އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީނެވެ. އެއްކައުވަންތަ ﷲ އަށް އަޅުކަން ކުރުމަށް ގޮވާލާ އިލާހީ ދީނެކެވެ. އިސްލާމްދީން މީސްތަކުން ޖަހާލަތާއި ފަސާދައާއި އަނިޔާވެރިކަމުގެ ތެރެއިން މިންޖުކޮށް ރިވެތި އަޚްލާޤާއި ސުލޫކުގެ ތެރެއަށް ގެނެސްދިނެވެ. އެގޮތުން އެންމެން އެކަތިގަނޑެއްގެ ގޮތުގައި ހަދައި އަޚްވަންތަ މުޖްތަމަޢައެއް ބިނާ ކުރިއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މި ދީނުގައި ހަރުދަނާ އުޞޫލުތަކަކާއި ޤަވާޢިދު ތަކެއް ކަނޑައަޅުއްވާފައެވެ. މުޖުތަމައުގެ ބިންގާގެ ގޮތުގައި ޢާއިލާތައް ބިނާކުރާނެގޮތްތައް ބަޔާން ކޮށްދިނެވެ. އިންސާނިއްޔަތަށް އެކަމުގެ މުހިންމުކަމާއި ހާއްޖަތް ބޮޑުކަމުންނެވެ. އެހެނީ އިންސާނިއްޔަތު އުފެދިފައި ވަނީ މުޖުތަމާއުތަކެއްގެ މައްޗަށެވެ. އަދި މުޖުތަމަޢުތައް ބިނާވެފައި ވަނީ ޢާއިލާތަކެއްގެ މައްޗަށެވެ. ޢާއިލާތަކުގެ ބިންޤާއަކީ އެކަމުގެ އަޤުދު ކުރާ ދެމަފިރިން ކަމުގައި ވީތީއެވެ. މިލިޔުމުގައި މިބަލައިލަނީ ކައިވެއްޏަށްފަހު ޢާއިލީ ހެޔޮބިންޤާއެއް އެޅުމަށްޓައި އަދާކުރުން މުހިއްމު ކަމެއްކަމުގައި ދެމަފިރިންގެ ޙައްޤުތަކަށެވެ.
ކައިވެނީގެ ޝަރުޢީ މަފްހޫމު:
ކައިވެންޏަކީ ކައިވެނީގެ ޢަޤުދު ކުރެވޭ ދެމީހުން، ޝަރުޢުކުރެވިފައިވާ ގޮތަށް އެކަކުއަނެކަކަށް އަނބިފިރކަމުގެ އުފާ ޙާޞިލްކުރުމަށާއި އިސްލާމީ ޢާއިލާއެއް ބިނާކުރުމުގެ ޤަޞްދުގައި ވެވޭ ޢަޤުދެކެވެ.[1]
ކައިވެނީގެ ޙުކުމް:
ކައިވެނީގެ ޙުކުމަށް ބަލާއިރު އަޙްކާމުއްތަކްލީފުގެ[2] ފަސް ޙުކުމް ކައިވެނީގެ ޙުކުމްގެ ތެރޭގައި ދައުރުވެއެވެ. އެހެނީ ކައިވެނި ކުރުން ވާޖިބު ޙާލަތާއި، މުސްތަޙައްބު ޙާލަތާއި، މުބާޙު ޙާލަތާއި، މަކްރޫހަ ޙާލަތާއި އަދި ޙަރާމް ޙާލަތު ހިމެނެއެވެ.
ކައިވެންނީގެ ޙައްޤުތައް:
ކައިވެންޏަށްފަހު ދެމަފިރިން އެކަކު އަނެކަކަށްވާ ޙައްޤުތަކެއް ވެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ﴾[3] މާނައަކީ: “އަދި ޝަރުޢީ ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާ ފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް ޙައްޤުވެގެން ވެއެވެ. އަދި އެކަނބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއް ލިބިގެންވެއެވެ”.
