ދެމަފިރިން އެއްބަޔަކު އަނެއްބަޔަކަށް ޚާއްޞަ ވެގެންވާ ޙައްޤުތަކެއް ވާ ފަދައިން ދެމަފިރިން ބައިވެރިވާ ޙައްޤުތަކެއްވެސް ވެއެވެ. އެހެނީ އެއީ ދެމަފިރިން ފުރިހަމައަށް އޭގައި ހިމެނިގެންދާ ޙައްޤުތަކެކެވެ. މިގޮތުން އަންނަނިވި ޙައްޤުތައް ހިމަނާލާނަމެވެ.
ދެމަފިރިކަމުގެ ގުޅުން
ދެމަފިރިން އެކަކު އަނެކަކަށް ބައިވެރިވާ އެއް ޙައްޤަކީ ދެމަފިރިކަމުގެ ގުޅުމުގެ ޙައްޤެވެ. އެބަހީ އެކަކު އަނެކަކުގެ ކިބައިން ލިބިގަންނަ ޖިންސީ އުފާވެރިކަމުގެ ލައްޒަތެވެ. ފިރިމިހާގެ ކިބައިން އަނބިމީހާއަށް އަރާމު ލިބިގަތުމުގެ ޙައްޤު ލިބޭ ފަދައިން އަނބިމީހާގެ ކިބައިން ފިރިމީހާއަށް އަރާމު ލިބުމުގެ ޙައްޤު ލިބިގެންވެއެވެ. މާތް ﷲ ކީރިތި ޤްރުއާނުގައި ވަޙީ ކުރައްވަނީ: ﴿ وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ۗ وَاللَّـهُ عَزِيزٌ حَكِيمٌ ﴾[1] މާނަ: “އަދި شرعى ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް حق ވެގެން ވެއެވެ. އަދި އެކަނބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއް ލިބިގެންވެއެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.” عن ابن عباس – رضي الله عنهما – قال: (إني لأحب أن أتزين للمرأة كما أحب أن تزين لي لأن الله عز وجل يقول: ( ولهن مثل الذي عليهن )[2])[3] މާނަ: އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.” ހަމަކަށަވަރުން ތިމަން ލޯބިކުރަމެވެ ތިމަންގެ އަނބިކަނބަލުންނަށް ޒީނަތްތެރިވުމަށް އެކަނބުލޭގެ ތިމަންނައަށްޓަކައި ޒީނަތްތެރިވެ އިނުމަށް ލޯބިކުރާ ފަދައިން. އެހެނީ ހަމަކަށަވަރުން މާތް ﷲ ވަޙީ ކުރައްވައެވެ. ﴿وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ﴾[4] މާނަ: “އަދި شرعى ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް حق ވެގެން ވެއެވެ.”
عبد الله بن عمرو بن العاص قال: قال رسول الله صلى الله عليه وسلم: (يا عبد الله ألم أخبر أنك تصوم النهار وتقوم الليل) قلت بلى يا رسول الله، قال: ( فلا تفعل صم وأفطر وقم ونم فإن لجسدك عليك حقا وإن لعينك عليك حقا وإن لزوجك عليك حقا)[5] ޢަބްދުﷲ ބިން ޢަމްރޫ ބިން އަލްޢާޞް އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. “އޭ ޢަބްދުﷲ އެވެ! ތިމަންކަލޭގެފާނު ޚަބަރު ނުދެއްވަމުތޯއެވެ، ތިބާ ދުވާލު ރޯދަ ހިފާ އަދި ރޭގަނޑު ރޭއަޅުކަމުގައި ހުންނަކަން.” އެހިނދު ތިމަން ދެންނެވީމެވެ. އާނ އެކެވެ ﷲ ގެ ރަސޫލާއެވެ، ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. “ފަހެ ތިބާ އެހެން ކަންތައް ނުކުރާށެވެ. ތިބާ ރޯދަ ހިފާށެވެ. އަދި ފަރިއްކުޅުއްވާށެވެ. އަދި ރޭއަޅުކަން ކުރާށެވެ. އަދި ނިދާށެވެ. ފަހެ ހަމަކަށަވަރުން ތިބާގެ ހަށިގަނޑުގެ ޙައްޤުތަކެއް ތިބާގެ މައްޗަށް ވެއެވެ. އަދި ތިބާގެ ލޮލުގެ ޙައްޤުތަކެއް ތިބާގެ މައްޗަށް ވެއެވެ. އަދި ތިބާގެ އަނބިމީހާގެ ޙައްޤެއް ތިބާގެ މައްޗަށްވެއެވެ.”
