މި ލިޔުމަކީ ހެޔޮކަމުގެ ކަންޒު ސިލްސިލާގައި ހިމެނޭ 3 ލިޔުމުގެތެރެއިން 3 ވަނަ ލިޔުމެވެ.

ދީނީ އިލްމު އުގެނުމުގެ ނިޔަތުގައި މިސްކިތަށް ގޮސް ޢިލްމު އުގެނުމާއި އުގަންނައި ދިނުމުން ޙައްޖެއެއްގެ ދަރުމަ އާއި ސަވާބު ލިބިގެންދާނެކަން ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمْ ވަނީ ބަޔާންކޮށްދެއްވާފައެވެ. އެއީ ކީރިތި ޤުރުއާނުގެ ޙަލަޤާއެއް ނުވަތަ ކުލާހެއް ވިޔަސް ނުވަތަ މިސްކިތުގައި ބޭއްވޭ ދަރުހެއް ވިޔަސް މިޙުކުމުގެ ތެރެއަށް ވަދެގެން ދާނެތެވެ. އެހެންކަމުން މިސްކިތުގައި ބޭއްވޭ ޢިލްމީ ދަރުސްތަކާއި ކްލާސްތަކުގައި ބައިވެރިވެ މި މަތިވެރިކަން ލިބިގަތުމަށް މަސައްކަތް ކުރައްވަމާތޯއެވެ. ކަމުގެ މަތިވެރިކަން ބަޔާންކުރައްވާ صَلَّى اللَّهُ عَلَيْهِ وَسَلَّمْ ރަސޫލާ ބަޔާންކުރެއްވި ޙަދީޘްފުޅުގައިވެއެވެ.

عَنْ أَبِي أُمَامَةَ الباهلي رَضِيَ اللهُ عَنْهُ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمْ قَالَ:  ((من غدا إلى مسجدٍ لا يريدُ إلا أن يتعلَّمَ خيرًا أو يُعلِّمَه ، كان له كأجرِ حاجٍّ ، تامًّا حجَّتُه.))

[أخرجه ابن حبان في ((المجروحين)) (2/156)، والطبراني (8/111) (7473)، وأبو نعيم في ((حلية الأولياء)) (6/97) مطولاً. وصححه الشيخ الألباني في صحيح الترغيب]

އަބޫ އުމާމާ އަލްބާހިލީ رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمْ ޙަދީޘް ކުރެއްވިއެވެ. “ޢިލްމު އުގަންނައި ދިނުމަށް ނުވަތަ އުގެނުމަށް އެދި މިސްކިތަށް ދާ މީހާއަށް، ފުރިހަމަ ގޮތުގައި ޙައްޖުވެފައިވާ ޙައްޖުވެރިއަކަށް ލިބޭ ދަރުމައާއި ސަވާބު ލިބޭހުއްޓެވެ.”

އެހެންކަމުން ތިބާ ނަމާދުގެ ޖަމާޢަތަށް ޙާޟިރުވެ މިސްކިތުގައި އޮންނަ ދަރުސްތަކުގައި ވައިވެރިވެ ޢިލްމު ޙަޞިލްކޮށްފިނަމަ އޭގެން ކޮންމެ ފަހަރަކު ފުރިހަމަ ޙައްޖެއްގެ ދަރުމައާއި ސަވާބު ލިބޭހުއްޓެވެ. އަދި ހަފްތާގެ ހަތް ދުވަހުގެ މިގޮތައް ދަރުސްއެއްގައި ބައިވެރިވެއްޖެ ނަމަ ފުރިހަމަ ވެގެންވާގޮތުގައި 7 ޙައްޖުގެ ދަރުމައާއި ސަވާބު ލިބޭހުއްޓެވެ. އަދި އެއްމަސް ވަންދެން (30 ދުވަސް ވަންދެން) މިގޮތައް ޢަމަލު ކޮށްފި ނަމަ ފުރިހަމަ ވެގެންވާގޮތުގައި 30 ޙައްޖުގެ ދަރުމައާއި ސަވާބު ލިބޭހުއްޓެވެ. އަދި އަހަރުގެ 365 ދުވަހު ހިތްވަރާއި އެކު މިގޮތައް ޢަމަލު ކޮށްފި ނަމަ ފުރިހަމަ ވެގެންވާގޮތުގައި 365 ޙައްޖުގެ ދަރުމައާއި ސަވާބު ލިބޭހުއްޓެވެ.  إن شاء الله.

މާތްﷲރަޙްމަތާއި އޯގަންތަ ކަމުގެ ބޮޑުކަމާއެވެ. މިފަދަ މަތިވެރިކަން ހޯދުމަށް އަވަސްވެގަންނަމާ ހިންގަވާށެވެ. މާތް ﷲ އަޅަމެންނަށް މިފަދަ މަތިވެރި ސަބާބާއި ދަރުމަ އެކުލެވިގެންވާ އަޅުކަންކަމުގައި ހީވާގިކަންދެއްވާ ސާބިތުކަން ދެއްވާށި. އަދި ދީނީ ޢިލްމުގެ ގޮތުން ޤާބިލް އަދި ދީނުގެ ކަންކަން ފަހުމްވާ ބައެއްކަމުގައި ލައްވާށި. އާމީން.