މި އާޔަތާ ބެހޭ ގޮތުން އަބޫބަކުރު އަލްޖައްޞާޞް رَحِمَهُ الله ވިދާޅުވަނީ: “މި އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މި ޚަބަރު ދެއްވަނީ ދެމަފިރިން އެކަކު އަނެކަކަށް ޙައްޤުތަކެއް ވާ ކަމެވެ.”[4]
ފުރަތަމައީ: އަނބިމީހާގެ މައްޗަށްވާ ފިރިމީހާގެ ޙައްޤުތަކާއި ވާޖިބުތައް:
- ފިރިމީހާ އަށް ކިޔަމަންތެރިކަން އަދާ ކުރުން:
މާތް ﷲ ފިރިހެނުން ލައްވާފައިވަނީ އަންހެނުންގެ ބެލެނިވެރިންތަކެއްގެ ގޮތުގައެވެ. އެއްވެސް އަންހެނަކު އޭނާގެ މައްޗަށް ބެލެނިވެރިޔަކު ނުވާނެގޮތަކަށް ދޫކޮށްލާފައެއް ނުވެއެވެ. އެހެންކަމުން، އެކަނބަލުން ރަނގަޅު ގޮތުގައި ބަލަހައްޓާ ޚަރަދުދީ ހެދުމަކީ ފިރިންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަމެކެވެ. މިކަމަށްޓަކައި އަނބީން ފިރިންނަށް ކިޔަމަންތެރިވާން ޖެހެއެވެ. މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވަނީ: ﴿الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّـهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ﴾[5] މާނައަކީ: “ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމުވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށްއަނެއްބަޔަކު اللَّه މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ”.
2.ފިރިމީހާގެ ހުއްދަ ނެތި އޭނަގެ ގެއަށް އެއްވެސް މީހަކު ނުވެއްދުން:
ފިރިމީހާގެ ގެދޮރާމެދު ރައްކާތެރިވާން ޖެހޭނެއެވެ. އެހެނީ އެއީ އަނބިމީހާއަށް ޙަވާލު ކުރެވިފައިވާ ވަރަށްވެސް ބޮޑު އަމާނާތެކެވެ. މިގޮތުން ފިރިމީހާގެ ހުއްދަ ނެތި އެއްވެސް މީހަކު އޭނާގެ ގެއަށް ވައްދައިގެން ނުވާނެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ” لا يحل للمرأة أن تصوم وزوجها شاهد إلا بإذنه ، ولا تأذن في بيته إلا بإذنه ، ….”[6] މާނައަކީ: ” އަބޫހުރައިރާ رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. “ފިރިމީހާ ރަށުގައި ހުރިނަމަ އޭނާގެ އިޛްނަ އަކާއި ނުލައި ސުންނަތް ރޯދަ އެއް ހިފުން އަނބިމީހާ އަށް ހުއްދަވެގެން ނުވެއެވެ. އަދި ފިރިމީހާގެ ގެއަށް އޭނާ ނުރުހޭ މީހަކު ވެއްދުންވެސް ހުއްދަވެގެން ނުވެއެވެ”.
3.އަނބިމީހާ ފިރިމީހާ އަށް ނުކިޔަމަންތެރި ވެއްޖެނަމަ އަދަބު ދިނުމުގެ ޙައްޤު ފިރިމީހާ އަށް ލިބިގެންވުން:
އަނބިމީހާ އަށް އަދަބު ދޭއިރު ޖިސްމާނީ ގެއްލުން ނުވާގޮތަށް އަދި އަނބިމީހާގެ ނާޒުކު ތަނެއްގައި ޖަހައިގެން ނުވާނެއެވެ. މާތް ﷲ ވަޙީ ކުރައްވައެވެ. ﴿ وَاللَّاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ﴾[7] މާނައަކީ: “އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިޔަބައިމީހުން ބިރުގަންނަނަމަ،ފަހެ، އެކަނބަލުންނަށް ނަޞީހަތްދޭށެވެ! އަދި، އެކަނބަލުންނާއެކުއެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަނުވާގޮތުން) ޖަހާށެވެ!”
