މި ލިޔުމަކީ ހިތާމަނުކުރާށެވެ! ސިލްސިލާގައި ހިމެނޭ 35 ލިޔުމުގެތެރެއިން 7 ވަނަ ލިޔުމެވެ.

އެހެން މީހުންނަށް ހެޔޮކޮށް ހިތުމަކީ  ހިތަށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ.

ޞަދަޤާތަކުން އެންމެ ފުރަތަމަ ފައިދާ އެއް ކުރާނީ އެ ޞަދަޤާތް ދިން މީހާއަށެވެ. އެއީ އޭނާ ގެ އަމިއްލަ ނަފްސަށާއި އޭނާގެ ޢަމަލުތަކަށް އަންނަ ބަދަލުތައް ފެނި އޭނާ އަށް ލިބޭ ހަމަޖެހުމުގެ ސަބަބުންނެވެ. އަދި އަނެކާގެ މޫނުމައްޗަށް ވެރިވާ ހިނިތުންވުން ފެނި، ލިބޭ ހިތް ހަމަޖެހުމުގެ ސަބަބުންނެވެ.

ތިބާ އަށް އުނދަގުލެއް ނުވަތަ މުޞީބާތެއް ކުރިމަތިވެއްޖެނަމަ، އެހެން މީހުންނަށް ހެޔޮކޮށް ހިތާށެވެ. އޭރުން ހިތްހަމަ ޖެހުމާއި އުފާވެރިކަން އެންމެ ފުރަތަމަ ލިބޭ މީހާ ކަމުގައި ތިބާ ވާނެއެވެ. ބޭނުންޖެހިފައިވާ މީހުންނަށް އެހީވެދޭށެވެ. އަނިޔާ ލިބިފައިވާ މީހާ ހިމާޔަތް ކޮށްދޭށެވެ. ހިތާމާގައިވާ މީހުންނަށް އެހީވެދޭށެވެ. ބަލިމީހުންނަށް ޒިޔާރަތް ކުރާށެވެ. އޭރުން ހުރިހާ ފަރާތަކުން އުފާވެރިކަން ތިބާ ވަށައިލާތަން ފެންނާނެއެވެ.

ޞަދަޤާތުގެ ގޮތުގައި ކުރެވޭ ޢަމަލަކީ މީރުވަސްދުވާ އަތަރު ފަދަ އެއްޗެކެވެ. އޭގެއިން، އެ ބޭނުން ކުރާ މީހާއަށާއި، އެ ވިއްކާ މީހާއަށާއި އަދި ގަންނަ މީހާއަށް ފައިދާ ކުރެއެވެ. މީގެ އިތުރުން، ޞަދަޤާތްކުރުމުގެ ސަބަބުން، ލިބޭ ނަފްސާނީ ފައިދާތައް ވަރަށް ގިނަގުނައެވެ.

ތިބާ ޑިޕްރެޝަން ތަޙައްމަލް ކުރަމުން ދާނަމަ، ޞަދަޤާތުގެ ގޮތުގައި ކުރެވޭ ޢަމަލުތަކުގެ ސަބަބުން، ޑޮކްޓަރީ ބޭހަށްވުރެ މާބޮޑަށް ތިބާގެ ބައްޔަށް ހެޔޮ އަސަރު ކުރުވައެވެ.

އެހެން މީހުންނާއި ބައްދަލުވާ ހިނދު ހިނިތުންވެލުމަކީވެސް ޞަދަޤާތެކެވެ.

ރަސޫލުއްﷲ ޞައްލައްﷲ އަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ:

‏ “‏ لا تحقرن من المعروف شيئاً ولو أن تلقى أخاك بوجهٍ طليق‏”‏ ‏(‏‏(‏رواه مسلم‏)‏‏)‏‏.‏

މާނައީ: ހެޔޮކަމުގެ ތެރެއިން އެއްވެސް ކަމެއް އެއީ ކުޑަކަމެއްގެ ގޮތުގައި ނުދެކޭށެވެ. އެއީ ހިނިތުންވެފައިވާ މޫނަކާއިގެން ތިބާގެ އަޚާއާއި ބައްދަލުކުރުން ކަމުގައި ވިޔަސްމެއެވެ.

 

ތިބާ މީހުންނާއި ބައްދަލު ވާހިނދު މޫނު ހަނދާފައި ހުންނަނަމަ، ތިޔަ ދެއްކެނީ ނަފްރަތްތެރިކަމުގެ އަލާމާތެކެވެ. މިއީ އަޚުވަންތަކަމަށް ނުރައްކާހުރި އޭގެ ނުބައިކަމުގެ މިންވަރުގެ ބޮޑުކަން ހަމައެކަނި ﷲ ދެނެވޮޑިގެންވާ ކަމެކެވެ.

ރަސޫލުއްﷲ ޞައްލައްﷲ އަލައިހި ވަސައްލަމް އަހަރެމެންނަށް ޚަބަރު ދެއްވާފައިވާ ގޮތުގައި، ކުއްތާއަކަށް މުށެއްގެ ފެން ދިން، ހަށިވިއްކާ މީހަކަށް އޭނާ އެކުރި ޢަމަލު ގެ ޖަޒާ އެއްގެ ގޮތުން އުޑުތަކާއި ބިމުގެ ތަނަވަސްކަންވާ ސުވަރުގެ ދެއްވިއެވެ. އެހެނީ، ޖަޒާ ދެއްވާ  ރަސްކަލާނގެ އަކީ އެންމެހައި ހަމްދު ޘަނާ ލިބިވޮޑިގެންވާ ޢަފޫކުރައްވާ ރަސްކަލާނގެއެވެ.

ހިތްދަތިކަމާއި، ބިރުވެރިކަމާއި، ހިތާމަތައް  ކުރިމަތިވެދާނެކަމުގެ ބިރު ހީވެފައިވާ މީހާއެވެ. އެހެން މީހުންނަށް ހެޔޮ ފޯރުވުމުގައި ތިބާގެ ނަފްސު މަޝްޢޫލު ކުރާށެވެ. އެކި ގޮތްގޮތުން މީހުންނަށް އެހީތެރިވާށެވެ. ޞަދަޤާކޮށްގެންނެވެ. މެހެމާންދާރީ އަދާ ކޮށްދީގެންނެވެ. ހަމްދަރުދީވުމުންނެވެ. ހިތްވަރުދީގެންނެވެ. އަދި އެގޮތަށް ކަންކުރުމުން، ތިބާ ހިތްއެދޭ ހުރިހާ އުފަލެއް ލިބިގެންދާތަން ފެންނާނެއެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ:

الذِي يُؤْتِي مَالَهُ يَتَزَكَّىٰ ﴿١٨﴾ وَمَا لِأَحَدٍ عِندَهُ مِن نِّعْمَةٍ تُجْزَىٰ ﴿١٩﴾ إِلَّا ابْتِغَاءَ وَجْهِ رَبِّهِ الْأَعْلَىٰ ﴿٢٠﴾(سورة الليل)

މާނައީ: އެމީހާއީ، އެމީހާ ޠާހިރުވެގަތުމަށްޓަކައި، އޭނާގެ މުދާ ހޭދަކުރާ މީހާއެވެ. އެހެންމީހެއްގެ ފަރާތުން އޭނާޔަށް ލިބޭނެ ހެޔޮކަމެއްގެ ބަދަލުގައެއް ނޫނެވެ. އެހެނެއްކަމަކު އޭނާ ހޭދަކުރަނީ އޭނާގެ ވެރި، މަތިވެރިވަންތަ ރަސްކަލާނގެ ވަޖުޙުފުޅު އަދައިގެންނެވެ.