ހަވަނަ މައްސަލަ
ކީރިތި ޤުރުއާނުގެ މާނާ ދެނެގަތުމުގެ އަހައްމިއްޔަތުކަން
ފަޟީލަތުއް ޝައިޙް އިބްނު ޢުޘައިމީން رَحِمَهُ الله ވިދާޅުވެފައިވެއެވެ: ކީރިތި ޤުރުއާންގެ ތަފްސީރު އުގެނުމަކީ ވާޖިބެކެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ: ﴿كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ ﴾ ص:29
މާނައީ: (މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ އާޔަތްތަކުގެ މާނަތަކާ މެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ އަހުލުވެރިން (އެއިން) ނަޞީހަތް ލިބިގަތުމަށެވެ.
އަދިވެސް ވަޙީ ކުރައްވާފައިވެއެވެ : ﴿أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَا ﴾ محمد:24
މާނައީ: ފަހެ، ޤުރުއާނާއި މެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ ނުވަތަ (އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟
ފުރަތަމަ އާޔަތުން ދަލީލުކޮށްދޭ ކަންތައް:
ކީރިތި ޤުރުއާން ބާވާލެއްވުމުގެ ޙިކުމަތް މާތް ﷲ ވަނީ ބަޔާން ކޮށްދެއްވާފައެވެ. އެއީ މީސްތަކުން އެ ފޮތުގެ އާޔަތްތަކާއި މެދު ތަދައްބުރު ކުރުމަށެވެ. ތަދައްބުރު ކުރުމަކީ: އާޔަތްތަކުގެ މާނައާއި މެދު ވިސްނާ ފިކުރުކުރުމެވެ. އެހެން ނުވާނަމަ ޤުރުއާން ބާވާލެއްވުމުގެ ޙިކުމަތުން އެމީހަކު މަޙުރޫމުވީއެވެ. ހަމަ އެކަނި ޤުރުއާންގެ އާޔަތްތައް ކިޔަވާލައި މާނަ އާއި މެދު ވިސްނާ ފިކުރު ކުރުން ދޫކޮށްލައިފި ނަމަ ކީރިތި ޤުރުއާން އުގަންނައިދޭ ފިލާވަޅުތަކުން އެމީހަކު މަހުރޫމުވާނެއެވެ.
ދެވަނަ އާޔަތުން ދަލީލުކޮށްދޭ ކަންތައް:
މާތް ﷲ އެވަނީ ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މާނައާއި މެދު ވިސްނާ ފިކުރު ނުކުރާ މީސްތަކުނަށް ނުރުއްސެއްވުމުގެ ބަސްފުޅު ވަޙީ ކުރައްވާފައެވެ. އަދި އެބައިމީހުންނަށް އިޝާރަތް ކުރައްވާފައިވަނީ ހިތްތަކުގައި ތަޅު އެޅުވިފައިވާ ބައެއްގެ ގޮތުގައެވެ. އެއީ އެބައިމީހުންގެ ހިތްތަކަށް ހެޔޮގޮތް ފޯރުން ބަންދުވެފައި ވާތީއެވެ.
އުއްމަތުގެ ސަލަފުން ޢަމަލު ކުރައްވާފައިވާ މަގަކީ:[1] އެއީ ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މާނައާއި މެދު ވިސްނާ ފިކުރު ހިންގުމެވެ. އެކަމުގެ ސަބަބުން އެބޭކަލުން ވެފައިވަނީ ކީރިތި ޤުރުއާނުގައިވާ މާތް ﷲ ގެ މުރާދުފުޅާއި އެއްގޮތައް އަމަލުކުރެއްވުމުގައި ސާބިތުވެވަޑައިގަތް ބޭކަލުން ކަމުގައެވެ. މާނަ ނޭނގޭ ކަމަކަށް އަމަލު ކުރުމަކީ އެއީ ކުރެވޭނެ ކަމެއް ނޫނެވެ.
އެހެންކަމުން ނަބިއްޔާ ﷺ ވަނީ އެކަލޭގެފާނުގެ އަޞްހާބުންނަށް ކީރިތި ޤުރުއާނުގެ އަކުރުތައް އުގަންނަވައި ދެއްވުމަށް ވުރެ ބޮޑަށް މާނަ އުގަންނަވައި ދެއްވުމަށް އަހައްމިޔަތުކަން ދެއްވާފައެވެ.
ޝައިޙުލް އިސްލާމް އިބްނު ތައިމިއްޔާ رَحِمَهُ الله ވިދާޅުވެފައިވެއެވެ:[2] އެގިގެންވާ ގޮތުގައި ރަސޫލުﷲ ﷺ ވަނީ އަޞްހާބުންނަށް ކީރިތި ޤުރުއާނުގެ އަކުރުތައް އުގަންނަވައި ދެއްވުމަށް ވުރެ ބޮޑަށް މާނަ އުގަންނަވައި ދެއްވުމަށް އަހައްމިޔަތުކަން ދެއްވާފައެވެ. އެހެނީ މާނަ ނޭނގި އަކުރު އިނގުމަކުން މަޤްޞަދު ޙާޞިލެއް ނުވެއެވެ. ލަފްޒެއްގެ ބޭނުމަކީ ކަމެއް ބަޔާން ކޮށްދިނުމެވެ.
ނިންމުން
އަޅުގަނޑު ތަރުޖަމާ ކުރުމަށް ފަށައިގެން ކުރިއަށް މި ގެންދިޔަ ” ކީރިތި ޤުރުއާން ކިޔަވާމީހާ ދެނެގަތުން މުޙިއްމު މައްސަލަތައް ” ސިލްސިލާގައި އަޅުގަނޑު ލިޔުމަށް ޤަސްދުކުރި ހިސާބަށް ލިޔެ ނިމުނީއެވެ. މި މަސައްކަތުގައި އަޅުގަނޑަށް އެހީތެރެވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ހެޔޮ ދުޢާކުރަމެވެ. ﷲ އަޅުގަނޑުގެ މި ކުޑަ މަސައްކަތުގައި ބަރަކާތް ލައްވާ އިސްލާމީ އުންމަތަށް ދޫކުރެވުނު ފައިދާ ކުރަނިވި ޢިލްމެއްކަމުގައި ލައްވާށީ. އާމީން.
[1][1] تفسير سورة البقرة (1/44)
[2] المراكشية ص (34)