މާތް ﷲ ވަޙީ ކުރައްވައެވެ. ﴿ نِسَاؤُكُمْ حَرْثٌ لَّكُمْ فَأْتُوا حَرْثَكُمْ أَنَّىٰ شِئْتُمْ ۖ وَقَدِّمُوا لِأَنفُسِكُمْ ۚ وَاتَّقُوا اللَّـهَ وَاعْلَمُوا أَنَّكُم مُّلَاقُوهُ ۗ وَبَشِّرِ الْمُؤْمِنِينَ﴾ [6] މާނަ: ” ތިޔަބައިމީހުންގެ އަނބިންނީ، ތިޔަބައިމީހުންނަށްވާ ދަނޑުބިމެކެވެ. ފަހެ ތިޔަބައިމީހުން ބޭނުންފަދައަކުން ތިޔަބައިމީހުންގެ ދަނޑުބިމަށް އަންނާށެވެ! (އެބަހީ: نسل އުފެދުމުގެ މަގު خيار ކުރާށެވެ.) އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށްޓަކައި (ހެޔޮކަންތައް) އިސްކުރާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުންނީ އެކަލާނގެއާ ބައްދަލުވާނޭ ބަޔަކުކަން ތިޔަބައިމީހުން ދަންނާށެވެ! އަދި مؤمن ތަކުންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ. ”
ފިރިމީހާ އެއްދާން ކުރަން އެދިއްޖެ ޙާލަތެއްގައި އަނބިމީހާ އެކަމަށް ޙައިޟުގެ ސަބަބުން ނުވަތަ ފަރްޟު ރޯދަ އެއް ހިފައިގެން ހުރުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން މެނުވީ ފިރިމީހާގެ އެދުމަށް ފުރަގަސް ދިނުމަކީ ވަރަށް ވެސް ނުބައިކަން ބޮޑު ކަމެކެވެ. عن أبي هريرة رضي الله عنه قال : قال رسول الله صلى الله عليه وسلم : ” إذا دعا الرجل امرأته إلى فراشه فأبت فبات غضبان عليها لعنتها الملائكة حتى تصبح “[7] މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. “ފިރިމީހާ އޭނާގެ އަނބިމީހާ އަށް އެއްދާން ކުރުމަށް ގޮވާލާ ހިނދުގައި އެކަމަށް އެކަމަނާ ފުރަގަސްދިނުމުގެ ސަބަބުން ނުވަތަ އެކަމުން މަނާވެގަތުމުގެ ސަބަބުން ފިރިމީހާ ރުޅިއައިސްގެން ހުރެ ނިދައިފިނަމަ އަނެއްދުވަހުގެ ހެނދުނު ވަންދެން މަލާއިކަތުން އެކަމަނާ އަށް ލަޢްނަތް ދޭނެތެވެ”. މިހެން ކަމުން މިކަމަކީ ވަރަށްވެސް ބޮޑު އަހައްމިޔައްތު ކަމެއް ދޭންޖެހޭނެ ކަމެކެވެ. އަދި މިއީ ދެމަފިރިންގެ ގުޅުން ދެމެހެއްޓުމުގެ އެއްބައެވެ.
