ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ބައެއް ވަގުތުތައް އަނެއްބައި ވަގުތުތަކުގެ މައްޗަށް މާތް ކުރައްވާފައެވެ. އަދި އެއްބައި ޢަމަލުތައް އަނެއްބައި ޢަމަލުތަކެއްގެ މައްޗަށް މާތް ކުރައްވާފައެވެ. ނަބިއްޔާ صلى الله عليه وسلم ގެ ހިޖުރައިގެ ޒިކުރާ އަޅުގަނޑުމެންނަށް އާކޮށްދެމުން އަޅުގަނޑުމެންނާއި ބައްދަލު ކޮށްފައި މިވަނީ ހިޖުރީ އަހަރުގެ ފުރަތަމަ މަސް ކަމުގައިވާ މުޙައްރަމް މަހެވެ. މުޙައްރަމް މަހަކީ ހުރުމަތްތެރި ކުރެވިގެންވާ ހަތަރު މަހުގެ ތެރެއިން މަހެކެވެ. އެމަހުގައި  ސުންނަތް ރޯދަ ހިފުން އެހެން މަސްތަކުގައި ސުންނަތް ރޯދަހިފުމަށް ވުރެ މޮޅުއިތުރުވެގެންވެއެވެ. އަދި އެމަހުގެ ދިހަވަނަ ދުވަސް ޢާޝޫރާ ދުވަހަކީ ޚާއްސަ ދުވަހެކެވެ.

ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ:

“أَفْضَلُ الصِّيامِ، بَعْدَ رَمَضانَ، شَهْرُ اللهِ المُحَرَّمُ”[1]

މާނައީ:ރަމަޟާން މަހުގެ ރޯދައަށް ފަހު އެންމެ މާތްވެގެންވަނީ މާތް ﷲ ޙުރުމަތްތެރި ކުރައްވާފައިވާ މުޙައްރަމު މަހުގެ ރޯދައެވެ.

 

ޢާޝޫރާ ދުވަހުގެ ތާރީޚް

އުއްމުލް މުއުމިނީން ޢާއިޝާ رضي الله عنها ވިދާޅުވިއެވެ: ” ޖާހިލިއްޔަ ޒަމާނުގައި ޤުރައިޝުން ޢާޝޫރާ ދުވަހު ރޯދަހިފައެވެ. އަދި ރަސޫލުﷲ صلى الله عليه وسلم ވެސް ޖާހިލިއްޔަ ޒާމާނުގައި ޢާޝޫރާ ދުވަހު ރޯދަހިއްޕަވައެވެ. އަދި މަދީނާ އަށް ވަޑައިގެންވެސް އެދުވަހުގައި ރޯދަހިއްޕެވިއެވެ. އަދި މީސްތަކުނަށް އެދުވަހުގައި ރޯދަހިފުމަށް އަމުރު ކުރެއްވިއެވެ. އަދި ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރެއްވުމުން ޢާޝޫރާ ދުވަހުގެ ރޯދަ ދޫކޮށްލެއްވިއެވެ (އެބަހީ: ފަރުޟު ރޯދައެއްގެ ގޮތުގައި ހިއްޕެވުން ދޫކޮށްލެއްވިއެވެ.) ބޭނުން މީހަކު އެދުވަހު ރޯދަ ހިފާށެވެ.އަދި ބޭނުން މީހަކު ނުހިފައި ދޫކަށްލާށެވެ.

އިސްވެ ބަޔާންވެގެންދިޔަ ޢާއިޝާ رضي الله عنها ގެ ބަސްފުޅުން ޢާޝޫރާ ދުވަހަކީ ޖާހިލިއްޔަ ޒަމާނުގައި ވެސް ޢަރަބިންގެ ތެރޭގައި މުޤައްދަސް ދުވަހެއްގެ ގޮތުގައި ބެލެވިފައިވާ ދުވަހެއްކަން ދޭހަކޮށްދެއެވެ. އެދުވަހަކީ ޢަރަބިންގެ ތެރޭގައި މަތިވެރި މަޤާމެއްދެވިގެންވާ ދުވަހެކެވެ. އެހެނީ އެދުވަހަކީ ގެފުޅުގައި އުރަކޮޅުލައްވާ ދުވަހެވެ.

