މި ލިޔުމަކީ ހިތާމަނުކުރާށެވެ! ސިލްސިލާގައި ހިމެނޭ 35 ލިޔުމުގެތެރެއިން 11 ވަނަ ލިޔުމެވެ.

ޤަޟާ ޤަދަރު

﴿ مَا أَصَابَ مِن مُّصِيبَةٍ فِي الْأَرْضِ وَلَا فِي أَنفُسِكُمْ إِلَّا فِي كِتَابٍ مِّن قَبْلِ أَن نَّبْرَأَهَا ۚ إِنَّ ذَٰلِكَ عَلَى اللَّـهِ يَسِيرٌ ﴾[1]

މާނައީ: އެއްވެސް މުޞީބާތެއް، ތިމަންރަސްކަލާނގެ އެ މުޞީބާތެއް  ވުޖޫދަށް ނެރުއްވުމުގެކުރިން ފޮތެއްގައި (އެބަހީ: ލައުޙުލް މަޙްފޫޡްގައި) ލިޔުއްވާފައިވާ ޙާލުގައި މެނުވީ، ބިމަށްވިޔަސް ނުވަތަ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ވިޔަސް އައިސް ނުޖެހެއެވެ.

ގަލަމުގެ ދެލި ހިކިއްޖެއެވެ. އަދި ފަތްފުށްތައް އުފުލިއްޖެއެވެ. މުސްތަޤުބަލުގައި ވާނޭހާ ކަމެއް ވަނީ ލިޔުއްވާފައެވެ.

﴿ قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّـهُ لَنَا ﴾[2]

މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަޅަމެންނަށް ލިޔުއްވާފައިވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ.

ތިބާ އަށް ކުރިމަތިވާ އެއްވެސް ކަމަކީ އެކަމެއް ކުރިމަތިނުވެ ނުދާނޭ ކަމެކެވެ. އަދި ނުޖެހި ދިޔަ އެއްވެސް މުޞީބާތަކީ، ޖެހެން އޮތް މުޞީބާތެއްކަމުގައި ނުވެއެވެ. މި ޤަބޫލުކުރުން ހިތުގައި ބިންވަޅު ނަގާފައިވާނަމަ، ދިމާވާ ހުރިހައި އުނދަގޫ ތަކާއި ދަތިތައް، ފަސޭހަ އާއި އަރާމަށް ބަދަލުވެގެންދެއެވެ.

ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

مَنْ يُرِدِ اللهُ بِهِ خَيْرًا يُصِبْ مِنْهُ[3]

މާނައީ: މާތް ﷲ  މީހަކަށް ހެޔޮގޮތެއް އިރާދަކުރައްވައިފިނަމަ އެމީހަކަށް މުޞީބާތް ކުރިމަތި ކުރައްވައެވެ.

މިސަބަބަށްޓަކައި، ބަލިމަޑުކަން ކުރިމަތިވުމުންނާއި، ދަރިއަކު މަރުވުން ނުވަތަ މުދާ އުނިކުރެއްވުން ފަދަ ކަމެއް ކުރިމަތިވީކަމުގައި ވިޔަސް މާބޮޑަށް ހިތާމަކޮށް ކަންބޮޑުނުވާށެވެ. މިކަންކަމަކީ ﷲ އެކަންކަން ހިނގާނޭ ކަމަށް ލިޔުއްވާފައިވާ ކަންކަމެވެ. އެއީ އެކަލާނގެ ނިންމެވުމެވެ. އަހަރެމެން ތެދުވެރި ގޮތުގައި މިކަން ޤަބޫލުކޮށްފިނަމަ، އަހަރެމެންނަށް އޭގެ ބަދަލު ދެއްވާނެއެވެ. އަދި އަހަރެމެންގެ ފާފަތައް ފުއްސަވާނެއެވެ.

މުޞީބާތްތައް ކުރިމަތިވެފައިވާ މީހުންނަށް އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ. އެހެންކަމުން ކެތްތެރިވުމުގައި ދެމިހުންނާށެވެ. އަދި ﷲ ގެ ނިޔާފުޅާއިމެދު އުފާކުރާށެވެ.

