މި ލިޔުމަކީ ކީރިތި ޤުރުއާން ކިޔަވާމީހާ ދެނެގަތުން މުހިއްމު މައްސަލަތައް ސިލްސިލާގައި ހިމެނޭ 6 ލިޔުމުގެތެރެއިން 1 ވަނަ ލިޔުމެވެ.

 

މުޤައްދިމާ

 

الْحَمْدُ لله رَبِ الْعَالَمِيْن وَالصَّلَاةُ وَالسَّلَامُ عَلَى أَشّْرَفِ الْمُرْسَلِيْن سَيِدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ.

 ކީރިތި ޤުރުއާނަކީ ކާއިނާތުގެ ވެރި އިލާހުގެ ކަލާމްފުޅެވެ. އެންމެ ފަހުގެ ނަބިއްޔާ ﷺ އަށް ދެއްވުނު މަތިވެރިވެގެންވާ މުޢުޖިޒާތެކެވެ. މިއުންމަތުގެ މަތިވެރި ފޮތެވެ. އެފޮތަށް ތަބާވާ އެއްވެސް މީހަކު މަގުފުރެދިގެން ނުދާނޭ މަތިވެރި މަންހަޖެވެ. ބާއްވާލެއްވުނު އެހެން ހުރިހާ ފޮތްތައް މަންސޫޚު ކުރުވި މަތިވެރި ނާސިޚެވެ. މާތް ﷲ ބާއްވާލެއްވި އެންމެ ފަހުގެ ޝަރީއަތް، މިއުންމަތުގެ ޝަރީޢަތުގެ އެންމެ އިސް މަޞްދަރެވެ. އެކާލަމްފުޅު ދުލުން ކިޔުމުން ސަވާބާއި ދަރުމަ ލިބޭ އަދި ހިތުން ދަސްކުރާ މީހާގެ ޤަދަރު ދެދުނިޔޭގައި އުފުލައިދޭނެ ފޮތެކެވެ. ހިތްތަކަށާއި ރޫޙަށް ވާ މަތިވެރި ޝިފާއެކެވެ. އެ ފޮތާއި އެކު ވަގުތު ހޭދަކުރާ މީހާއަށް ހިތްހަމަ ޖެހުމާއި ކާމިޔާބު ލިއްބައިދޭ، އަދި އެފޮތް ދޫކޮށްލާ ހަޖުރު ކުރާ މީހާއަށް ނާކާމިޔާބާއި ކުރިމަތިލާންޖެހޭ ސަބަބަކަށް ވާ މަތިވެރި ފޮތެވެ. އާދެ މުސްލިމުންގެ އެންމެ އިސް އަދި އެންމެ މުޤައްދަސް ފޮތް ކަމުގައިވާ ކީރިތި ޤުރުއާނެވެ. މި މަތިވެރި ޚާއްޞަ ފޮތް، ކީރިތި ޤުރްއާނާއި މެދު މާތްﷲ ވަނީ ޚާއްޞަ އުސޫލުތަކަކާއި އަޙްކާމްތަކެއް ޝަރުޢުކުރައްވާ ބަޔާން ކުރައްވާފައެވެ. އެފޮތް ކިޔެވުމާއި ގެންގުޅެއްވީ ގޮތާއި އެ ފޮތާއިމެދު މުޢާމަލާތް ކުރަންވީ ގޮތުގެ ތަފްޞީލުތައް ވަނީ އެ ފޮތުގައި އާއި ނަބިއްޔާ ﷺ ގެ ސުންނަތުގައި ވަރަށް ތަފްޞީލުކޮށް ބާޔާން ކޮއްދެއްވާފައެވެ. ވީމާ އަޅުގަނޑުމެން މުސްލިމުން އެ މަތިވެރި އުސޫލޫތަކާއި އަދަބުތައް ދަސްކޮށް އެހެން މީހުންނަށް ވެސް އުގަންނައިދޭން ޖެހެއެވެ. އެގޮތުން މި ކުރު ފޮތަކީ އޭގެތެރެއެއިން ފާހަގަ ކޮށްލެވޭ ބައެއް މުހިންމު ކަންކަން ހިމަނުއްވާ ސަޢޫދީ އަރަބިއްޔާގެ ޢިލްމުވެރިޔެއް ކަމުގައިވާ ފަޟީލަތުއް ޝައިޚް އަބުލް ޙަސަން އައްރައުޤީ އަލް ޢުޠައިބީ حفظه الله އެކުލަވާލައްވާފައިވާ مَسَائِلُ يَحْتَاجُهَا قَارِئُ الْقُرْآن” މި ފޮތުގެ ދިވެހި ތަރުޖަމާއެކެވެ.