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ: ((كَانُوا يَصُومُونَ عَاشُورَاءَ قَبْلَ أَنْ يُفْرَضَ رَمَضَانُ، وَكَانَ يَوْمًا تُسْتَرُ فِيهِ الكَعْبَةُ، فَلَمَّا فَرَضَ اللَّهُ رَمَضَانَ، قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: مَنْ شَاءَ أَنْ يَصُومَهُ فَلْيَصُمْهُ، وَمَنْ شَاءَ أَنْ يَتْرُكَهُ فَلْيَتْرُكْهُ))[2]

ޢާއިޝާ رضي الله عنها ވިދާޅުވިއެވެ:” ރަމަޟާން މަހުގެ ރޯދަ ފަރުޟުކުރެއްވުމުގެ ކުރިން ޢާޝޫރާ ދުވަހުގެ ރޯދަ ހިފަމުންދިޔައެވެ. އެދުވަހަކީ އެއީ ކައުބާގައި އުރަކޮޅުލެއްވޭ ދުވަހެވެ. މާތް ﷲ ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރެއްވި ހިނދު ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ:” ތިޔަބައިމީހުންގެ ތެރެއިން އެދުވަހު ރޯދައަށް ހުންނަށް އެދޭމީހާ ރޯދައަށް ހުންނާށެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އެދުވަހު ރޯދަ ދޫކޮށްލުމަށް އެދޭ މީހާ ރޯދަ ދޫކޮށްލާށެވެ.

 

އިމާމް ޤުރުޠުބީ رحمه الله ވިދާޅުވިއެވެ: ޢާޝޫރާ ދުވަހުގައި ރޯދަ ހިފުމަކީ ޝަރުޢުވެގެންވާ ޤަދަރުހުރިކަމެއް އެބައިމީހުނަށް (އެބަހީ: ޢަރަބިން) އެނގިގެންވާ ކަމެއްކަމަށް ދަލީލު ކޮށްދެއެވެ. އެބައިމީހުންނާއި ހަމައަށް އެދުވަހުގައި ރޯދަ ހިފުން އައިސްފައިވަނީ އިބްރާހިމް عليه السلام އާއި ޢިސްމާޢީލް عليه السلام ގެ ޝަރީޢަތުން ކަމުގައި ވެދާނެއެވެ. އެހެނީ އެބައިމީހުން ނިސްބަތްވެގެންވަނީ އެ ދެބޭކަލުންނަށެވެ. ޙައްޖުގެ އަޙްކާމްތަކާއި އަދި އެނޫންވެސް ކަންކަން އެ ދެބޭކަލުންގެ އަރިހުން އެބައިމީހުންނަށް ފޯރާފައިވެއެވެ…”[3]

 

ޢާޝޫރާ ދުވަހު ރޯދަހިފުމުގެ ޙުކުމް

ނަބިއްޔާ صلى الله عليه وسلم މަދީނާ އަށް ޙިޖުރަ ކުރެއްވުމަށްފަހު ޢާޝޫރާ ދުވަހުގެ ރޯދަ ހިފުން އޮތީ ވާޖިބެއްގެ ގޮތުގައެވެ. އެދުވަހުގައި ރޯދަ ހިފުމަށް އެކަލޭގެފާނު ޢަމުރުފުޅު ކުރެއްވިކަން ސާބިތުވެގެންވެއެވެ.

عَنْ سَلَمَةَ بْنِ الأَكْوَعِ رَضِيَ اللَّهُ عَنْهُ ، قَالَ : ((أَمَرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلًا مِنْ أَسْلَمَ : أَنْ أَذِّنْ فِي النَّاسِ : أَنَّ مَنْ كَانَ أَكَلَ فَلْيَصُمْ بَقِيَّةَ يَوْمِهِ ، وَمَنْ لَمْ يَكُنْ أَكَلَ فَلْيَصُمْ ، فَإِنَّ اليَوْمَ يَوْمُ عَاشُورَاءَ))[4]

ސަލަމަތު ބުން އަލްއަކްވަޢު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ބަނޫ އަސްލަމް ވަންހައިގެ މީހަކަށް ނަބިއްޔާ صلى الله عليه وسلم މީސްތަކުންތެރޭ އިޢުލާން ކުރުމަށް ޢަމުރުފުޅު ކުރެއްވިއެވެ.” އެއްޗެއް ކައިގެން ހުރިމީހަކު ކަމުގައިވަނީ ނަމަ އެދުވަހުގެ ބާކީ ބައިގައި ރޯދައަށް ހުންނާށެވެ. އަދި އެއްޗެއް ނުކައި ހުރި މީހަކު ނަމަ ރޯދައަށް ހުންނާށެވެ.” ހަމަކަށަވަރުން އެދުވަހަކީ ޢާޝޫރާ ދުވަހެވެ.

