އިއްޔެ ހިތާމަ ކުރިކަމަށްޓަކައި، މިއަދު ތިބާގެ ޙާލަތު ރަނގަޅެވެގެންނެއް ނުދެއެވެ. ދަރިފުޅު ފާސްނުވުމުން, އެކަމާ ފިކުރުބޮޑުވެ ކަންބޮޑުވުމުން، ތިބާގެ ދަރިފުޅު ފާސް ނުވި ނުވުން ފާސްވިކަމަށް ބަދަލުވާނެ ހެއްޔެވެ؟ ތިބާގެ ބައްޕަ މަރުވުމުން ނާއުއްމީދުވެ ދިރިއުޅުމުން، ބައްޕަ ދުނިޔެއަށް އަންނާނެ ހެއްޔެވެ؟ ތިބާގެ ވިޔަފާރި ހުއްޓުމަކަށް އައުމުން ހިތާމަކުރެއެވެ. މިކަމުން، ތިބާގެ ވިޔަފާރިން ލިބުނު ގެއްލުން ފައިދާ އަށް ބަދަލުވެ ޙާލަތު ރަނގަޅު ވި ހެއްޔެވެ؟
ހިތާމަނުކުރާށެވެ. މުޞީބާތެއް ކުރިމަތިވުމުން، ނާއުއްމީދު ވުމުގެ ސަބަބުން ތިބާ އަށް ކުރިމަތިވި މުޞީބާތް އިތުރަށް ބޮޑުވެގެން ދެއެވެ. ފަޤީރުކަމުގެ ސަބަބުން ކަންބޮޑުވެއްޖެނަމަ، އޭގެއިން ތިބާގެ ޙާލަތު އިތުރަށް ގޯސްކޮށްލައެވެ. ދުޝްމަނު މީހާ ބުނާ ބަހެއްގެ ސަބަބުން، ތިބާއަށް އަސަރުކޮށްފިނަމަ، އެމީހުން ތިބާއާ ދެކޮޅަށް ކުރާ މަސައްކަތުގައި ނޭގިނަމަވެސް ތިބާ އަށް އެހީވެ ދެވުނީއެވެ.
ހިތާމަނުކުރާށެވެ. އެހެނީ، ކިތަންމެ ބޮޑު ގަނޑުވަރެއް ލިބުނަސް، ހިތާމަ ކުރުމުގެ ސަބަބުން ތިބާއަށް ކުރުވާ ނޭދެވޭ އަސަރުތަކުން ސަލާމަތްކަން ނުލިބޭނެއެވެ. ހަމައެހެންމެ، ރީތި އަތްބެއް ހުއްޓަސް، ތަނަވަސް މުދާވެރިކަމެއް ލިބުނަސް، މަތީ މަޤާމެއް ލިބުނަސް، އަދި ވިސްނުން ތޫނު ދަރިން ތިބި ކަމުގައި ވިޔަސް ވެހެވެ.
ހިތާމަނުކުރާށެވެ. ހިތާމަ ކުރުމުގެ ސަބަބުން، ތިބާ އަށް ސާފު ފެން ސިފަވެގެންދާނީ ޒަހަރު ހެންނެވެ. ފިނިފެން މަލަކަށް ބަލަހައްޓައިގެން ހުންނައިރު ސިފަ ވާނީ ކަށިގިނަ ގަހެކެވެ. ފެހިކަން ގަދަ ބަގީޗާއަކަށް ބަލާއިރު ސިފަވާނީ ހަނަފަސް ސަހަރާއެކެވެ. އަދި ތަނަވަސް ދުނިޔޭގައި ދިރިއުޅޭއިރު ތިބާ އަށް އިޙްސާސް ކުރެވޭނީ، އޭގެ ތެރޭގައި ދިރިއުޅުން ބަރުދާސްތުކުރަން އުދަނގޫ ޖަލެއްގެ ތެރޭގައި ދިރިއުޅޭ ފަދައިންނެވެ.
ހިތާމަނުކުރާށެވެ. ތިބާއަށް ދެލޮލާއި ދެކަންފަތް ދެއްވާފައިވެއެވެ. އަދި ދުންފަތާއި ދެ އަތާއި، ދެފަޔާއި، ދުލާއި ހިތާއި، ހަމަޖެހުމާއި، ރައްކާތެރިކަމާއި، ދުޅަހެޔޮ ހަށިގަނޑެއް ލިބިފައިވެއެވެ.
فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ[1]
ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟
ހިތާމަނުކުރާށެވެ. ދިރިއުޅެންވީ ހަޤީޤީ ގޮތް އަންގައިދޭ އެންމެ ފުރިހަމަ އިސްލާމް ދީނުގެ ނިޢުމަތް ތިބާއަށް ދެއްވާފައިވެއެވެ. ދިރިއުޅޭނެ ގެ އެއް އެބަހުއްޓެވެ. ކާނާ އާއި ބޯ ފެން ލިބެއެވެ. އަންނައުނު ލިބެއެވެ. ހަމަޖެހުން ހޯދައިދޭނެ އަތްބެއް ލިބިފައިވެއެވެ. ދެން، ހިތާމަކުރަންވީ ކީއްވެ ހެއްޔެވެ؟
[1](سورة الرحمن 13 )