މި ލިޔުމަކީ ހުކުރުދުވަހުގެ ފައިދާތައް ސިލްސިލާގައި ހިމެނޭ 5 ލިޔުމުގެތެރެއިން 5 ވަނަ ލިޔުމެވެ.
  1. ހުކުރު ދުވަހުގެ މާތްކަމާ މަތިވެރިކަން އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި އެދުވަހުގެ ވަޤުތުތައް އަޅުކަމަށް ޚާއްޞަ ކުރެއްވުމަކީ މާތް ނަބިއްޔާ ﷺ ގެ މަތިވެރި ހިދާޔަތުގެ ތެރެއިންވާ ކަމެކެވެ. އެގޮތުން އެދުވަހުގައި އެކަލޭގެފާނުގެ ބައެއް ޢަމަލުފުޅުތަކަށް ބަލާލައިފި ކަމުގައިވާނަމަ އަޅުގަނޑުމެންނަށް މިކަން ވަރަށް ރަނގަޅަށް ސާފުވެގެންދާނެއެވެ. ހުކުރު ދުވަހުގެ ފަތިސްނަމާދުގައި އެކަލޭގެފާނު سورة السجدة އަދި سورة الإنسان ކިޔަވާވިދާޅުވައެވެ. އަދި ހަމައެހެންމެ ހުކުރު ނަމާދަށް ޚާއްޞަކޮށް ހިނައިގަތުމާއި، މީރުވަސްދުވާ ހުނވަދު ތުރުކުރައްވަވައެވެ. އެދުވަހުގެ ޖަމާޢަތަށް ޙާޟިރުވާހިނދު އެންމެ ރީތި ހެދުން ތުރުކުރައްވައެވެ. އަދި އެދުވަހުގެ ޖަމާޢަތަށް މިސްކިތަށް އަވަހަށް ދިއުމަށް ބާރުއަޅުއްވާފައި ވެއެވެ. ހަމައެހެންމެ އިމާމު މީހާ މިންބަރަށް އަރައިފުމަށްދާންދެން ސުންނަތް ނަމާދުކުރުމާއި، ޤުރުއާން ކިޔެވުމުގައި މުޝްޣޫލުވުމަށް ބާރު އަޅުއްވާފައިވެއެވެ. ހަމައެފަދައިން ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔުމަކީ މަތިވެރި ސުންނަތެކެވެ. އެދުވަހުގައި އެކުލެވިގެންވާ ساعة الإجابة (ދުޢާ އިޖާބަ ކުރެވޭ ވަޤުތު) ހާޞިލުކުރުމަށް އެކަލޭގެފާނު އުންމަތައް އިރުޝާދު ދެއްވާފައިވެއެވެ. ހުކުރު ދުވަހު މާތް ނަބިއްޔާ ﷺ ގެ މައްޗަށް ޞަލަވާތް ކިޔުމަކީވެސް މަތިވެރިވެގެންވާ ސުންނަތެކެވެ. މަތީގައި ބަޔާންވެފައި އެވަނީ ހުކުރު ދުވަހު މާތް ނަބިއްޔާ ﷺ ގެ ހަދްޔުގެ ތެރޭ ހިމެނިގެންވާ ބައެއް ކަންކަމެވެ. އޭގެ ތަފްޞީލުތައް މިފޮތުގެ ކުރިއަށްހުރި ބައިތަކުގައި އަންނާނެއެވެ. އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވަނީ މިކަންތައްތަކުގައި ހިފައި މި ބަރަކާތްތެރި ދުވަހުގެ މަތިވެރިކަން ފުރިހަމަ ގޮތުގައި ލިބިގަނެވޭތޯ މަސައްކަތް ކުރުމެވެ.

 

  1. ހުކުރު ދުވަހު ނުވަތަ ހުކުރުވިލޭރޭ ކަހްފު ސޫރަތް ކިޔެވުމަކީ މަތިވެރި ސުންނަތެކެވެ. މާތް ނަބިއްޔާ ﷺ ޙަދީޘްފުޅު ކުރައްވާފައިވެއެވެ.((مَنْ قَرَأَ سُورَةَ الْكَهْفِ يَوْمِ الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمُعَتَيْنِ)) [1]މާނައީ: “ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ.” އަދިވެސް އެހެން ޙަދީޘްފުޅެއްގައި ވެއެވެ. ((من قرأ سورة الكهف يوم الجمعة أضاء له من النور ما بينه وبين البيت العتيق)) [2]މާނައީ: “ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށް، ﷲ ތަޢާލާ އެމީހަކާއި ކަޢުބަތުﷲ ގެފުޅާ ދެމެދު ނޫރަކުން އަލިކޮށްދެއްވާނެއެވެ.”

 

  1. ހުކުރު ދުވަހު މާތް ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަ ކުރާށެވެ. އެހެނީ ﷲ ތަޢާލާ ވަނީ އެކަމަށް އީމާންވީ މީސްތަކުންނަށް ގޮވާލައްވާ އަމުރު ކުރައްވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.(إِنَّ اللَّـهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚيَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا) [3]މާނައީ: “ހަމަކަށަވަރުން ﷲ އާއި އެއިލާހުގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވައެވެ. އޭ އީމާންވީ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ އެކަލޭގެފާނު މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރަށެވެ. އަދި ސަލާމްކުޅައުމުން ސަލާމްކުރާހުށިކަމެވެ.” އިބުނު ކަޘީރު رحمه الله ވިދާޅުވެފައިވެއެވެ. “ބައެއް ޢިލްމުވެރިންގެ ކިބައިން މާތް ނަބިއްޔާގެ މައްޗަށް ޞަލަވާތް ކިޔެވުން އުމުރުން އެއްފަހަރުގައި، ވާޖިބުވެގެންވާ ކަމަށް އައިސްފައިވެއެވެ. އެއީ މިއާޔަތަށް ޢަމަލުކުރުމުގެ ގޮތުންނެވެ. އެޔަށްފަހު ކޮންމެ ޙާލެއްގައިވެސް ސުންނަތް ވެގެންވެއެވެ.”

ކުރިންވެސް ބަޔާންވެދިޔަ ފަދައިން ދުވަސްތަކުގެ ތެރެއިން އެންމެ މާތްދުވަހަކީ ހުކުރު ދުވަހެވެ. އަދި ޚަލްޤުތަކުން ކުރެ އެންމެ މާތް ޚަލްޤަކީ މާތް ނަބިއްޔާއެވެ. ހުކުރު ދުވަހު އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކުޔެވުންގިނަ ކުރަން ޖެހޭ ސަބަބަކީ އެއީއެވެ. އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވެއެވެ. (إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ، فَأَكْثِرُوا عَلَيَّ مِنَ الصَّلَاةِ فِيهِ[4])  މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށްވާ އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. ފަހެ އެދުވަހުގައި ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ.”

_______________________________

މަޞްދަރު: أربعون فائدة في يوم الجمعة للشيخ محمد صالح المنجد

[1] رواه الحاكم

[2] رواه البيهقي والحاكم وصححه الألباني

[3] سورة الأحزاب: 56

[4] رواه أبو داود