ހިޖުރައިން އަށްވަނަ އަހަރު ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރެއްވުމުން ޢާޝޫރާ ދުވަހު ރޯދަހިފުމުގެ ވާޖިބުކަން މަންސޫޚު ވެގެންދިޔައެވެ. އަދި ކުރިން އޮތްގޮތަށް ސުންނަތް ރޯދައެއްގެ ގޮތުގައި ދެމިއޮތެވެ. ޢާޝޫރާ ދުވަހުގެ ރޯދަ ވާޖިބެއްގެ ގޮތުގައި އަހަރެއްހާ ދުވަހަށްވުރެ މަދު ދުވަސްކޮޅެއްގައި މެނުވީ ދެމި ނޯވެއެވެ. އެހެނީ ޢާޝޫރާ ދުވަހުގެ ރޯދަ ފަރުޟު ކުރެއްވުނީ ހިޖުރައިގެ އަށްވަނަ އަހަރުގެ ކުރީކޮޅުއެވެ.ހަމަ އެއަހަރުގެ ރަމަޟާންމަހުގެ ރޯދަ ފަރުޟު ކުރެއްވުމުން ޢާޝޫރާ ދުވަހު ރޯދަ ހިފުމުގެ ވާޖިބުކަން މަންސޫޚު ވެގެންދިޔައެވެ.

 

ޢާޝޫރާ ދުވަހު ރޯދަހިފުމުގެ މާތްކަން

  1. އިސްވެދިޔަ އަހަރުގެ ކުދިފާފަތަކަށް ކައްފާރާއެކެވެ.

عَنْ أَبِي قَتَادَةَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ …وَسُئِلَ عَنْ صَوْمِ يَوْمِ عَاشُورَاءَ ؟ فَقَالَ : يُكَفِّرُ السَّنَةَ الْمَاضِيَةَ…[5]

އަބޫ ޤަތާދަ އަލްއަންޞާރީ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުން ޢާޝޫރާ ދުވަހުގެ ރޯދައާއި ބެހޭގޮތުން ސުވާލު ދެންނެވުނެވެ. ޙަދީޘް ކުރެއްވިއެވެ:” އިސްވެދިޔަ އަހަރުގެ ފާފަތަކުގެ ކައްފާރާއެކެވެ”

 

  1. އާޝޫރާ ދުވަހުގައި ރޯދަ ހިއްޕެވުން އެހެން ދުވަސްތަކުގެ މައްޗަށް ރަސޫލުﷲ صلى الله عليه وسلم ޚާއްޞަ ކުރެއްވިއެވެ.

عن ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا ، وَسُئِلَ عَنْ صِيَامِ يَوْمِ عَاشُورَاءَ فَقَالَ : ((مَا عَلِمْتُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَامَ يَوْمًا يَطْلُبُ فَضْلَهُ عَلَى الْأَيَّامِ إِلَّا هَذَا الْيَوْمَ))[6]

ابْنُ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާވެގެންވެއެވެ: ޢާޝޫރާ ދުވަހުގެ ރޯދައާއި ބެހޭގޮތުން ސުވާލު ދެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ:” މި ދުވަސް ފިޔަވައި އެއްވެސް ދުވަހެއް ވަކިން ޚާއްޞަކުރައްވާ އަދި މާތް ދުވަހެއް ގޮތުގައި ދެކެވަޑައިގެން ރަސޫލުﷲ صلى الله عليه وسلم ރޯދަހިއްޕެވިކަން ތިމަން އަށް އެނގިގެންނުވެއެވެ.

 

  1. މާތް ﷲ ގެ ނަބިއްޔާ އަދި ކަލީމް މޫސާ عليه السلام އަށް ތަބާވުމުގެ ގޮތުން އަދި އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަޞްޙާބުން ފިރުޢައުނުގެ ކިބައިން ސަލާމަތްކޮށްދެއްވާ ދެއްވި ނިޢުމަތަށް ޝުކުރުވެރިވުމުގެ ގޮތުން ހިފޭ ރޯދައެކެވެ.

عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا ، قَالَ : ((قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ المَدِينَةَ فَرَأَى اليَهُودَ تَصُومُ يَوْمَ عَاشُورَاءَ ، فَقَالَ : مَا هَذَا؟ قَالُوا : هَذَا يَوْمٌ صَالِحٌ هَذَا يَوْمٌ نَجَّى اللَّهُ بَنِي إِسْرَائِيلَ مِنْ عَدُوِّهِمْ ، فَصَامَهُ مُوسَى، قَالَ : فَأَنَا أَحَقُّ بِمُوسَى مِنْكُمْ ، فَصَامَهُ ، وَأَمَرَ بِصِيَامِهِ))[7]

 

އިބްނު ޢައްބާސް رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާވެގެންވެއެވެ: ރަސޫލޫﷲ صلى الله عليه وسلم މަދީނާއަށް ވަޑައިގެން ހިނދު، ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަހިފާތީ ދެކެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ސުވާލު ކުރެއްވިއެވެ. “މިއީ ކޮންކަމެއް ހެއްޔެވެ؟” ޔަހޫދީން ދެންނެވިއެވެ. “މިއީ ރަނގަޅު ދުވަހެކެވެ. މި ދުވަހުގައި މާތް ﷲ މޫސާ عليه السلام އާއި ބަނީ އިސްރާއީލުން އެބައިމީހުންގެ ޢަދުވުންގެ ކިބައިން މިންޖުކޮށްދެއްވިއެވެ. އެދުވަހުގައި މުސާ عليه السلام ރޯދައަށް ހުންނެވިއެވެ. ހަދީޘް ކުރެއްވިއެވެ: ތިޔަބައިމީހުނަށްވުރެ ތިމަމެން މޫސާ عليه السلام ގެ މައްޗަށް އަޢުލާވެގެންވެއެވެ. އެކަލޭގެފާނު ރޯދައަށް ހުންނެވިއެވެ. އަދި މީސްތަކުނަށް ރޯދަ ހިފުމަށް ޢަމުރުކުރެއްވިއެވެ.

 

ޢާޝޫރާ ދުވަހު ރޯދަހިފުމުގެ ދަރަޖަތައް

  • ފުރަތަމަ ދަރަޖަ: ނުވަވަނަ ދުވަހާއި، ދިހަވަނަދުވަސް އަދި އެގާރަވަނަ ދުވަހު ރޯދަހިފުން.

عَنْ ابْنِ عَبَّاسٍ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ((صُومُوا يَوْمَ عَاشُورَاءَ ، وَخَالِفُوا فِيهِ الْيَهُودَ، صُومُوا قَبْلَهُ يَوْمًا أَوْ بَعْدَهُ يَوْمًا)).[8]

އިބްނު ޢައްބާސް رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާވެގެންވެއެވެ: ރަސޫލޫﷲ صلى الله عليه وسلم  ހަދީޘް ކުރެއްވިއެވެ: “ތިޔަބައިމީހުން ޢާޝޫރާ ދުވަހު ރޯދަހިފާށެވެ. އަދި އެކަމުގައި ޔަހޫދީންނާއި ޚިލާފުވާށެވެ. އެދުވަހުގެ (އެބަހީ ޢާޝޫރާ ދުވަހާއި އެކު އެދުވަހުގެ) ކުރިން އެއްދުވަހު ނުވަތަ އެދުވަހުގެ ފަހުން އެއްދުވަހު ރޯދަހިފާށެވެ.”

 

  • ދެވަނަ ދަރަޖަ: ނުވަވަނަ ދުވަހާއި، ދިހަވަނަދުވަސް ރޯދަ ހިފުން.

