މި ލިޔުމަކީ ހެޔޮކަމުގެ ކަންޒު ސިލްސިލާގައި ހިމެނޭ 3 ލިޔުމުގެތެރެއިން 1 ވަނަ ލިޔުމެވެ.

މުސްލިމު އަޚުންނާއި އުޚުތުންނޭވެ! އެނގޭ ހެއްޔެވެ! 

ފަރުޟު ނަމާދު ޖަމާޢަތުގައި އަދާކުރާ ކޮންމެ ފަހަރަކު ޙައްޖެއް އަދާކުރުމުން ލިބޭ ސަވާބާއި ދަރުމަ ހޯދިދާނެއެވެ. އެހެނީ ރަސޫލާ ﷺގެ ތެދުވެރި ދޫފުޅުންވަނީ އެ އުފާވެރިކަމުގެ ޚަބަރު ދެއްވާފައެވެ. ޙަދީޘްގައި އައިސްފައިވެއެވެ.

عَنْ أَبِيْ أُمَامَةَ الْبَاهِلِي رَضِيَ اللهُ عَنْهُ أَنَّ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ((مَنْ خَرَجَ مِنْ بَيْتِهِ مُتَطَهِّرًا إِلَى صَلَاةٍ مَكْتُوْبَةٍ، فَأَجْرُهُ كَأَجْرِ الْحَاجِّ الْمُحْرِمِ، وَمَنْ خَرَجَ إِلَى تَسْبِيْحِ الضُّحَى، لَا يَنْصِبُهُ إِلَّا إِيَّاهُ، فَأَجْرُهُ كَأَجْرِ الْمُعْتَمِرِ، وَصَلَاةٌ عَلَى إِثْرِ صَلَاةٍ لَا لَغْوَ بَيْنَهُمَا، كِتَابٌ فِيْ عِلِّيِّينَ.)) [أخرجه أبو داود واللفظ له، وأحمد وحسنه الشيخ الألباني في صحيح الترغيب]

އަބޫ އުމާމާ އަލްބާހިލީ رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުއްﷲ ﷺ ޙަދީޘް ކުރެއްވިއެވެ. “އެމީހެއްގެ ގެއިން ޠާހިރުވެގެން ފަރުޟު ނަމާދު އަދާކުރުމަށް ދާ މީހާއަށް އިޙްރާމުގައި ހުންނަ ޙައްޖުވެރި އަކަށް ލިބޭ ސަވާބާއި ދަރުމަލިބޭހުއްޓެވެ. އަދި ޟުޙާ ނަމާދު ކުރުމަށް ނުކުމެއްޖެ މީހާއަށް އުމްރާ ވެރިއަކަށް ލިބޭ ސަވާބާއި ދަރުމަލިބޭހުއްޓެވެ. އަދި ނަމާދުން އަވަދިވެ ދުނިޔަވީ ކަމެއްގައި މަޝްޣޫލުނުވެ އަނެއް ނަމާދުގެ އިންތިޒާރުގައި ހުންނަމިހާގެ ނަން ޢިއްލިޔީންގައި ލިޔެވޭހުއްޓެވެ.”

އެހެންކަމުން ތިބާ ކޮންމެ ރެއަކާއި ދުވާލު ފަސްވަގުތު ޖަމާޢަތުގެ ނަމާދަށް ޙާޟިރުގެ ނަމާދު ޖަމާޢަތުގައި ކޮށްފިނަމަ ފަސް ޙައްޖުގެ ދަރުމައާއި ސަވާބު ލިބޭހުއްޓެވެ. އަދި ހަފްތާގެ ހަތް ދުވަހުގެ ނަމާދުތައް ޖަމާޢަދުގައި ޢަދާކޮށްފިނަމަ 35 ޙައްޖުގެ ސަވާބާއި ދަރުމަ ލިބޭނެއެވެ. އަދި އެއްމަސް ވަންދެން (30 ދުވަސް ވަންދެން) ޖަމާޢަތުގައި ނަމާދުތައް އަދާކޮށްފިކަމުގައިވާނަމަ 150 ޙައްޖުގެ ސަވާބާއި ދަރުމަ ލިބޭނެއެވެ. އަދި އަހަރުގެ 365 ދުވަހުގެ ނަމާދުތައް ޖަމާޢަތުގައި ޢަދާކޮށްފިނަމަ 1,825 ޙައްޖުގެ ސަވާބާއި ދަރުމަ ލިބޭނެއެވެ.  إن شاء الله.  ކޮންފަދަ މަތިވެރި ސަވާބާއި ދަރުމައެއްތޯއެވެ. މިފަދަ މަތިވެރިކަން ހޯދުމަށް އަވަސްވެގަންނަމާ ހިންގަވާށެވެ. މާތް ﷲ އަޅަމެންނަށް މިފަދަ މަތިވެރި ސަބާބާއި ދަރުމަ އެކުލެވިގެންވާ އަޅުކަންކަމުގައި ހީވާގިކަންދެއްވާ ސާބިތުކަން ދެއްވާށި. އާމީން