ރޯދައިގެ މާނަ އަދި ރަމަޟާން މަހުގެ ރޯދައިގެ ވާޖިބުކަން
- ރޯދައިގެ މާނަ:
ރޯދައަކީ، މާތް ﷲ އަށް ކުއްތަންވުމުގެ ގޮތުން ފަޖުރުއްޞޯދިގުގެ އަލިކަން ފައުޅުވީއްސުރެ އިރުއޮއްސިޖައުމަށް ދާނދެން ރޯދަ ގެއްލޭ އެންމެހާއި ކަންތައްތަކުން ދުރުހެލިވެ ހުރުމެވެ.
- ރަމަޟާންމަހުގެ ރޯދައިގެ ވާޖިބުކަން:
ރޯދައަކީ އިސްލާމްކަން އެކަމުގެ މައްޗަށް ބިނާވެގެންވާ އިސްލާމް ދީނުގެ ރުކުނެކެވެ. އަދި އޭގެ ވަގުތާއި ކައިފިއްޔަތުގައި ތަފާތު ތަކެއް ހުރިނަމަވެސް ރޯދަ އަކީ އެންމެހާ އުއްމަތްތަކެއްގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ކަމެކެވެ.
މާތް ﷲ ވަޙާ ކުރައްވާފައިވެއެވެ:
يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿١٨٣﴾[1]
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.
ރޯދައިގެ ވާޖިބުކަމަށް ކީރިތި ޤުރުއާނާއި، ނަބިއްޔާ ގެ ސުންނަތުން އަދި އިޖުމާޢުއިން ދާލީލު ލިބެއެވެ.
- ކީރިތި ޤުރުއާނުން: މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ:
يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿١٨٣﴾ أَيَّامًا مَّعْدُودَاتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ فَمَن تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَّهُ ۚ وَأَن تَصُومُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ ﴿١٨٤﴾[2]
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ. (ރޯދަހިފަންވީ) عدد ކަނޑައެޅިގެންވާ ދުވަސްތަކެއް ގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (رمضان މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) فدية ދިނުމެވެ. (فدية ގެ މިންވަރަކީ) مسكين އަކަށް ކާންދޭ މިންވަރެވެ. ފަހެ، تطوّع ގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ.
- ނަބިއްޔާ ގެ ސުންނަތުން: ނަބިއްޔާ ޙަދީޘް ކުރައްވާފައިވެއެވެ:
بُنيَ الإسلامُ على خَمسٍ: شهادَةِ أنْ لا إلَهَ إلَّا اللهُ وأنَّ مُحمدًا رسولُ اللهِ، وإقامِ الصلاةِ، وإيتاءِ الزَّكاةِ، وصَومِ رَمَضانَ، وحَجِّ البَيتِ[3]
މާނައީ: އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ. މާތް ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާކަމަށް ހެކިވުމެވެ. އަދި ނަމާދު ޤާއިމްކުރުމެވެ އަދި ޒަކާތް ދިނުމެވެ އަދި ރަމަޟާންމަހު ރޯދަހިފުމެވެ އަދި ކައުބަތުﷲ ގެފުޅަށް ޙައްޖުވުމެވެ.
ޢިޖުމާޢު: ރަމަޟާން މަހުގައި ރޯދަހިފުމަކީ ވާޖިބުވެގެންވާ ކަމެއްކަމަށް މުސްލިމުންވަނީ އިޖުމާޢުވެގެންނެވެ. އަދި ރަމަޟާންމަހުގައި ރޯދަހިފުމުގެ ވާޖިބުކަމަށް އިންކާރުކޮށްފި މީހާވަނީ ދީނުން ބޭރުވެ މުރުތައްދުވެގެންނެވެ.
[1] البقرة (183)
[2] البقرة (183-184)
[3] أخرجه البخاري (8)، ومسلم (16)، والترمذي (2609) واللفظ له، والنسائي (5001)، وأحمد (6015)