އިސްލާމްދީނުގެ މަތިވެރި ކަމާއި ދަރުމައިގެ ތެރޭއިން މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ފަސޭހައިން ކުރެވޭ މީޒާނުގައި ބަރުދަން ބޮޑު ހެޔޮ ކަންތައްތަކުގެ ތެރެއިން އެއްކަމަކީ ފަތިސް ނަމާދު ޖަމާޢަތުގައި އަދާކޮށް އިރުއަރަންދެން ޒިކުރު ކުރުން މަތީ ދެމިހުރެ އެއަށްފަހު ދެ ރަކުއަތް ނަމާދެއް ކުރުމުން ޙައްޖަކާއި ޢުމްރާއެއްގެ ދަރުމަ އާއި ސަވާބު ލިބިގެން ދިޔުމެވެ. މިކަމަށް އިޝާރާތްކުރައްވާ ޙަދީޘްފުޅެއްގައި ވެއެވެ.
أَنَسُ بْنُ مَالِك رَضِيَ اللهُ عَنْهُ ކިބައިން ރިވާވެގެންވެއެވެ. ﷺ ޙަދީޘް ކުރެއްވިއެވެ. ((مَنْ صَلَّى الْغُدَاةَ فِيْ جَمَاعَةٍ ثُمَّ قَعَدَ يَذْكُرُ اللَّهَ حَتَّى تَطْلُعَ الشَّمْسُ ثُمَّ صَلَّى رَكْعَتَيْنِ كَانَتْ لَهُ كَأَجْرِ حَجَّةٍ وَعُمْرَةٍ تَامَّةٍ تَامَّةٍ تَامَّةٍ))
[أخرجه الترمذي (586)، والبغوي في ((شرح السنة)) (710) صححه الشيخ الألباني:الصحيحة:3403]
ފަތިސް ނަމާދު ޖަމާޢަތުގައި ކޮށް އަދި ޒިކުރުކުރުން މަތީ އިރުއަރައްޖައުމަށް ދާންދެން ނުތެދުވެ އިނދެ އެއަށްފަހު ދެ ރަކުޢަތުގެ ނަމާދެއް ކޮށްފި މިހާއަށް ޙައްޖަކާއި ޢުމުރާއެއްގެ ސަވާބު ލިބޭހުއްޓެވެ. ފުރިހަމަގޮތުގައެވެ! ފުރިހަމަގޮތުގައެވެ! ފުރިހަމަގޮތުގައެވެ!”
އެހެންކަމުން ތިބާ ކޮންމެ ދުވާލު ފަތިސް ނަމާދުގެ ޖަމާޢަތަށް ޙާޟިރުގެ ނަމާދު ޖަމާޢަތުގައި ކޮށް ޒިކުރުކުރުމަށް އިނދެ އިރު ލޮންސިއަކާއި ހަމައަށް އެރުމުން ސުންނަތް ނަމާދެއް ކޮށްފިނަމަ ފުރިހަމަ ޙައްޖަކާއި ޢުމްރާއެއްގެ ދަރުމައާއި ސަވާބު ލިބޭހުއްޓެވެ. އަދި ހަފްތާގެ ހަތް ދުވަހުގެ މިގޮތައް ޢަމަލު ކޮށްފި ނަމަ ފުރިހަމަ ވެގެންވާގޮތުގައި 7 ޙައްޖާއި އަދި 7 ޢުމްރާގެ ދަރުމައާއި ސަވާބު ލިބޭހުއްޓެވެ. އަދި އެއްމަސް ވަންދެން (30 ދުވަސް ވަންދެން) މިގޮތައް ޢަމަލު ކޮށްފި ނަމަ ފުރިހަމަ ވެގެންވާގޮތުގައި 30 ޙައްޖާއި އަދި 30 ޢުމްރާގެ ދަރުމައާއި ސަވާބު ލިބޭހުއްޓެވެ. އަދި އަހަރުގެ 365 ދުވަހު ހިތްވަރާއި އެކު މިގޮތައް ޢަމަލު ކޮށްފި ނަމަ ފުރިހަމަ ވެގެންވާގޮތުގައި 365 ޙައްޖާއި އަދި 365 ޢުމްރާގެ ދަރުމައާއި ސަވާބު ލިބޭހުއްޓެވެ. إن شاء الله. މާތްﷲރަޙްމަތާއި އޯގަންތަ ކަމުގެ ބޮޑުކަމާއެވެ. މިފަދަ މަތިވެރިކަން ހޯދުމަށް އަވަސްވެގަންނަމާ ހިންގަވާށެވެ. މާތް ﷲ އަޅަމެންނަށް މިފަދަ މަތިވެރި ސަބާބާއި ދަރުމަ އެކުލެވިގެންވާ އަޅުކަންކަމުގައި ހީވާގިކަންދެއްވާ ސާބިތުކަން ދެއްވާށި. އާމީން.