބަލިކަށި ހިތްތަކުގެ ވެރިންނަށް އޮތީ މީގެ އިދިކޮޅެވެ. އުދަނގޫ ކަމަކާއި ކުރިމަތިވުމުން އިތުރުވެގެންދަނީ އެބައިމީހުން ގަންނަ ބިރެވެ. މުޞީބާތުގެ ވަގުތުގައި، ތިބާ އަށް  ފައިދާ ކުރާނެ ހަމައެކަނި ގޮތަކީ ހިތްވަރުގަދަ ކެރޭ ހިތަކާއިއެކު އެކަމާއި ކުރިމަތި ލުމުންނެވެ. އެފަދަ ހިތެއްގެ ވެރިންނަކީ މަޑުމައިތިރި، އިހްސާސްތައް ކޮންޓްރޯލް ކުރަން އިނގޭ އަމިއްލަ ނަފްސަށް އިތުބާރު ކުރާ މީހުންނެވެ. އޭނާގެ އީމާންތެރިކަން ވަރުގަދައެވެ. އަދި ރުޅިމަޑުވެފައި ހިތްތިރިއެވެ. ނަމަވެސް، ފިނޑި މީހާގެ ޢަމަލުތައް މީގެ އިނދިކޮޅެވެ. އަތުވެދާނެ މުޞީބާތަކާއިމެދު ވިސްނައި އެބިރުވެރިކަމާއި ހާސްކަމުގައި އެތައް ފަހަރަކު އޭނާގެ ނަފްސު ޤަތުލުކުރެއެވެ. އެހެންކަމުން ހަމަޖެހޭ ދިރިއުޅުމެއް ބޭނުންނަމަ، ކޮންމެ ޙާލަތަކާއިވެސް ހިތްވަރާއި ކެރުމާއި އެކު ކުރިމަތިލައި ހިފަހައްޓާލާށެވެ.

وَلَا يَسْتَخِفَّنَّكَ الَّذِينَ لَا يُوقِنُونَ

އަދި އީމާންނުވާ  މީހުން (ދައްކާ ވާހަކަތަކުން) ކަލޭގެފާނުގެ ކެތްތެރިކަން ކަނޑައިލިޔަ ނުދެއްވާށެވެ! (سورة الروم 60 )

ކުރިމަތިވާ ޙާލަތްތަކަށްވުރެ ތިބާގެ އަޒުމު ވަރުގަދަ ކުރާށެވެ. އަދި  މުޞީބާތުގެ ވައިރޯޅި ތަކަށްވުރެ ވަރުގަދަ ވާށެވެ. ގަދަ އަޒުމުގެ ވެރިން މަދަދު ހޯދަނީ މާތް ﷲ ގެ ހަޟްރަތުންނެވެ. އަދި  އެކަލާނގެ ވަޢުދުފުޅު ތަކާއިމެދު ޔަޤީންކުރެއެވެ.

فَأَنزَلَ السَّكِينَةَ عَلَيْهِمْ وَأَثَابَهُمْ فَتْحًا قَرِيبًا

ފަހެ، އެކަލާނގެ އެއުރެންގެ މައްޗަށް ހިތްހަމަޖެހުން ބާވައިލައްވައި އަދި ޖަޒާއެއްގެ ގޮތުގައި ގާތްވެގެންވާ ފަތަޙަ އެއް އެއުރެންނަށް ދެއްވިއެވެ.  (سورة الفتح 18 )

 

 

 

.