ދެވަނައީ: ފިރިމީހާގެ މައްޗަށްވާ އަނބިމީހާގެ ޙައްޤުތަކާއި ވާޖިބުތައް:
އަނބިމީހާގެ ޙައްޤުގައި ފިރިމީހާގެ މައްޗަށް ލާޒިމްވެގެންވާ މާލީ ޙައްޤުތަކެއް ވެއެވެ. އެއީ ކައިވެނީގެ ރަނާއި، ނަފަޤާ ނުވަތަ ދިރިއުޅުމުގެ ޚަރަދުތައް، އަދި ހުންނާނެ ތަނެކެވެ.
މާލީ ޙައްގުތައް ފިޔަވާ އެހެނިހެން ޙައްގުތަކުގެ ތެރޭގައި ހުރިހާ އަނބިންގެ މެދުގައި ހަމަހަމަ ކޮށް ކަންތައް ކުރުން، ރިވެތި ގޮތުގައި ދިރިއުޅުން، އަނބިމީހާ އަށް އަނިޔާ ނުކުރުން ހިމެނެއެވެ.
- މާލީ ޙައްޤުތަކާއި ވާޖިބުތަކުގެ ތެރެއިން ކައިވެނީގެ ރަން:
ކައިވޭނީގެ ރަނަކީ ކައިވެނީގެ ޢަޤުދު ކުރެވޭހިނދު ނުވަތަ ޖިމާޢު ވުމާއެކު އަނބިމީހާގެ ޙައްޤެކެވެ. އެހެނީ އަނބިމީހާއަށް ދިނުން ފިރިމީހާގެ މައްޗަށް ވާޖިބު އެއްޗެކެވެ. ކައިވެނީގެ ރަނަށް ތަފާތު ނަންތައް ދެވިފައިވެއެވެ. އޭގެތޭރޭގައި؛ އައްޞަދާޤު، އައްޞަދުޤަތު، އައްނިޙްލަތު، އަލްއަޖުރު އަދި އަލްފަރީޟަތު އެވެ. މިއިން ކޮންމެ ނަމެއް ދަލާލަތު ކޮށްދެނީ އޭގެ ފަރުޟިއްޔަތާއި، ޤީމަތާއި އަދި މުހިއްމުކަމުގެ މައްޗަށެވެ. ކައިވެނީގެ ހަޔާތުގެ އަގު މިއިން ރަމްޒު ކޮށްދެއެވެ.[8] މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވަނީ: ﴿وَآتُوا النِّسَاءَ صَدُقَاتِهِنَّ نِحْلَةً﴾[9] މާނައަކީ: ” އަންހެނުންނަށް އެކަނބަލުންގެ ރަން، ތިޔަބައިމީހުން ހިތުންރުހުމުންދޭ ދިނުމެއްގެ ގޮތުގައި ދޭށެވެ!”
ހަމަކަށަވަރުން ކައިވެނީގެ ޙައްޤު ވެރިޔަކީ އަނބިމީހާއެވެ. އެއީ އޭނާގެ ބައްޕަ ނުވަތަ ފިރިމީހާގެ ޙައްޤެއް ނޫނެވެ. އަންހެނާގެ އިޛްނަ ނެތި އެއިން އެއްވެސް މީހަކަށް ކައިވެނީގެ ރަނުން ބޭނުން ކުރުމެއް ނުވެއެވެ.
- މާލީ ޙައްޤުތަކާއި ވާޖިބުތަކުގެ ތެރެއިން ނަފަޤާ (ޚަރަދު):
ފިރިމީހާގެ މައްޗަށްވާ އަނބިމީހާގެ ޙައްޤުތަކުގެ ތެރެއިން އަނެއް ހައްޤަކީ ދިރިއުޅުމުގެ ޚަރަދެވެ. މާތް ﷲ ކީރިތި ޤްރުއާނުގައި ވަޙީ ކުރައްވާނީ: ﴿الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّـهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ ۚ فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِّلْغَيْبِ بِمَا حَفِظَ اللَّـهُ ۚ﴾[10] މާނައީ: “ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމުވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު اللَّه މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ. ފަހެ، ހެޔޮލަފާ އަންހެނުންނަކީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް اللَّه އެންގެވި ކަންތައް، ސިއްރުގައިވެސް، ރައްކާތެރިކުރާ އަންހެނުންނެވެ.”