މި ފޮތުގައި ކީރިތި ޤުރުއާން ކިޔަވާ މީހާ ދެނެގަތުން މުހިއްމު މައިގަނޑު ކަންތައްތަކާއި އޭގެ ޙުކުމްތަކުގެ ތަފްޞީލު ޝައިޚް ޖަމާކުރައްވާފައިވެއެވެ. އެހެންކަމުން، މި ފޮތުގައި އެކުލެވިގެންވާ މަޢުލޫމާތުތައް ދިވެހި މުޖުތަމަޢަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ދިވެހި ބަހަށް މިފޮތް ތަރުޖަމާކޮށް އެކުލަވާލީމެވެ. ދުޢާ އަކީ މި ފޮތުގެ ޒަރީޢާއިން ދިވެހި އުންމަތަށް އަގުހުރި ފައިދާ އެއް ލިބިގެން ދިޔުމެވެ. އަދި އަޅުގަނޑު ކިބައިން މި ކުޑަ މަސައްކަތް މާތް ﷲ ޤަބޫލުކުރެއްވުމެވެ. އަދި މިކަމުގައި އަޅުގަނޑަށް އެހީތެރިވެ ދެއްވި އެންމެހާ ފަރާތްތަކަށް ހެޔޮޖަޒާދެއްވާ އެބޭފުޅުންގެ މަސައްކަތުގައި ބަރަކާތްލެއްވުމެވެ.

وَمَا تَوْفِيْقِيْ إِلَّا بِالله

                                                                                                                                                މުތަރުޖިމް

                                                                                                                                                 މުޙައްމަދު ޝިފާން

މުއަލިފްގެ މުޤައްދިމާ

 

الْحَمْدُ لله الَّذِيْ أَنْزَلَ الْقُرْآنَ هُدًى لِلْمُتَّقِيْنَ، وَالصَّلَاةُ وَالسَّلاَمُ عَلَي أَشْرَفِ الْمُرْسَلِيْنَ نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن.

أَمَّا بَعْدُ:

ކީރިތި ޤުރުއާން ކިޔަވާ މީހަކު ދެނެގަތުން މުހިއްމު މައްސަލަތައް ޖަމާކޮށްލެވިފައި މިވަނީ މުޖުތަމަޢަށް ފައިދާކުރާނެ ކަމުގެ ޢުއްމީދުގައެވެ.

﴿ وَمَا تَوْفِيقِي إِلَّا بِاللَّـهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ ٨٨﴾ هود:88

މާނައީ: އަދި اللَّه ގެ ޙަޟުރަތުން މެނުވީ، އަހުރެންނަށް ތައުފީޤު ލިބުމެއްނުވެތެވެ. އަހުރެން ވަކީލު ކުރަނީ، އެކަލާނގެއަށެވެ. އަދި ތައުބާ ވަނީވެސް، އެކަލާނގެ ޙަޟްރަތަށެވެ.

 

 

 

ފުރަތަމަ މައްސަލަ

ރަމަޟާން މަހުގައި ކީރިތި ޤުރުއާން ކިޔެވުން

 

ރަމަޟާން މަހުގައި ކީރިތި ޤުރުއާން ގިނަ ގިނައިން ކިޔެވުން މުސްތަޙައްބުވެގެން ވެއެވެ. އެކަމުގެ ދަލީލަކީ އިބްނު ޢައްބާސް رَضِيَ اللَّهُ عَنْهُمَاގެ އަރިހުން ރިވާވެގެންވާ އަންނަނިވި ޙަދީޘްއެވެ.

عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا ، قَالَ : ((كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَجْوَدَ النَّاسِ، وَكَانَ أَجْوَدُ مَا يَكُونُ فِي رَمَضَانَ حِينَ يَلْقَاهُ جِبْرِيلُ، وَكَانَ جِبْرِيلُ يَلْقَاهُ فِي كُلِّ لَيْلَةٍ مِنْ رَمَضَانَ، فَيُدَارِسُهُ القُرْآنَ، فَلَرَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ حِينَ يَلْقَاهُ جِبْرِيلُ أَجْوَدُ بِالخَيْرِ مِنَ الرِّيحِ المُرْسَلَةِ)) متفق عليه

