މި ލިޔުމަކީ ހިތާމަނުކުރާށެވެ! ސިލްސިލާގައި ހިމެނޭ 35 ލިޔުމުގެތެރެއިން 10 ވަނަ ލިޔުމެވެ.

ހަމަކަށަވަރުން އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.

﴿إِنَّ مَعَ الْعُسْرِ يُسْرًا [1]

މާނައީ: ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.

ބަނޑުހައި ހޫނުކަމަށްފަހު ވަނީ ކެއުމެވެ. ކަރުހިއްކުމަށްފަހު ވަނީ ބުއިމެވެ. ވަރުބަލިކަމަށްފަހު ވަނީ ނިދުމެވެ އަދި ބަލިވުމަށްފަހު ދުޅަހެޔޮކަން ލިބެއެވެ. މަގު ގެއްލިފައިވާ މީހުންނަށް އެމީހުންގެ މަގު ފެންނާނެއެވެ. އުދަނގޫކަމުގައިވާ މީހުންނަށް ފަސޭހަކަން ލިބޭނެއެވެ. އަދި ރޭގަނޑު ވުމަށްފަހު ދުވާލު އަންނާނެއެވެ.

﴿فَعَسَى اللَّـهُ أَن يَأْتِيَ بِالْفَتْحِ أَوْ أَمْرٍ مِّنْ عِندِهِ[2]

މާނައީ: ފަހެ، اللَّه ފަތަޙައެއްވެސް ދެއްވައިފާނެތެވެ. ނުވަތަ އެކަލާނގެ ޙަޟްރަތުން، އެހެން އަމުރުފުޅެއްވެސް އަތުވެދާނެތެވެ.

އަންނަން އޮތް ހެނދުނުގެ ޚަބަރު ރޭގަނޑަށް ދޭށެވެ. އޭގެ އަލިކަން ފަރުބަދަތަކާއި ވާދީ ތަކާއި ހަމައަށް ފެތުރިގެން ދާނެ ހެނދުނުގެ ޚަބަރެވެ. މުޞީބާތްތައް ކުރިމަތިވެފައިވާ މީހުންނަށް އެސްފިޔަ ޖަހައިލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނުވަތަ އަލިދަތުރު ކުރާ ބާރުމިނުގައި އެމީހުންނާއި ހަމައަށް ކުއްލިއަކަށް އަތުވެދާނެ ފަސޭހަކަމުގެ އުފާވެރި ޚަބަރު ދޭށެވެ.

އެތައް މޭލެއްގެ ދުރުމިނަށް ހަނަފަސް ސަހަރާ ފެތުރިފައިވާތަން ތިބާއަށް ފެންނަނަމަ، ދަންނާށެވެ. އެ ދުރުމިން ހުރަސް ކުރުމަށްފަހު  ހިތްފުރިގެންދާނެ ވަރަށް ހިޔާ ލިބޭނެ ފެހިކަން ގަދަ ބަގީޗާތައް ވާނެއެވެ. ފަހަރަކަށްވުރެ ފަހަރެއް ވަލަށް ބާރު ވަމުން ދާނަމަ ދަންނާށެވެ . އެ ވާ ކުއްލިއަކަށް ކަނޑައިގެންގޮސް ހަލާކުވެގެން ދާނެއެވެ.

ކަރުނައަށްފަހު ހިނިތުންވުން އާދެއެވެ. ބިރުވެރިކަން ސަލާމަތްކަމަށް ބަދަލުވެދެއެވެ. އަދި ހިތާމަތައް އުފާވެރިކަމާއި ހިތްހަމަޖެހުމަށް ބަދަލުވެދެއެވެ. އިބްރާހީމްގެފާނު އަލިފާނަށް އެއްލައިލެވުނު ހިނދު އޭގެ ހޫނު އެކަލޭގެފާނަށް އިހުސާސެއް ނުވެއެވެ. އެއީ އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ އެ އަލިފާނަކީ ފިނި އެއްޗެއްކަމުގައި ލައްވައި އެކަލޭގެފާނަށް އެހީތެރިވެ ވޮޑިގަތުމުންނެވެ.