ފިރިހެނާއަކީ އަނބިމީހާއަށް ޚަރަދު ދިނުމުގެ ޒިންމާ އުފުލައިގެން ހުންނަ ފަރާތެވެ. ޚަރަދު ދިނުމުގައި އިސްރާފެއްނެތި އަދި މުއްބާރު ކުރުމެއްނެތި ހެޔޮގޮތުގައި އެކަނބަލުންނަށް އެކަށީގެންވާ މިންވަރެއްގައި ޚަރަދުބަރަދު ދޭން ޖެހޭނެއެވެ. އަދި އަނބިމީހާ ފިރިމީހާއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާ ކުރާހާ ހިނދަކު އޭނާގެ ޚަރަދުތައް ދީ ހެދުމަކީ ފިރިމީހާގެ މައްޗަށް ވާޖިބު ކަމެކެވެ. އަނބިމީހާ ނުކިޔަމަންތެރި ވެއްޖެނަމަ ޚަރަދު ދޭކަށް ނުޖެހޭނެއެވެ.
އަނބިމީހާ އަށް ޚަރަދު ދިނުމުގެ ޙިކްމަތަކީ: ކައިވެނީގެ ޢަޤްދު ކުރެވުމާއި އެކު އަންހެނާ ހުންނަނީ ފިރިމީހާގެ މިލްކަކަށް ވެފައެވެ. އަދި ފިރިމީހާގެ އިޛްނަ އަކާއި ނުލައި ގެއިން ނިކުތުމަކީ އެކަނބުލޭގެ އަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. މީގެ އިތުރުން އަނބިމީހާގެ ހަށިގަނޑުން ފިރިމީހާ އުފާ ލިބިގަންނާތީވެ ވެސް ޚަރަދު ދޭން ޖެހެއެވެ.
ޚަރަދު ދިނުމުގެ މަޤްޞަދަކީ: އަނބިމީހާ އަށް ބޭނުންވާނެ ކާއެއްޗިއްސާއި ދިރިއުޅޭނެ ގެއަކާއި މިނޫންވެސް ބޭނުންވާނެ ތަކެތި ހޯދައިދިނުމެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿ وَعَلَى الْمَوْلُودِ لَهُ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ﴾[11] މާނައަކީ: “އަދި އެކަށީގެންވާ ހެޔޮގޮތުގައި އެކަނބަލުންނަށް ކާންދިނުމާއި، އަންނައުނުދިނުން އެއީ، (ކުއްޖާގެ) ބަފާގެ މައްޗަށް ވާޖިބުވެގެންވާކަމެކެވެ”. އަދިވެސް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿ لِيُنفِقْ ذُو سَعَةٍ مِّن سَعَتِهِ ۖ وَمَن قُدِرَ عَلَيْهِ رِزْقُهُ فَلْيُنفِقْ مِمَّا آتَاهُ اللَّـهُ﴾[12] މާނައަކީ: “ތަނަވަސްކަމުގެ ވެރިޔާ، އޭނާގެ ތަނަވަސްކަންހުރި މިންވަރަކުންހޭދަކުރާހުށިކަމެވެ! އަދި އެމީހެއްގެ ރިޒުޤު ދަތިކުރައްވާފައިވާ މީހާ، ފަހެ،އެމީހާޔަށް اللَّهދެއްވި އެއްޗަކުން ހޭދަކުރާހުށިކަމެވެ”.
އަބޫސުފްޔާން رَضِيَ اللهُ عَنْهُ ގެ އަނބިކަނބަލުން ހިންދު ބިންތި ޢަތަބާ رَضِيَ اللهُ عَنْها ކީރިތި ރަސޫލާ ﷺ ގެ އަރިހުގައި އަބޫސުފްޔާން ޚަރަދު ނުދެއްވާ ވާހަކަ ޝަކުވާ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. ((خُذِيْ مَا يَكْفِيْكِ وَوَلَدَكِ بِالْمَعْرُوْفِ))[13] މާނައަކީ: “ކަނބުލޭގެ އަށާއި ކަނބުލޭގެ ދަރިންނަށް ވާވަރަށް ނަގާށެވެ”.
