ރަމަޟާން މަސް ވަދެއްޖެކަން ޘާބިތުކުރުން

 

ރަމަޟާން މަސް ވަދެއްޖެކަން ޘާބިތުކުރުންވަނީ ދެގޮތަކަށެވެ:

  1. ރަމަޟާންމަހުގެ ހުޅެވި ހަނދު ފެނުމެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ: إذا رأيتُم الهلالَ فصوموا ، و إذا رأيتُموه فأفطروا ، فإن غُمَّ عليكم فاقدروا له[1]

މާނައީ: ތިޔަބައިމީހުންނަށް (ރަމަޟާންމަހުގެ) ހުޅެވިހަނދު ފެނުމުން ރޯދަ ހިފާށެވެ. އަދި (ޝައްވާލުމަހުގެ) ހުޅެވި ހަނދުފެނުމުން (ރަމަޟާންމަހުގެ) ރޯދަހިފުން ދޫކޮށްލާށެވެ. އަދި ވިލާ ބޯވެއްޖެނަމަ (ހަނދު ނުފެއްނަނަމަ) ހިސާބު ކުރާށެވެ.

އަދިވެސް ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ: لا تَصُومُوا حتَّى تَرَوُا الهِلَالَ، ولَا تُفْطِرُوا حتَّى تَرَوْهُ، فإنْ غُمَّ علَيْكُم فَاقْدُرُوا له.[2]

މާނައީ: (ރަމަޟާންމަހުގެ) ހުޅެވިހަނދު ފެނުމުން މެނުވީ ތިޔަބައިމީހުން ރޯދަ ނުހިފާށެވެ. އަދި (ޝައްވާލުމަހުގެ) ހުޅެވި ހަނދުފެނުމުން މެނުވީ (ރަމަޟާންމަހުގެ) ރޯދަހިފުން ދޫކޮށް ނުލާށެވެ. އަދި ވިލާ ބޯވެއްޖެނަމަ (ހަނދު ނުފެއްނަނަމަ) ހިސާބު ކުރާށެވެ.

 

  1. ރަމަޟާން މަހުގެ ހުޅެވި ހަނދު ނުފެނިއްޖެނަމަ ޝަޢުބާން މަހުގެ ތިރީސް ދުވަސް ހަމަކުރާނީ އެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ: الشَّهْرُ تِسْعٌ وعِشْرُونَ لَيْلَةً، فلا تَصُومُوا حتَّى تَرَوْهُ، فإنْ غُمَّ علَيْكُم فأكْمِلُوا العِدَّةَ ثَلَاثِينَ.[3]

މާނައީ: މަހެއްގައި ވަނީ (މަދުވެގެން) ނަވާވީސް ރެއެވެ.(ރަމަޟާންމަހުގެ) ހުޅެވިހަނދު ފެނުމުން މެނުވީ ތިޔަބައިމީހުން  ރޯދަ ނުހިފާށެވެ. އަދި ވިލާ ބޯވެއްޖެނަމަ (ހަނދު ނުފެއްނަނަމަ) (ޝައުބާން މަހުގެ) ތިރީސް ދުވަސް ހަމަކުރާށެވެ.

 

 

 

 

 

 

[1] أخرجه البخاري (1900)، ومسلم (1080) باختلاف يسير، والنسائي (2120)، وابن ماجه (1654)، وأحمد (6323) واللفظ لهم.

البخاري (1080)، ومسلم (1906)[2]

[3] البخاري (1907)