ސިއްރުތައް ހިފެހެއްޓުން
ދެމަފަރިން އެކަކު އަނެކަގެ ދެމެދުގައިވާ ސިއްރުތައް ހިފަހައްޓަން ޖެހޭނެއެވެ. އަދި ޚާއްޞަކޮށް ދެމަފިރިންޚާއްޞަ؛ އެއްދާންކުރުންފަދަ ކަންކަމުގައި ދިމާވާ އަދި ދެކެވޭ ވާހަކަތައް ދެމަފިރިން ސިއްރުކުރަން ޖެހޭނެއެވެ. ދެމަފިރިންގެ ޚާއްޞަ ސިއްރުތައް ފާޅު ކުރުމަކީ ވަރަށް ބޮޑަށް ނަހީ ކުރެވިގެންވާ ކަމެކެވެ. އަބޫ ސަޢީދު އަލްޚުދްރީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވައެވެ. ” إن من أشر الناس عند الله منزلة يوم القيامة الرجل يفضي إلى امرأته وتفضي إليه ثم ينشر سرها“[8] މާނަ: ” ހަމަކަށަވަރުން ޤިޔާމަތް ދުވަހުން މާތް ﷲ ގެ ޙަޟުރަތުގައި އެންމެ ނުބައިކަން ބޮޑު މީހަކީ ދެމަފިރިން އެއްދާން ކުރުމަށްފަހު އަނބިމީހާގެ ސިއްރުތައް ފާޅު ކުރާ މީހާއެވެ.”
އެހެންނަމަވެސް ޟަރޫރަތަކަށްޓަކައި ކޮންމެ ހެން ހާމަ ކުރަންޖެހޭ ކަމެއް މިސާލަކަށް ބައްޔެއްގެ ސަބަބުން ހާމަކުރަން ޖެހޭ އެއްޗެއް ހާމަ ކުރުން ހުއްދަވެގެންވެއެވެ.
ވަފާތެރިވުން
ދެމަފިރިން އެކަކު އަނެކަކަށް ވަފާތެރިވެ ވެފައިވާ ކައިވެނީގެ ޢަހުދުގެ މަތީގައި ދެމިތިބުމަކީ ދެމަފިރިން އެކަކު އަނެކަކުގެ މައްޗަށްވާ ޙައްޤެކެވެ. ޢަހުދަށް ވަފާތެރިވުމަކީ މުއުމިނުންގެ މަތިވެރި ޞިފައެކެވެ. މާތް ﷲ ވަޙީ ކުރައްވަނީ: ﴿وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُوا﴾ [9] މާނަ: ” އަދި عهد އެއް ކޮށްފިނަމަ އެއުރެންގެ عهد ފުއްދާ މީހުންނެވެ.”
މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ތަޥްފީޤާއެކު މި ސިލްސިލާ ލިޔެ ނިންމާލެވުނީއެވެ.
أسأل الله تبار وتعالى أن يرزقنا الإخلاص في القول والعمل واتباع كتابه وسنة نبيه صلى الله عليه وسلم، وأن يأخذ بنواصينا لما فيه رضاه وسعادتنا في الدارين، وأن يثبتنا على الحق حتى نلقاه به، وأن يغفر لي ولوالدي ولجميع المسلمين إنه سميع مجيب، وآخر دعوانا أن الحمد لله رب العالمين.
[1] سورة البقرة 228
[2] سورة البقرة 228
[3] رواه الطبري في جامع البيان 2/453
[4] سورة البقرة 228
[5] صحيح البخاري » كتاب النكاح » باب لزوجك عليك حق 5199
[6] سورة البقرة 223
[7] فتح الباري شرح صحيح البخاري » كتاب النكاح » باب إذا باتت المرأة مهاجرة فراش زوجها 4897
[8] صحيح مسلم » كتاب النكاح » باب تحريم إفشاء سر المرأة 1437
[9] سورة البقرة 177