މި ޙަދީޘާ ބެހޭ ގޮތުން އިބްނު ޤުދާމާ رحمه الله ވިދާޅިވަނީ: “މިއީ ފިރިމީހާގެ މުދަލުން އޭނާގެ އިޛްނައެއް ނެތި ނެގުމަށް ދެއްވާފައިވާ ހުއްދައެކެވެ. އަނބިމީހާ އާއި އޭނާގެ ދަރިންނަށް ފުދޭމިންވަރަށް އޭނާގެ އިޖްތިޙާދުގެ މިންވަރަށް ނެގުމަށް ވަނީ ދޫކޮށްލެވިފައެވެ.”[14]
އަދި މިޙަދީޘުން ދަލާލަތު ކޮށްދެނީ ހަމަކަށަވަރުން ޚަރަދުގެ މިންވަރަކީ ޢާއްމު މިންގަނޑުން އަނބިމީހާއަށް ފުދޭވަރެވެ. މި މިންގަނޑަކީ ޒަމާނާއި، ތަނާއި ، ޙާލަތާއި މީހާ ތަފާތުން ތަފާތު ވާނެ މިންވަރެކެވެ. [15]
عَنْ عَائِشَةَ قَالَتْ : “دَخَلْتْ هِنْدُ بِنْتُ عُتْبَةَ امْرَأَةُ أَبِيْ سُفْيَانَ عَلَى رَسُوْلِ اللهِ صَلَّى الله عَلَيْهِ وَسَلَّمَ فَقَالَتْ : يَا رَسُوْلَ الله إِنَّ أَبَا سُفْيَانَ رَجُلٌ شَحِيْحٌ لَا يُعْطِيْنِي مِنَ النَّفَقَةِ مَا يَكْفِيْنِي وَيَكْفِيِ بَنِيَّ إِلَّا مَا أَخَذْتُ مِنْ مَالِهِ بِغَيْرِ عِلْمِهِ فَهَلْ عَلَّي فِيْ ذَلِكَ مِنْ جُنَاحٍ ؟ فَقَالَ رَسُوْلُ الله صَلَّى الله عَلَيْهِ وَسَلَّمَ : خُذِيْ مِنْ مَالِهِ بِالْمَعْرُوْفِ مَا يَكْفِيْكِ وَيَكْفِيْ بَنِيْكِ”[16] މާނައަކީ: ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ. އަބޫސުފްޔާނުގެ އަނބި ހިންދު ބިންތި ޢަތަބާ- ރަސޫލުﷲ ﷺ ގެ އަރިހަށް އައިސް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާ އެވެ. ހަމަކަށަވަރުން އަބޫ ސުފްޔާން އަކީ ދަހި މީހެކެވެ. އޭނާ އަށް ނޭނގި އޭނާގެ މުދަލުން އަހަރެން ނެގި އެއްޗެއް ފިޔަވާ އެހެން އެއްޗެއް، އަހަންނަށާއި ދަރިންނަށް ނުދެއެވެ. މިގޮތަށް އޭނާ އަށް ނޭނގި ނެގުމުގެ ސަބަބުން އަހަރެން ފާފަވެރިވާނެތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. “ކަނބުލޭގެ އަށާއި ކަނބުލޭގެ ދަރިންނަށް ވާވަރަށް ނަގާށެވެ”.
