އިސްވެ ދިޔަ ބައި ވާނީ ފިރިމީހާގެ ފަރާތުން އަނބިމީހާއަށް އަދާކުރަންޖެހޭ ބައެއް ޙަޤުތަކަށް އަލި އަޅުވާލާފައެވެ. އޭގެއިތުން އަދާކުރަން ޖެހޭ ޙައްޤުތަކުގެ ތެރޭގައި:
- އުނގެނުން:
އިސްލާމްދީނުގެ މައިގަނޑު އުޞޫލުތަކާއި ވާޖިބުތައް އެނގޭނޭ މިންވަރަށް ޢިލްމު އުނގަންނައި ދިނުމަކީ އަނބިމީހާގެ ޙައްޤުގައި ފިރިމީހާ ކޮންދޭންޖެހޭ ކަމެކެވެ. އަދި އަނބިމީހާއަށް އުނގަންނައި ދިނުމުގެ ޤާބިލުކަން ފިރިމީހާގެ ކިބައިގާ ނެތްނަމަ ތަޢުލީމީ މަރުކަޒުތަކަށްގޮސް ކިޔެވުމުގެ އިޛްނަ ދޭންޖެހޭނެއެވެ. އެހެނީ އެންމެ ކުޑަމިނުން ތިމާގެ އަމިއްލަ ނަފުސުގެ އަޅުކަންތައް އަދާކޮށްގެން އުޅެވޭ މިންވަރަށް ދީނުގެ ތަޢުލީމު ލިބިފައި ހުންނަންޖެހެއެވެ. އަދި ތިމާގެ ދަރިން ތަރުބިއްޔަތުކޮށް ގެންގުޅެވޭނެ ވަރަށް ޢިލްމު ހުރުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ. މާތް ﷲ ކީރިތި ޤްރުއާނުގައި ވަޙީ ކުރައްވަނީ: ﴿ يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّـهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ﴾[1] މާނަ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ.”
އަދިވެސް އެކަލާނގެ ވަޙީ ކުރައްވައެވެ. ﴿ وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا ۖ لَا نَسْأَلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَالْعَاقِبَةُ لِلتَّقْوَىٰ ﴾[2] މާނަ: “އަދި ކަލޭގެފާނުގެ އަހުލުވެރިންނަށް ނަމާދުކުރުމަށް އަމުރުކުރައްވާށެވެ! އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! ރިޒުޤުދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންރަސްކަލާނގެ އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް ރިޒުޤުދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ރަނގަޅު ނިމުންވަނީ، ތަޤުވާވެރިންނަށެވެ.”
- ހެޔޮގޮތުގައި ގެންގުޅުން:
ދެމަފިރިކަމުގެ ޙަޔާތް ހެޔޮގޮތުގައި ކުރިޔަށް ދިއުމަށްޓަކައި އަނބިމީހާ އާމެދު ހެޔޮކޮން ކަންތައްތައް ކުރުމަކީ ވަރަށް މުޙިއްމު ކަމެކެވެ. އަދި ބަދަހި ދިރިއުޅުމެއްގެ އެއް އަސާސްވެސް މެއެވެ. ހަމަކަށަވަރުން އިސްލާމްދީން ވަނީ އަނބީންނާމެދު ހެޔޮކޮށް ކަންތައްތައް ކުރުމަށް ގޮވާލައްވާފައެވެ. މާތް ﷲ ވަޙި ކުރައްވަނީ: ﴿ يَا أَيُّهَا الَّذِينَ آمَنُوا لَا يَحِلُّ لَكُمْ أَن تَرِثُوا النِّسَاءَ كَرْهًا ۖ وَلَا تَعْضُلُوهُنَّ لِتَذْهَبُوا بِبَعْضِ مَا آتَيْتُمُوهُنَّ إِلَّا أَن يَأْتِينَ بِفَاحِشَةٍ مُّبَيِّنَةٍ ۚ وَعَاشِرُوهُنَّ بِالْمَعْرُوفِ ۚ فَإِن كَرِهْتُمُوهُنَّ فَعَسَىٰ أَن تَكْرَهُوا شَيْئًا وَيَجْعَلَ اللَّـهُ فِيهِ خَيْرًا كَثِيرًا ﴾[3] މާނަ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ނުރުހުމުގައި އަންހެނުން ވާރުތަކޮށް ގަތުމަކީ، ތިޔަބައިމީހުންނަށް حلال ވެގެންވާ ކަމެއްނޫނެވެ. އަދި، ފާޅުވެގެންހުރި ހުތުރުކަން ބޮޑުވެގެންވާ ފާފައެއް އެކަނބަލުން ގެނެސްގަންނަ ކަމުގައިވަންޏާ މެނުވީ އެކަނބަލުންނަށް ތިޔަބައިމީހުން ދީފައިވާ ތަކެތީގެ ތެރެއިން ބަޔެއް އަތުލައިގަތުމަށްޓަކައި އެކަނބަލުންނަށް ދަތިނުކުރާށެވެ! އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ! ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންތެރި ވެއްޖެނަމަ (ދަންނާށެވެ!) ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި، އެ އެއްޗެއްގައި اللَّه ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ.”
ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ: (خيركم خيركم لأهله، وأنا خيركم لأهلي)[4] މާނަ: “ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ތިޔަބައިމީހުންގެ އަހުލަށް (ޢާއިލާ) އެންމެ ހެޔޮ މީހާއެވެ. އަދި ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންގެ ތެރިން އަހުލުންނަށް އެންމެ ހެޔޮ މީހާއެވެ.”
ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. (استوصوا بالنساء خيرا)[5] މާނައަކީ: "އަނބިންނާއި މެދު ހެޔޮކޮށް ހިތުމަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރައްވަމެވެ".
- އަނބިންގެ މެދުގައި ހަމަހަމަކޮށް ކަންތައް ކުރުން
އެއް އަންބަށްވުރެ ގިނައިން ތިބި ކަމުގައިވަނީނަމަ ހުރިހާ އަނބިންގެ މެދުގައި ޢަދްލުވެރިކޮށް އިންޞާފުން ކަންތައް ކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބު ކަމެކެވެ. އެގޮތުން އެކަނބަލުންނާއި އެކު ރޭކުރުމުގައްޔާއި ކެއުންބުއިމާއި އަންނައުނު ހޯދައިދިނުމުގައި އިންސާފުވެރިވާން ޖެހޭނެއެވެ. ނަބިއްޔާ ﷺ ދަތުރެއްގައި ދާނަމަ އަނބީންގެ މެދުގައި ޤުރުޢަތު ލައެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ނަބިއްޔާ ﷺ އަނބިންގެ މެދުގައި ކަންތައްތައް ބައްސަވައި އެކަމުގައި ޢަދުލުވެރިވެ އަދި ޙަދީޘް ކުރައްވައެވެ. “اللَّهُمَّ هَذَا قَسْمِي فِيمَا أَمْلِكُ ، فَلَا تَلُمْنِي فِيمَا تَمْلِكُ وَلَا أَمْلِكُ “[6] މާނަ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއީ އެކަމެއްގައި ތިމަންކަލޭގެފާނުގެ އިހްތިޔާރެއް އޮތް ކަމެއްގައި ތިމަންކަލޭގެފާނުގެ ބެހުމެވެ. އިބަ ﷲ ގެ ޙަޟުރަތުގައިވާ ތިމަންކަލޭގެފާނުގެ އިހްތިޔާރު އެކަމެއްގައި ނެތްކަމެއްގައި މި އަޅާ ކުށްވެރި ނުކުރައްވާނދޭވެ.”
އަނބީންގެ މެދުގައި ޢަދުލުވެރި ނުވެއްޖެނަމަ އެކަމުގައި ހުރި ނުރައްކާވެސް އެހާ ބޮޑެވެ. عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ” إِذَا كَانَ لِلرَّجُلِ امْرَأَتَانِ فَمَالَ إِلَى إِحْدَاهُمَا حُشِرَ يَوْمَ الْقِيَامَةِ ، وَأَحَدُ شِقَّيْهِ مَائِلٌ [7]” އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ.” ފިރިހެނަކަށް ދެ އަނބީންތިބެ އޭގެތެރެއިން އެކަކަށް ލެނިބިއްޖެނަމަ، އެމީހަކު ޤިޔާމަތް ދުވަހު މަޙުޝަރު ކުރެވޭނީ އެއްފަރާތް ވާގިނެތިފައިވާ ހާލުގައެވެ.”
- އަނބިމީހާ އަށް ގޯނާވާނެ އެއްވެސް ކަމެއް ނުކުރުން.
ދުރުހިލޭ މީހުނަށް ގޯނާކޮށް އަނިޔާކޮށް ހެދުމަކީވެސް އިސްލާމްދީން މަނާ ކުރައްވާފައިވާ ކަމެކެވެ. އެހެންކަމުން، އަނބިމީހާ އަށް ގޯނާވާނެ ކަމެއް ކުރުމަކީ ވަކީން ބޮޑަށް ގޯސް ކަމެކެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. (لا ضَيْرَ أَوْ لا ضَرَر)[8] “މާނައަކީ: “ގެއްލުންދިނުމެއްވެސް އަދި ގެއްލުން ހޯދައިގަތުމެއްވެސް ނުވެއެވެ”.
—————————-
[1] سورة التحريم 6
[2] سورة طه 132
[3] سورة النساء 19
[4] سنن الترمذي » كتاب الرضاع » باب ما جاء في حق المرأة على زوجها 3895
[5] صحيح البخاري » كتاب النكاح » باب الوصاة بالنساء 5186 صحيح مسلم » كتاب الرضاع 1468
[6] سنن أبي داود » كتاب النكاح » باب في القسم بين النساء 2135
[7] نصب الراية في تخريج أحاديث الهداية » كتاب النكاح » باب القسم ص 408
[8] السنن الكبرى للبيهقي 1726