މާނައީ: އިބްނު ޢައްބާސް رَضِيَ اللَّهُ عَنْهُمَا  ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ރަސޫލުﷲ ﷺ އީ މީސްތަކުންގެ ތެރެއިން އެންމެ ދީލަތި ކަލޭގެފާނެވެ. އަދި ރަމަޟާން މަހު ޤުރްއާން މުދާރަސާ ކުރުމަށް ޖިބްރީލުގެފާނާއި ބައްދަލުވާ ހިނދުގައި އިތުރަށް ދީލަތިވެ ވަޑައިގަންނަވައެވެ. ފަހެ އެކަލޭގެފާނު ޖިބްރީލުގެފާނާއި ބައްދަލުވާ ހިނދު، އެކަލޭގެފާނުގެ ދީލަތިކަން، އަންނަ ހިއްގައިމު ވައިރޯޅިއަކަށް ވުރެވެސް ހެޔޮކަން ބޮޑުވެގެންވެއެވެ.

 

ހަދީޘްގެ ފިޤުޙު:

  • ރަމަޟާންމަހުގައި ކީރިތި ޤުރުއާން ގިނަގިނައިން ކިޔެވުން މުސްތަޙައްބުވެގެންވެއެވެ. އެހެނީ ތަކުރާރުކޮށް ކޮންމެ ރެއަކު އެކަލޭނގެފާނު ކިޔަވާ ވިދާޅުވުން، ރަމަޟާން މަހު ޤުރުއާން ކިޔެވުން ހެޔޮކަން އިތުރުވެގެންވާ ކަމަށް ދަލާލަތުކުރެއެވެ.
  • އަދި ޤުރުއާން ކިޔެވުމުގެ މަޤުޞަދަކަށް ވާންވާނީ ޚިޔާލާ ފިކުރުތަކުން ދުރުވެ މާނަ ފަހުމްވާގޮތައް ކިޔެވުމެވެ. އެހެނީ އެކަލޭގެފާނު ޤުރުއާން މުދާރަސާ ކުރެއްވި ވަގުތަކީ ރޭނގަޑުގެ ވަގުތެވެ. އެއީ ދުވާލުގެ ވަގުތަކީ މަޝްޣޫލުވުމުގެ ވަގުތަކަށްވާތީއެވެ.

މިއީ އަލްޙާފިޡު އިބްނު ޙަޖަރު رَحِمَهُ الله ބަޔާން ކުރައްވާފައިވާ ފައިދާއެކެވެ.[1]

 

އަލްއިމާމް އިބްނުލް ޤަޔިމް رَحِمَهُ الله ވިދާޅުވެފަވެއެވެ.[2] “ރަސޫލުﷲ ﷺ ގެ އާދަފުޅަކީ ރަމަޟާން މަހުގައި އަޅުކަން ކުރެއްވުން އިތުރުކުރެއްވުމެވެ. އެގޮތުން ޞަދަޤާތް ކުރެއްވުމާއި، އިޙްސާންތެރި ވެވަޑައިގަތުމާއި، ޤުރުއާން ކިޔަވާ ވިދާޅުވުމާއި، ޒިކުރު ކުރެއްވުމާއި އަދި އިޢުތިކާފްކުރެއްވުން އިތުރުކުރައްވައެވެ.”

ސަމާޙަތުއް ޝައިޙް ޢަބްދުލް ޢަޒީޒް ބިން ބާޒް رَحِمَهُ الله ވިދާޅުވެފަވެއެވެ.[3]“ކީރިތި ޤުރުއާން ކިޔަވާއިރު ކިޔެވޭ އެއްޗަކާއި މެދު ވިސްނަމުން، އާޔަތްތަކުގެ މާނައާއި މެދު ވިސްނާ ފިކުރު ކުރަމުން ގިނަގިނައިން ކިޔެވުން ރޯދަވެރިޔާއަށް އެދެވިގެންވެއެވެ. އަދި ނަމާދު ކުރުމާއި، ޞަދަގާތް ދިނުމާއި، ޒިކުރު ކުރުމާއި، އިސްތިޣްފާރު ކުރުން އަދިވެސް ﷲ تعالى އާއި ކުއްތަންކޮށްދޭ އެންމެހާ ކަމެއް ރެއާއި ދުވާލު ކުރުން އިތުރު ކުރުންވެސްމެއެވެ. އެއީ އެ މާތް ވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. އަދި ހެޔޮކަންތައް އިތުރު ކުރުމުގެ ބޭނުމުގައެވެ. އަދި އިސްވެ ދިޔަ މިސާލަކާއި ނުލާ ބިމާއި އުޑުތައް ހެއްދެވި އިލާހުގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ.”

ނުނިމޭ…

[1] فتح الباري (1/79)،و(11/221)

[2] زاد المعاد ص (183)

[3] مجموع فتاواه ج15 ص46