﴿ لَا يُسْأَلُ عَمَّا يَفْعَلُ وَهُمْ يُسْأَلُونَ ﴾

އެކަލާނގެ ކުރައްވާ ކަމަކާމެދު، އެކަލާނގެއާ ސުވާލެއް ނުކުރެވޭހުށްޓެވެ. (އެއުރެންކުރާ ކަންތަކާމެދު) އެއުރެންނާ ސުވާލުކުރައްވާނެތެވެ.[4]

މާތް ﷲ ހުރިހައި ކަމެއް ލިޔުއްވާފައިވާކަން  ވަރުގަދައަށް ޤަބޫލު ނުކުރާހާ ހިނދެއްގައި ތިބާ އަށް އަސްލު ހަޤީޤީ ހަމަޖެހުމެއް ނުލިބޭނެއެވެ.

ﷲ އިރާދަކުއްވާފައިވާ ހުރިހާ ކަމެއްވަނީ ލިޔުއްވާފައެވެ. އެގޮތުން ތިބާއަށް ކުރިމަތިވާނޭ އެންމެހައި ކަމެއް ވަނީ ލިޔުއްވާފައެވެ. އެހެންކަމުން ތިބާ އަށް ބާރުފޯރުވެން ނެތް ކަންކަމުގެ މައްޗަށް ހިތާމަނުކުރާށެވެ. ފެން ދައުރުވުން ހުއްޓުވުނީހޭ، ވައިޖެހުން  ހުއްޓުވުނީހޭ ނުވަތަ ތަށި ތަޅައިގެން ދިޔަ ނުދީ އެކަން ހުއްޓުވުނީސް ކަމަށް ހީނުކުރާށެވެ. ތިބާ ބޭނުން ވިޔަސް ނުވަތަ ނުވިޔަސް ތިބާއަށް އެކަންކަން ވިޔަ ނުދީ ނުހުއްޓުވޭނެ އެވެ.

﴿فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ﴾[5]

މާނައީ: ފަހެ، ބޭނުންމީހަކު އީމާންވާށެވެ! އަދި ބޭނުންމީހަކު ކާފިރުވާށެވެ![6]

އެފަދަ ކަންކަމުން ދުރުހެލިވާށެވެ. އަދި ﷲ ގެ ޤަދަރަށް ރުހި އީމާންވާށެވެ. އެގޮތުގައި ހުއްޓައި ހިތާމަ އާއި ރުޅިވެރިކަން ތިބާގެ މައްޗަށް ގަދަވެގަތުމުގެ ކުރިންނެވެ. ތިބާއަށް ކުރެވެން ހުރި ހުރިހައި ކަމެއް ކުރުމަށްފަހުގައިވެސް، ތިބާ އެކަމަކާއި ދެކޮޅަށް މަސައްކަތްކުރި ކަންތައް ހިނގައިފިނަމަ ނުވަތަ ކުރިމަތިވެއްޖެނަމަ، އެއީ ﷲ ގެ މިންވަރުފުޅު ކަން ޤަބޫލުކޮށް އީމާންވާށެވެ. އަދި މިފަދައިން ނުބުނާށެވެ. އަހަރެން މިވެނި ގޮތަކަށް ކަންކުރިނަމަ މިވެނި ކަމެއް ވީހޭ، އޭގެ ބަދަލުގައި ބުނާށެވެ. މިއީ ﷲ ގެ ޤަދަރެވެ. އެކަލާނގެ އިރާދަކުރައްވާ ކަމެއް އެކަލާނގެ މެދުވެރިކުރައްވައެވެ.

[1] سورة الحديد 22

[2] سورة التوبة 51

[3] رواه البخاري.

[4] سورة الأنبياء 23

[5] سورة الكهف 29

[6] މި އާޔަތުގައި ” ފަހެ، ބޭނުންމީހަކު އީމާންވާށެވެ! އަދި ބޭނުންމީހަކު ކާފިރުވާށެވެ!” ވަޙީކުރައްވާފައިވަނީ ވަޢީދުގެ ބަސްފުޅެއްގެ ގޮތުންނެވެ.