وَعَنْ جَابِرٍ : أَنَّ رَسُوْلُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ قَالَ فِيْ خُطْبَةِ حَجَّةِ الْوَدَاعِ : ” فَاتَّقُوْا اللهِ فِي النِّسَاءِ فَإِنَّكُمْ أَخَذْتُمُوْهُنَّ بِأَمَانِ اللهِ وَاسْتَحْلَلْتُمْ فُرُوْجَهُنَّ بِكَلِمَةِ اللهِ، وَلَكُمْ عَلَيْهِنَّ لا يُوطِئْنَ فُرُشَكُمْ أَحَدًا تَكْرَهُونَهُ، فَإِنْ فَعَلْنَ ذَلِكَ فَاضْرِبُوهُنَّ ضَرْبًا غَيْرَ مُبَرِّحٍ ، وَلَهُنَّ عَلَيْكُمْ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوْفِ)[17] .މާނައަކީ: ” ޖާބިރު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ޙައްޖަތުލް ވަދާޢުގެ ޚުޠުބާގައި ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުން އަނބިންގެ ކަންކަމުގައި ﷲ އަށް ތަގްވާވެރިވާށެވެ. ހަމަކަށަވަރުން އެކަނބަލުންނަކީ ތިޔަބައިމީހުންނާއި ޙަވާލުވެފައިވާ ﷲ ގެ އަމާނާތެކެވެ. އަދި އެކަނބަލުންގެ ފަރްޖުތައް ހުއްދަކޮށްފައިވަނީ ﷲ ގެ ޝަރީޢަތާއި އެއްގޮތަށެވެ. އެކަނބަލުންގެ މައްޗަށްވާ ތިޔަބައިމީހުންގެ ޙައްޤަކީ ތިޔަބައިމީހުންގެ ގެއަށް ތިޔަބައިމީހުން ނުރުހޭ މީހަކު ނުވެއްދުމެވެ. އެކަނބަލުން އެގޮތަށް ކަންތައް ކޮށްފިނަމަ އަނިޔާނުވާ ވަރަށް ޖަހާށެވެ. އަދި ތިޔަބައިމީހުންގެ މައްޗަށްވާ އެކަނބަލުންގެ ޙައްޤަކީ އެކަނބަލުންގެ ކެއުންބުއިމާއި އަންނައުނު ހޯދައިދިނުމެވެ”.
- މާލީ ޙައްޤުތަކާއި ވާޖިބުތަކުގެ ތެރެއިން އަނބިމީހާ ދިރިއުޅޭނެ ތަނެއް ހޯދައިދިނުން:
ފިރިމީހާ އަށް ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން އެކަނބުލޭގެ އަށް ހަމަޖެހިގެން ދިރިއުޅެވޭނެ ތަނެއް ހޯދައިދިނުމެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.﴿ أَسْكِنُوهُنَّ مِنْ حَيْثُ سَكَنتُم مِّن وُجْدِكُمْ﴾[18] މާނައަކީ: “ތިޔަބައިމީހުންގެ ތަނަވަސްކަން ހުރިވަރަކުން ތިޔަބައިމީހުން އުޅޭތަނެއްގައި އެކަނބަލުން (އެބަހީ: ވަރިކޮށްފައި، ޢިއްދާގައި ތިބޭ އަންހެނުން) ބައިތިއްބާށެވެ!”.
(ނުނިމޭ)
[1] أحوال الشخصية 17
[2] ޝަރުޢީ ފަސްޙުކުމް؛ ވާޖިބު، މުސްތަޙައްބު، މުބާހު، މަކްރޫހު އަދި ޙަރާމް
[3] سورة البقرة 228
[4] أحكام القرآن لجصاص 68/2
[5] سورة النساء 34
[6] صحيح البخاري » كتاب النكاح » باب لا تأذن المرأة في بيت زوجها لأحد إلا بإذنه 4899
[7] سورة النساء 34
[8] حقوق المرأة في السنة 177
[9] سورة النساء 4
[10] سورة النساء 34
[11] سورة البقرة 233
[12] سورة الطلاق 7
[13] صحيح مسلم » كتاب الأقضية » باب قضية هند 1714, صحيح البخاري » كتاب النفقات » باب إذا لم ينفق الرجل فللمرأة أن تأخذ بغير علمه ما يكفيها وولدها بالمعروف 5364
[14] المغني 9/240
[15] فقه السنة 1/232
[16] صحيح مسلم » كتاب الأقضية » باب قضية هند 1714, صحيح البخاري » كتاب النفقات » باب إذا لم ينفق الرجل فللمرأة أن تأخذ بغير علمه ما يكفيها وولدها بالمعروف 5364
[17] صحيح مسلم » كتاب الحج » باب حجة النبي صلى الله عليه وسلم 1218
[18] سورة الطلاق 6