وعن ابن عباس رضي الله عنهما قال : ((حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ ، قَالُوا : يَا رَسُولَ اللَّهِ ، إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ . قَالَ : فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ )) [10]

އިބްނު ޢައްބާސް رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާވެގެންވެއެވެ: ރަސޫލޫﷲ صلى الله عليه وسلم ޢާޝޫރާ ދުވަހު ރޯދައަށް ހުންނަވާ އަދި އެދުވަހު ރޯދަހިފުމަށް ޢަމުރުކުރެއްވުމުން އެބައިމީހުން ދެންނެވިއެވެ: އޭ ﷲ ގެ ރަސޫލާ އެވެ، އެދުވަހަކީ އެއީ ޔަހޫދީންނާއި ނަޞާރާއިން މާތްކުރާ ދުވަހެކެވެ. ރަސޫލޫﷲ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ:” މާތް ﷲ އިރާދަކުރެއްވިއްޔާ އަންނަ އަހަރުގައި ނުވަވަނަ ދުވަހު އަހުރެމެން ރޯދަހިފާނީއެވެ. ޢިބްނު ޢައްބާސް رَضِيَ اللَّهُ عَنْهُمَا ވިދާޅުވިއެވެ. ޖެހިގެން އައި އަހަރު އާއިރު ރަސޫލޫﷲ صلى الله عليه وسلم އަވަހާރަވެވަޑައިގެންފިއެވެ.

 

  • ތިންވަނަ ދަރަޖަ: ޢާޝުރާ ދުވަހު އެކަނި ރޯދަހިފުން.

އިސްވެ ބަޔާންކުރެވުނު ޙަދީޘްގައިވާ ފަދައިން ނަބިއްޔާ صلى الله عليه وسلم ރޯދައަށް ހުންނެވީ ޢާޝޫރާ ދުވަހުގައި އެކަނިއެވެ.

އިމާމު އިބުނުލް ޤައްޔިމު رحمه الله ވިދާޅުވެފައިއެވެ.[9] “ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމުގެ ތިން ދަރަޖައެއް ވެއެވެ. އޭގެތެރެއިން އެންމެ ފުރިހަމައީ ޢާޝުރާ ދުވަހާއިއެކު އޭގެ ކުރީދުވަހާއި އަދި ޖެހިގެން އަންނަ ދުވަހު ރޯދަ ހިފުމެވެ. އަދި އަނެއް ދަރަޖައަކީ މުޙައްރަމް މަހުގެ ނުވަވަނަ ދުވަހާއި ޢާޝުރާ ދުވަސް ރޯދަ ހިފުމެވެ. އެއީ މި ކަމާއި ގުޅުންހުރި ގިނަ ހަދީޘްތަކުން އެކަމަށް ދަލީލު ލިބޭތީއެވެ. އަދި އަނެއް ދަރަޖައަކީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަސް ނުވަތަ ޢާޝޫރާ ދުވަހު އެކަނި ރޯދަ ހިފުމެވެ.

 

ދުޢާ އަކީ ﷲ سبحانه وتعالى ޢާޝޫރާ ދުވަހު ރޯދަހިފުމުގެ ހެޔޮތައުފީގު އަޅަމެން އެންމެނަށް މިންވަރު ކޮށްދެއްވުމެވެ.

 

ނޯޓް: މި އަހުރުގެ މުޙައްރަމް މަހުގެ 9 ވަނަ ދުވަހަކީ މި ހިނގާ އޮގަސްޓް މަހުގެ 28 ވަނަ ދުވަހެވެ. އަދި 10 ވަނަ (ޢާޝޫރާ) ދުވަހަކީ 29 ވަނަ ދުވަހެވެ.
—————————————————

[1]  صحيح مسلم 1163

[2] صحيح البخاري 1527

[3] المفهم شرح صحيح مسلم (3/190)

[4] صحيح البخاري 1924

[5] صحيح مسلم 2063

[6]صحيح مسلم 1991

[7] صحيح البخاري 1921

[8] رواه أحمد 2155

[9]قال الإمام ابن القيم ( فمراتب صومه ‏ثلاثة: أكملها: أن يصام قبله يوم وبعده يوم، ويلي ذلك أن يصام التاسع والعاشر، وعليه ‏أكثر الأحاديث، ويلي ذلك إفراد العاشر وحده بالصوم. وأما إفراد التاسع، فمن نقص ‏فهم الآثار، وعدم تتبع ألفاظها وطرقها ، وهو بعيد من اللغة والشرع، والله الموفق للصواب) زاد ‏المعاد لابن القيم ( 2/75) وقد ذكر هذه المراتب الحافظ ابن حجر في فتح الباري ( ‏‏4/311) فارجع إليها إن شئت

[10] رواه مسلم 1134