﴿ قُلْنَا يَا نَارُ كُونِي بَرْدًا وَسَلَامًا عَلَىٰ إِبْرَاهِيمَ [3]

މާނައީ: (ދެން އެއުރެން އެކަލޭގެފާނު އަލިފާނަށް އެއްލިހިނދު) ތިމަންރަސްކަލާނގެ ވަޙީކުރެއްވީމެވެ. އޭ އަލިފާނާއެވެ! އިބްރާހީމްގެފާނުގެ މައްޗަށް ފިނިކަމެއް ކަމުގައްޔާއި، އަމާންކަމެއްކަމުގައި ވާށެވެ!

ކަނޑަކަށް މުސާގެފާނު ޣަރަޤުކޮށެއް ނުލެވުނެވެ. އެއީ އެކަލޭގެފާނު، ފުރިހަމަ އިތުބާރާއި، ހިތްވަރާއި ތެދުވެރި ކަމާއެކު މިފަދައިން ދެންނެވުމުންނެވެ.

﴿ إِنَّ مَعِيَ رَبِّي سَيَهْدِينِ [4]

މާނައީ: އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ.

ހޮހަޅައިގައި ތިއްބަވަނިކޮށް ﷲ އެބޭކަލުންނާއެކު ވާކަމުގައި ރަސޫލާ ޞައްލައްﷲ އަލައިހި ވަސައްލަމް އަބޫބަކުރުގެފާނަށް ޚަބަރުދެއްވިއެވެ. އެހިނދު އަމާންކަމާއި ހަމަޖެހުން އެބޭކަލުންގެ މައްޗަށް ވެރިވިއެވެ.

ކުރިމަތިވެފައިވާ ވަގުތުގެ އަޅަކަށް ވެގެން ހުންނަ މީހާ އަށް ފެންނާނީ ހިތާމައާއި ނުތަނަސްކަމެވެ. ސަބަބަކީ އެމީހުން ބަލަނީ ހަމައެކަނި ކޮޓަރީގެ ފާރުތަކަށާއި ދޮރަށް ކަމުގައިވުމެވެ. އެހެނެއްކަމަކު އެމީހުން އެހުރަސްތައް ގިރާކޮށް އެއަށްވުރެ ދުރަށް ނަޒަރު ހިންގަންޖެހެއެވެ.

ވުމާއެކު، ނާއުއްމީދު ނުވާށެވެ. އަބަދުމެ އެއްގޮތަކަށް ކަންތައްތައް އޮތުމަކީ މުސްތަޙީލު ކަމެކެވެ. ދުވަސްތަކާއި އަހަރުތައް ދަނީ ބަދަލުވެ ދައުރުވަމުންނެވެ. މުސްތަޤުބަލަކީ ޣައިބުގައިވާ އެއްޗެކެވެ. ކޮންމެ ދުވަހެއްވެސް އެދުވަހުގައިވާ އާ ކަންތައްތަކާއެކު އަހަރެމެންނާއި ބައްދަލު ކުރެއެވެ. ތިބާއަށް މިކަން ނޭނގި ހުރެދާނެއެވެ. ނަމަވެސް ކޮންމެ ދުވަހެއްގައިވެސް، ކޮންމެ ކަމަކަށް ފަހުވެސް، އާ ކަންތައްތަކެއް މެދުވެރިކުރައްވާ ހިންގަވައެވެ. އަދި ހަމަކަށަވަރުން އުނދަގޫކަމާއެކު ފަސޭހަކަން ވެއެވެ.

[1] (سورة الشرح 6 )

[2] (سورة المائدة 52)

[3]( سورة الأنبياء 69)

[4]سورة الشعراء 62